Support Us

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ފާތިމަތު ނަޝްވާއާ ހަވާލުކުރައްވަނީ

ފުލުހުންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ސުޕްރިންޓެންޑެންޓުން

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ތިން ކަނބަލަކު އައްޔަންކޮށްފިއެވެ. މި ރޭންކަށް ފުރަތަމަ ފަހަަރަށް ހަމަޖެއްސެވި ކަނބަލުންނަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިވަޑައިގެންނެވިއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް  ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 26 އަހަރު ހޭދަކުރައްވާފައިވާއިރު މި މުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްކޮށްދެއްވާފައިވެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ އިސް ވެރިއެއްގެ ހައިސިއްޔަތުން ކޮމިއުނިޓީއާ ގުޅިގެން ކުށްމަދުކުރުމަށް ރާވައި ހިންގާފައިވާ ޕްރޮގްރާމްތަކެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭންޕް ފާހަގަކުރެވެއެވެ.

ފާތިމަތު ނަޝްވާ ފަސްޓް ޑިގްރީ ހާޞިލުކުރައްވާފައި ވަނީ މާސް ކޮމިއުނޭކޭޝަންއިންނެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކުރައްވާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންނެވެ. އުނގެނުމާއި އުނގަންނައިދިނުމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެކެވެ. އަދި އޭނާ ގެންދަވަނީ ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ސެޝަން ނަންގަވައިދެއްވަމުންނެވެ. ނަޝްވާ އަށް 2018 ވަނަ އަހަރު ރެހެންދި އެވޯރޑްސް ލިބިވަޑައިގެންފައިވެއެވެ. އަދި ސައުތު އޭޝިއަން ޕާޓްނަރޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓަރ އިން ހޮވި ސީއެސްއާރު ލީޑަރޝިޕް އެވޯރޑްވެސް ހާޞިލުކުރައްވާފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯރޑް އެވަރޑްވެސް ލިބިވަޑައިގެންފައިވެއެވެ.

Izmia mam
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު އިޒްމިއާ ޒާހިރާ ހަވާލުކުރައްވަނީ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު

މަގާމު ލިބިވަޑައިގެންނެވިއިރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައިވާއިރު މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައެވެ. އެގޮތުން ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭ ހިމެނިފައިވާއިރު ރާއްޖޭގެ ޑިވިޜަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޜަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީވެސް އިޒްމިއާ ޒާހިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސްޕާސަންގެ މަޤާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އަދި ވިކްޓިމް ސަޕޯޓްގައި މަސައްކަތްކުރެއްވި ދުވަސްވަރު ސައިން ލެންގުއޭޖް ކޯހެއް ފުރިހަމަކުރައްވާ އެބަހުން މުޢާމަލާތްކުރައްވަންވެސް ދަސްކުރައްވާފައިވެއެވެ. މާސްޓަރސް ލެވެލްއަށް ތަޢުލީމު ހާޞިލުކުރައްވާފައިވުމުގެ އިތުރުން ސިންގަޕޯރ ޕޮލިސްއިން ހިންގާ ސީނިއަރ އޮފިސަރސް ބޭސިކް ކޯސްފުރިހަމަކުރައްވާފައިވެއެވެ.

Azma
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު މަރިޔަމް އަޒުމާއާ ހަވާލުކުރައްވަނީ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެއެވެ. ސުޕްރިންޓެންޑެންޓްގެ މަގާމު ލިބިވަޑައިގެންނެވިއިރު އަޒުމާ ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ. މާސްޓާރސް ފެންވަރަށް ތަޢުލީމު ހާޞިލުކުރައްވާފައިވާއިރު އަޒުމާ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ، ކެރޭ އޮފިސަރެއްގެ ގޮތުގައެވެ. އެގޮތުން ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި، ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަންވެސް ފާހަގަކުރެވިފައިވެއެވެ. ކްލެރިކަލް އޮފިސަރެއްގެ މަޤާމުން ފެށި މި ވަޒީފާގައި އޭނާވަނީ ތަފާތު އެކި ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވައިފައެވެ. ޚިދުމަތުގެ އެންމެ ދިގު މުއްދަތެއްގައި އިންވެސްޓިގޭޝަންގެ ދާއިރާގައި ހޭދަކުރައްވާފައިވާއިރު ޔުނިޓް ލެވެލްގަ އާއި ޑިޕާޓްމަންޓްލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އެގޮތުން ހެޑް އޮފް ވިކްޓިމް ސަޕޯރޓްގެ މަޤާމާއި ފެމެލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް އުފައްދަވާފައިވާ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ނެޓްވޯކްގެ ރައީސްގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވާފައިވާ އޮފިސަރަކީވެސް އަޒުމާކަން ފާހަގަކުރެވެއެވެ. ސްޕޯޓްސް ދާއިރާއަށް ޚާއްސަ ޝައުޤުވެރިކަމަށް ބަހައްޓަވާއިރު، ބާސްކެޓުން ރަން ވަނަތައް ހާޞިލުކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޕަބްލިކްގައި ވެސް ނޭނގި ކޮށްލައިފާނެ ކުޑަކުޑަ ކަމެއް ކޮށްލާން ތިޔައިން ކަނބަލެއްގެ އަރިހުން ހޯމް މިނިސްޓަރު އެދިވަޑައިނުގެންފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. މި ފަހަރު އެފަދަ ކަމެއް ނުވާނެ ކަމަށް އުންމީދުކުރާނަމެވެ. ހުރިހާ ކަނބަލުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް