Support Us

އަތޮޅު ވޮލީ މުބާރާތުގެ ދެ ތަށި ވެސް ނޮޅިވަރަންފަރަށް

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ ތަށި ވެސް ނޮޅިވަރަންފަރު ޓީމުން އުފުލާލައިފިއެވެ.

ނޮޅިވަރަންފަރުގައި، މި މަހުގެ 12 ވަނަ ދުވަހު ފެށި ވޮލީ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ނޮޅިވަރަންފަރު ލައިކެންސް ޓީމު ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ލައިކެންސް އިން ފުރަތަމަ ސެޓް 25-21، ދެ ވަނަ ސެޓް 25-12 އަދި ތިން ވަނަ ސެޓް ގެންދިޔައީ 25-23 އިންނެވެ.

ރޭ ކުޅުނު ފިރިހެން ފައިނަލް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ކާމިޔާބުކުރީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބުގެ ޓީމު ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ފުރަތަމަ ސެޓު ނޮޅިވަރަންފަރު ގެންދިޔައީ 25-13 އިންނެވެ. އަނެއް ދެ ސެޓުގައި ވެސް ސާއްބަ އަށް ލިބުނީ 14 އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ލައިކަން އަށް ކުޅުނު ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ފާތިމަތު ޖޫޒާންގެ އިތުރުން މަރިޔަމް އަޒީފާ އާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމަށް ކުޅުނު ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އާމިނަތު ރާޝިދާގެ އިތުރުން ފާތުމަތު ސަމާހު އާއި ކުމުންދޫ ސްޕޯޓްސް ކްލަބުގެ އައިޝަތު އިބާދާ އާއި ޓީމު ނާވައިދޫގެ އައިޝަތު އަރީކާއެވެ. މީގެ ތެރޭގައި ހދ. އަތޮޅަށް ނިސްބަތްވާ އެެެެެެެެއްވެސް ކުޅުންތެރިއެއް ނެތެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ނޮޅިވަރަންފަރު ޓީމުގައި އެންމެ ހިތްވަރުކުރި ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަލީ ހުޒާމުގެ އިތުރުން އަހުމަދު ރަޝީދާއި އަހުމަދު ސައިފުﷲ އާއި ހަނިމާދޫ ސާއްބަ ޓީމުގައި ކުޅުނު ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމާއި އާދަމް ނަސީމާއި ހުސެއިން ޔޫސުފެވެ. މީގެ ތެރެއިން ހދ. އަތޮޅަށް ނިސްބަތްވަނީ އަހުމަދު ރަޝީދާއި ހުސެއިން ޔޫސުފު އެކަންޏެވެ.

އިއްޔެގެ ފައިނަލް މެޗުތައް ބަލަން ހދ.ގެ ރަށްރަށުގެ އިތުރުން ހއ. އަތޮޅުން ވެސް ވަރަށް ގިނަ މީހުން ނޮޅިވަރަންފަރަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް