މޫސުން ނުބައިވުމުގެ ސަބަބުން މި ދިޔަ އަންގާރަ ދުވަހު ސުވޭސް ކެނެލަށް އުރުނު އެވަރ ގްރީން ނަމަކަށް ކިޔާބޯޓުގެ ސަބަބުން ސުވޭސް ކެނެލް ބަންދުވެ އެ ކެނެލުން ދަތުރު ކުރާ ބޯޓުފަހަރުގެ ދަތުރުތައް ވަނީ ހުއްޓިފައެވެ. ސުވޭސް ކެނެލާ ބެހޭ އިދާރާއިން ބުރާސްފަތި ދުވަހު ބުނިގޮތުގައި 400 މީޓަރުގެ ބޮޑު ކޮންޓޭނަރ ސުވޭސް ކެނެލަށް އުރުމުގެ ސަބަބުން މިހާރު ވަނީ އެ ކެނެލްތެރެއިން ކުރާ ދަތުރުފަތުރުތައް ވަގުތީގޮތުން ހުއްޓައިލެވިފައެވެ. އެ ބޯޓު ފުން ކުރުމުގެ މަސައްކަތް އަށް ޓަގު ބޯޓަކުން ދަނީ ކުރަމުންނެވެ. މި އަށް ބޯޓުގެތެރޭގައި 160 ޓަނުގެ ބާރުގަދަ ޓަގް ބޯޓު "ބަރަކާ 1″ ވެއެވެ. މި ޓަގު ބޯޓުތައް މަސައްކަތްކުރަނީ އުރިފައިވާ ބޯޓު އެއް އަތަކަށް އަރިކޮށް މި ބޯޓުގައި ހުރި ކޮންޓޭނަރުތައް ބާލައި ބޯޓު ލުއިކޮށްގެން ބޯޓު ފުންކުރެވޭތޯއެވެ. ސުވޭސް ކެނެލާ ބެހޭ އިދާރާއިން ހާމަކުރިގޮތުގައި މިދިޔަ ބުދަދުވަހު ޕޯޓް ސަޢީދު މަގުން 13 ބޯޓަކަށް ކެނެލް ހުރަސްކުރެވުނެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޮސްކާލިސް
ހޮލެންޑްގެ ބޮސްކާލިސް ކުންފުނީގެ ތަންފީޒީ ރައީސް ޕީޓަރ ޕެރަޑޮވުސްކީ ވިދާޅުވާ ގޮތުގައި މި މަސައްކަތްކޮށް ނިންމައިލެވޭނެ ދުވަހެއް ކަނޑައަޅައި ވިދާޅުވަން އަދި ވަރަށް ދައްޗެވެ. އޭނާ ހޮލެންޑްގެ ޓީވީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ބޯޓުގެ ކޮޅުފަސްކޮޅާއި ދިރުނބާކޮޅު މިހާރު ވަނީ ކެނެލްގެ ދެފަރާތަށް އުފުއްލާލެވިފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ބިޔަ ވޭލެއް ފަޅުތެރެއަށް ވަދެ ބީހުން ކަހަލަ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ބޯޓު ލުއިކުރުމާއި ޓަގު ޖަހައިގެން ބޯޓު ދެމުމާއި ވެލި ކަހައިގެން ކެނެލް ފުންކުރުމުގެ މަސައްކަތެވެ. ސުވޭސް ކެނެލްގެ ރައީސް އުސާމާ ރަބީޢު ވިދާޅުވި ގޮތުގައި ވެލި ކެހުމުގެ މަސައްކަތުގެ 87 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
އެހެން މަގަކަށް ދަތުރުތައް ބަދަލު ކުރުން
ކެޕްލަރ ކުންފުނި ބުނާގޮތުގައި ސުވޭސް ކެނެލް ބަންދުވުމުގެ ސަބަބުން ގޭސް ޓޭންކަރުތަކުން މިހާރު ދަނީ ދަތުރުކުރާ މަގު ބަދަލު ކުރަން ފަށައިފައެވެ. ޑޭޓާ ތަޙްލީލުކުރުމާ ބެހޭ މި ކުންފުނީގެ ބޭފުޅަކު ވިދާޅުވިގޮތުގައި ތިން ޓޭންކަރެއް މިހާރު ވަނީ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕާ ދިމާއަށް މިސްރާބު ބަދަލުކޮށްފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޠަބީޢީ ގޭސް އުފުލާ ހަތް ޓޭންކަރެއް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސުވޭސް ކެނެލްގައި ވަނީ ބަންދުވެފައެވެ.

އެހެން މަގުތަކަކީ ކޮބާ!
ސުވޭސް ކެނެލަކީ އިންސާނުން ހަދާފައިވާ ފެނުގެ މަގެކެވެ. މިއީ ރަތްކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ 193 ކީލޯ މީޓަރުގެ ދިގު މަގެކެވެ. މި ކެނެލްގެ ސަބަބުން އޭޝިޔާއާއި އިރުމަތީ އެފެރިކާގެ ޤައުމުތައް ޔޫރަޕްގެ ޤައުމުތަކާ ގުޅިގެން ދެއެވެ. ޔޫރަޕާއި ދެ އެމެރިކާއާއި ހުޅަނގު އެފްރިކާގެ ޤައުމުތައް އިރުމަތީ އެފްރިކާއާއި އޭޝިޔާ ގުޅުވާ ދެނީ ވެސް މި ކެނެލެވެ. ސުވޭސް ކެނެލްގެ ބަދީލަކީ ކޭޕް އޮފް ގުޑް ހޯޕާއި އުތުރުތަނޑީގެ މަގެވެ. މި ދެ މަގަކީ ވެސް މާ ދިގު އަދި ދަތުރުފަތުރު ކުރުން މާ އަމާން މަގުތަކެއް ނޫނެވެ. ތިންވަނަ މަގަކަށް އޮތީ ދެކުނު އެމެރިކާ ވަށާލައިފާ ދަތުރުކުރެވެން އޮންނަ ކޭޕް އޮފް ގުޑް ހޯން މަގެވެ. އެއީ އިރުމަތީ އޭޝިޔާއާއި ދެ އެމެރިކާގެ ހުޅަނގު ބިތުގެ ޤައުމުތަކަށް އޮތް މަގެކެވެ. އެހެންކަމުން އެއީ ސުވޭސް ކެނެލާ ވާދަކުރާ މަގެއްނޫނެވެ.
ދަތުރުގެ އަގު މައްޗަށް ދިޔުން
ސުވޭސް ކެނެލުން ބޯޓުތަކާއި އުޅަނދުތައް ދަތުރު ނުކުރެވިގެން ތޮއްޖެހުމާ ވިދިގެން ކަނޑުމަގުން އުފުލޭ މުދަލުގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.ރިޕޯޓްތައް ބުނާގޮތުގައި ސުވޭސް ކެނެލް ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ވިޔާފާރިއަށް ގަނޑިއަކު 400 މިލިއަން ޑޮލަރުގެ ބޮޑު ތަކްލީފެއް އުފުއްލަން ޖެހެއެވެ. މިހާރު ޗައިނާއިން ޔޫރަޕަށް ކޮންޓޭނަރެއް ގެންދެވޭނީ އަށް ހާސް ޑޮލަރަށެވެ. އެއީ މި ދިޔަ އަހަރާ އަޅައިބަލާއިރު ހަތަރު ގުނަ ބޮޑު އަގެކެވެ. މީގެ އިތުރަށް ސުވޭސް ކެނެލް ބަންދުވުމުގެ ސަބަބުން ދަތުރުފަތުރަށް އަންނަމުންދާ ލަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ވަރަށް މައްޗަށް ދާނެއެވެ. ކޭޕް އޮފް ގުޑް ހޯޕާ ދިމާއަށް އުޅަނދުތަކުގެ މިސްރާބު ބަދަލުކޮށްލައިފިނަމަ މި ދަތުރު 9.65 ހާސް ކީލޯ މީޓަރުގެ ދުރު ދަތުރަކަށް ބަދަލުވެގެންދާނެއެވެ. މި ކަމުގެ ސަބަބުން މުދާ އުފުލުމުގެ އަގު 300 ހާސް ޑޮލަރަށް ބަދަލު ވާނެއެވެ.
ބީބީސީ ބުނާގޮތުގައި ސުވޭސް ކެނެލްގައި 160 އުޅަނދު ބަންދުވެފައި އެބައޮތެވެ. އޭގެތެރޭގައި ތެޔޮ އުފުލާ 24 ޓޭންކަރު ވެއެވެ.



advertisment