ޝައިޚަކު ކިޔައިދެއްވިއެވެ: މި ވާހަކަ ޝައިޚަށް ކިޔައިދިނީ، މި ޙާދިޘާ ކުރިމަތިވި އަޚެކެވެ.
އެ އަޚާ ކިޔައިދިނެވެ:
އަހަރެމެންނަކީ، ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުން ސަޢުދީގެ ރަށެއް ކަމަށްވާ ދައްމާމަށް ދަތުރު ކުރި ޒުވާނުންތަކެކެވެ. ހައިވޭ މަތީގައި ޖަހާފައިވާ 'ދައްމާމަށް 300 ކިލޯ މީޓަރ' ބޯޑު އަހަރެމެންނަށް ފެނުނެވެ. އަހަރެންގެ އެކުވެރިންނަށް އަހަރެން ބުނީމެވެ.
"އެކަމަކު އަހަރެންނަށް އެފުނުނީ، 'ޖަހަންނަމައަށް 300 ކިލޯމީޓަރު' !!!! މިހެންނެވެ."
އެމީހުން އަހަރެން އެބުނި ޖުމްލައާ މެދު ޖޯކު ޖަހައި ހީ ސަމާސާކޮށް ހެދިއެވެ. އަހަރެން ބުނީމެވެ. "ﷲ ގަންދީ ބުނަމެވެ. އަހަރެންނަށް އެބޯޑުގައި ލިޔެފައި ވަނިކޮށް ފެނުނީ 'ޖަހަންނަމައަށް 300 ކިލޯމީޓަރު' މިހެންނެވެ.
އެމީހުން އަހަރެންގެ ވާހަކަ ދޮގުކުރިއެވެ.
ހީ ސަމާސައިގައި އެމީހުން ވާ ޙާލު، ވަގުތު ހިނގަމުން ދިޔައެވެ. އަދި އަހަރެން، އަހަރެންނަށް އެފެނުނު ބޯޑާ މެދު ވިސްނަމުން ދިޔައީމެވެ. ދެވަނަ ބޯޑާ ކައިރިވުމުން އެކުވެރިން ބުންޏެވެ.
"ދައްމާމަށް 200 ކިލޯމީޓަރު!"
އަހަރެން ބުނީމެވެ. "ޖަހަންނަމައަށް 200 ކިލޯމީޓަރު!"
އެމީހުން އަހަރެންނާ ދިމާލަށް ހެމުން "އޭ މިހިރަ މޮޔަޔާއެވެ." ބުންޏެވެ.
އަހަރެން ބުނީމެވެ. "އެ އިލާހަކު މެނުވީ އެހެން އެއްވެސް އިލާހަކު ނުވާ ﷲ ގަންދީ ބުނަމެވެ. އަހަރެންނަށް ފެންނަނީ "ޖަހަންނަމައަށް 200 ކިލޯމީޓަރު" މިހެންނެވެ.
އެމީހުން ފުރަތަމަ ފަހަރެކޭވެސް އެއްފަދައިން އަހަރެންނާ ދިމާލަށް ހީ މަލާމާތްކޮށް ހެދިއެވެ. އަދި ބުންޏެވެ: "ކަލޭ އަހަރެމެންގެ މޫޑު އޮފްކޮށްލައިފިއެވެ!"
އެމީހުންގެ އެ ބުނުމުގެ ސަބަބުން އެކަމާ މެދު ވިސްނަން، އަހަރެން ހަނު ހުރީމެވެ.
އަހަރެންގެ އެ އަޚުން ހީ ސަކަރާތުގައި ވަނިކޮށް ތިން ވަނަ ބޯޑު ވެސް އަރައި ހަމަ ވެއްޖެއެވެ. "ދައްމާމަށް 100 ކިލޯމީޓަރު،" ދެން މާ ގިނަ އިރެއް ނުވާނެއެވެ. އެމީހުން ބުންޏެވެ.
އަހަރެން ބުނީމެވެ. "ﷲ ގަންދީ ބުނަމެވެ. ތި ބޯޑުގައި ވެސް އެވަނީ 'ޖަހަންނަމައަށް 100 ކިލޯމީޓަރު' އެވެ."
އެމީހުން ބުންޏެވެ: "ދަތުރަށް ފެށީއްސުރެއް ކަލޭ އަހަރެމެންނަށް ފާޑުފާޑު އެއްޗެހި ކިޔަމުން ތިޔަދަނީ!"
އަހަރެން ބުނީމެވެ.
"އަހަރެން މިތަނަށް ބައިލާށެވެ. އަހަރެން ރިޔާޟަށް ގޮސްދާނަމެވެ."
އެމީހުން ބުންޏެވެ:
"ކަލޭ ތީ މޮޔައެއް ހެއްޔެވެ؟"
އަހަރެން ބުނީމެވެ. "އަހަރެން ބައިލަދޭށެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭމެންނާ އެކު ދަތުރުކުރެވޭކަށް ދެން ނެތެވެ."
ދެން އެމީހުން އަހަރެން ބާލާފައި ދަތުރު ފަށައިފިއެވެ. އަހަރެން ދެވަނަ މަގަށް ގޮސް އިށީނދެގެން އިނީމެވެެ. މީހަކު އަހަރެން ގެންގޮސްދީފާނެ ކަމަށެވެ. އެތަކެއް އިރަށް ފަހު ކާރެއްގައި އައި މީހަކު އަހަރެން ނަގަން މަޑުކޮށްލިއެވެ. އަހަރެން އޭނާގެ ކާރަށް އެރީމެވެ. އޭނާ އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. އަދި އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ. އަހަރެންނަށް އެކަން އިޙްސާސްވެގެން އޭނާއާ ސުއާލުކުރީމެވެ.
"އޭ އަޚާ އެވެ. ތިބާ ދެރަވެފައި ތީނީ ކީއްވެތޯއެވެ؟ ވާހަކަ ދައްކަން ބޭނުންނުވަނީތޯއެވެ؟
އޭނާ ބުންޏެވެ:
"ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ. އެކަމަކު ދެންމެ އަހަރެން އައި މަގުމަތީގައި ފެނުނު އެކްސިޑެންޓެކެވެ. އަހަރެންގެ މުޅި ޙަޔާތުގައި ވެސް އެހާ ހުތުރު އެކްސިޑެންޓެއް ނުދެކެމެވެ."
އަހަރެން ބުނީމެވެ.
"ޢާއިލާއެއްތޯއެވެ؟ ނޫނީ ޒުވާނުންތަކެއް ތޯއެވެ؟"
އޭނާ ބުންޏެވެ: ނޫނެކެވެ! ޒުވާނުންތަކެކެވެ. އެމީހުންގެ ކާރެވެ." ދެން އޭނާ، އަހަރެންގެ އެ އެކުވެރިންގެ ކާރުގެ ޞިފަތަކާ އެއްފަދަ ޞިފަތަކެއް ކިޔައިދިނެވެ. އަހަރެންނަށް ހުއްޓުން އެރިއެވެ. އަދި ބުނީމެވެ.
"ތީ ހަމަ ތެދު ހެއްޔެވެ؟"
އޭނާ ބުންޏެވެ: "ﷲ ގަންދީ ބުނަމެވެ. މިއީ ހަމަ އަހަރެންނަށް ފެނުނު މަންޒަރެވެ."
އެ އަޚާ ކިޔައިދިނެވެ. އެމީހުން އަހަރެން ބާލައިފައި ދިޔަ މަގުމަތީގައި، ﷲ ތަޢާލާ އަހަރެންގެ އެކުވެރިންގެ މަރު ހިތްޕެވީކަން، އެ ހިސާބުން އަހަރެންނަށް ޔަޤީންވިއެވެ.
އަހަރެން ސަލާމަތްވީ ކަމަށްޓަކައި ﷲ އަށް ޙަމްދުކުރީމެވެ. އަދި އެ ބޯޑުތަކުގައި ވީ ފަދައިން އެމީހުންގެ މަޞީރަކީ، ޖަހަންނަމަކަން އަހަރެންނަކަށް ނޭނގެއެވެ. އެއީ އަހަރެން އެދޭވެސް ގޮތެއް ނޫނެވެ. އެކަމަކުވެސް އެއީ އަހަރެންގެ އެކުވެރިންނެވެ. އެމީހުން ކޮށްއުޅުން ފާފަތައް އަހަރެންނަށް އެނގެއެވެ.
"ޔާ ﷲ، އިބަ އިލާހަށް ޙަމްދު ހުއްޓެވެ. ފަހެ އެމީހުންނާ އެކު އަހަރެން ވެސް ރިޔާޟުން ނިކުތް ހިނދު އަހަރެންގެ ހިތުގައި އެންމެ ހެޔޮކަމެއް ކުރުމުގެ ނިޔަތެއް ވެސް ނެތެވެ. އެހެނަސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެންނަށް އިތުރު ފުރުޞަތެއް ދެއްވީއެވެ."
ވަރަށް ވެސް ހިތާމަވެރި ވާހަކައެވެ. ނަމަވެސް ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. ލިބިގަންނަންވީ ފިލާވަޅަކީ، އަހަރެމެންގެ އެއްވެސް މީހަކަށް އެމީހެއްގެ ނިމުން އަންނާނެ ވަޤުތެއް ނޭނގޭ ކަމެވެ. ޢަމަލު ކުރަންވީ ކޮންމެ ވަގުތެއްގައި ވެސް އަހަރެމެންގެ ވެރި ރައްބާ ބައްދަލުކުރަން ޖެހޭނެކަން ދަނެގެނެވެ. ކުށެއް ކުރެވުމީ ޢައިބެއް ނޫނެވެ. އެކަމަކު ޢައިބަކީ ކުށުގެ ތެރޭގައި ތައުބާވުމެއް ނެތި ދެމިހުރުމެވެ.
"ކޮންމެ އާދަމުގެ ދަރިއަކީ ވެސް ކުށް ކުރެވޭނެ މީހެކެވެ. ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނީ ތައުބާވާ މީހުންނެވެ."
-قصص وحكايات-
ޔާﷲ! އަޅަމެންނަށް ހެޔޮވިސްނުން ދެއްވައި، ވަގުތު ފާއިތު ނުވަނީސް އިބައިލާހުގެ މަގަށް ރުޖޫޢަވެ، ތައުބާވާ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! އަޅަމެންގެ ހިތްތައް އިބަ އިލާހުގެ ދީނުގެ މަތީގައި ލައްވައި އީމާނުގެ އަހުލުވެރިން ކަމުގައިވާ ޙާލު މަރުވުމުގެ ނަޞީބު ލައްވާނދޭވެ! އާމީން




advertisment