އެކިއިރަށް އެކިމޫސުމަށް ހެކިދޭގޮތުން ފެތުރޭވިލާ
އެކިސިފައިގާ އެކިކުލައިގާ އެކިނަމުން ނަންދޭވިލާ
އިރުއަރަން ތައްޔާރުވާ ހިނދު ދިއްލި އުޑުމަތި އަލިވެލައި
އިރުމަތީ އުދަރެސް ޖަރީކޮށް ފަތުރަމުންދޭ ރަންވިލާ
ވިޔަނުވާހައި ސިފަސިފައިގާ އުޑުމަތިން އެކި ހެނދުނުގައި
ހިޔަނިހެން ފެނިގެއްލެމުން އޮބަމުން ވަޔާދޭ ފުސްވިލާ
ސޫރަ ސަނދުވާއެއް ކުރާ އަލިސާފު އަވިދޭ މޫސުމަށް
ނޫއުޑުން ފެނެޔޭ ވަޔާއެކު އުދުހެމުންދާ ހާވިލާ
ވައިވަރަށް އެކި އަންނަ ބަދަލާ ބާރުމަޑުމިން ދޭހަވާ
ވައިގަހެއްހެން ވައިމަތީގައި އުފެދެމުންދޭ ވައިވިލާ
ވައިހިނދެން އުޅެނީކަމުގެ ލިބިދޭ އިޝާރާތާ އެކީ
ވައިމަތިން ނޫނީ ދަށުންވެސް ފެނިދެއޭ ލޮންސީވިލާ
އަލިއުޖާލާ މޫސުމެއްގައި އަވިދެމުންދާ ވަގުތުގައި
ހަލިއަވަސް ވިއްސާރައެއް އަންގައިދެނީ ޝަމްސުވިލާ
ބަދަލުވާ މޫސުމް ދުވަސްވަރު ހުޅަނގު ފެށުމުގެ ދޮރުމަތީ
އަދަދަކަށް ގިނަ އުދަރެހުން ދައްކާނެއޭ ހުދުއަޅިވިލާ
ދުނިޔެމަތި މުޅި ބަނަވެލައި ވިއްސާރަވީމާ އުޑުމަތީން
ފުނިވަރެއް ފަރުބަދަތަކެއްހެން ފެންނަމުންދޭ ކަޅުވިލާ
ސާފުކަންނެތި ހަޑިވެއުދަރެސް ބޯވެލާފައި ވައިމަތީން
ބާރުވައިގާ ވާރެޔާއެކު އަންނަނީ ވާރޭވިލާ
މޫސުމެއް ވިއްސާރަ ނިމިފައި އަލިވުމުގެދޭ ހެއްކަކަށް
ނޫ ރަތާ އެކުގައިފެނޭ އަޅި ފެހި ދަނބާ ރީދޫވިލާ
ރީތި އިރުވައިވައި ޖެހޭއިރު ސަފުހަދައި އުދަރެސްމަތީ
ރީތި ކަތިކަތި ރޮނގުތަކެއްހެން އެތުރެނީއެ ކޮތަރިވިލާ
އޮއްސުމުން އިރު ސާފުއުޑުމަތި ހަމަހިމޭން އަލިރޭރެއަށް
ބޮސްދެމުން އުދަރެސްއެކީ ޒީނަތްކުރޭ ނަލަރަތްވިލާ
އުޑުގެ ނަލަކަން އިތުރުވާހެން ހަނދުވަރީ ރޭރޭގަނޑަށް
އުޑުމަތީގައި ގިނަވެލާނީ މޫސުމާ ގުޅި ފޮތިވިލާ
ވައިހިމޭން ހަނދުވަރުދެމުންދާ ސާފުއުޑުމަތި ރޭރެއަށް
ކައިރިއަށް އުދަރެހުގެ ބޮނޑިވެ ފެންނަނީ ހުދުކަފަވިލާ
ސިފަ ތިބާގެ ހިތާޚިޔާލަށް ގެންނަ ހުރިހާ ސިފައަށާ
ސިފަކުރަން ނޭނގޭނެހާ ގިނަ ސިފަތަކަށް ފެނެޔޭވިލާ
ރޭގަނޑާ ހެނދުނާ ހަވީރާ މެންދުރާ އެކި ދަޅަމަތީ
އޭގެފަރިކަން މަސްތުކޮށްލާ ފަދަ ފެނޭ އެކި ކުލަވިލާ
