އުފަލެއް އެއިން މިއަދަކު ނެތޭ، އެ ހަނދާނަކީ އަނިޔާއެކޭ
އުފުލަން މި ހިތް ބޭނުންނުވާ މާޒީގެ ހިތި ދިލަ ވޭނެކޭ
ތަކުލީފުތައް ފުނިޖެހުނު ހިތް ތެޅިގަތް ގޮތުން އޮވެ މޭތެރޭ
ތަކުރާރުކޮށް ޖިސްމާ ހިތަށް އިހުސާސްވަނީ ގަދަ ރިހުމެކޭ
ހިތް އޮވެ ރުޔަސް ކުދިކުދިވިޔަސް، ލޭ ކަރުނަތައް އަދި އޮހޮރުނަސް
ހިތް ކުރަހަނީ އެ ޚިޔާލުގައި އޭނާގެ ފަނޑު ތަސްވީރެކޭ
އެ ހިތާމަތައް ފަޅު ރޭގަނޑާ ބައްދަލުވެދާހިނދު އާދަކޮށް
މި ހިތަށް ތަސަައްލީއެއް ދެނީ ކުލައެއްނުވާ ހުވަފެންތަކޭ
އަދަދެއްނުވާ އަނިޔާދިނަސް ހިތުގައި ހިނގާ ފުން ލޯތްބަކީ
ގަދަ ބާރަކުން މަޖުބޫރަކުން ކިޔަމަންނުވާ ޖަޒުބާތެކޭ
ހަނދުވަރުގެ ރިހި ހަނދުވަރުމަތީ ބައްދަލުވި ދެ ހިތެއް ވަކިވުމީ
އުދަރެސްމަތިން ބޯ ދިއްކުރާ ތަރިހަނދުގެވެސް ޝަކުވާއެކޭ
