Support Us

ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯ އިން ފެލިދޫގައި ބިނާކުރަނީ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެއެއް 

ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެތަކުގެ ތެރޭގައި ހިމެނޭ އިންޖީނުގެއެއްގެ ބިންގާ ސްޓެލްކޯ އިން ވ. ފެލިދޫގައި މިއަދު އަޅައިފިއެވެ.

މިއަދު ބޭއްވި ރަސްމީޔާތެއްގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ އާއި ފެލިދޫ ކައުންސިލްގެ ރައީސާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެންސްޕާގެ ޑެޕިއުޓީ އެމް.ޑީ ރުގިއްޔާ މުހައްމަދެވެ.

ސްޓެލްކޯ އިން ބުނީ މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު، މުސްތަގުބަލުގައި ފެލިދުއަށް އަންނާނެ ކުރިއެރުމާއި ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި ހަތަރު މެގަވޮޓްގެ ކެޕެސިޓީ ގާއިމްކުރެވޭ ގޮތަށް އަޅާ އިންޖީނުގެއެއް ކަމަށެވެ.

ނިސްބަތުން ރާއްޖޭގައި އޮތް އެންމެ އާބާދީ ކުޑަ އަތޮޅަށް ނިސްބަތްވާ ފެލިދުއަކީ، ލޯކަލް ޓުއަރިޒަމްއަށް ފައްކާވަމުން އަންނަ ރަށެކެވެ. ފެލިދޫ މިހާރުގެ އިންޖީނުގެއަކީ އާންމުން ދިރިއުޅެމުންދާ ހިސާބުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިނގަހިނގާ ހުރި އިންޖީނުގެއަކަށް ވުމާއެކު، ރައްޔިތުންނަށް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވަނީ ކުރިމަތިވެފައި ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. އެއާއެކު ސްޓެލްކޯއިން މަސައްކަތް ކުރަމުން ދިޔައީ ފެލިދޫގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ޖެއްސުމަށް ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރެވި އެކަމަށް ބޭނުންވާ ބިން ހަމަޖެހުމާއެކު ޒަމާނީ ފެންވަރަށް އާ އިންޖީނުގެ ބިނާކުރުމުގެ މަސައްކަތް ފެށީ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"ޒަމާނުއްސުރެ އިންޖީނުގެތަކާ މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލައި ރަށުގެ ރީތި، ނަލަ ލޭންޑް މާކަކަށް ވެގެންދާނެ މި އިންޖީނުގެއަކީ ކަސްޓަމާ ސާވިސް އިމާރާތަކާއެކު ރާއްޖޭގައި އަޅާނެ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެތަކުގެ ތެރޭގައި ހިމެނޭނެ އިންޖީނުގެއެއް. އެ އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކު. އަދި ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، ކާރިސާއެއްގެ ހާލަތުގައިވެސް، އެހާލަތަކަށް ތައްޔާރުވެ، މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް،" ސްޓެލްކޯ އިން ބުންޏެވެ. "މީގެ އިތުރުން ޑިޒައިނިން މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރެވޭނެ. މީގެ އިތުރުން މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރި ތަނެއްގެ ގޮތުގައި ހެދިގެންދާނެ. ސްޓެލްކޯގެ އުންމީދަކީ ފެލިދޫގެ އައު އިންޖީނުގެއާއެކު، ފެލިދޫގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުން ލިބި، ފެލިދޫ ރައްޔިތުންނަށް އައު ފަސޭހަތަކެއް ލިބިގެން ދިއުން."