ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން ބަންގްލަދޭޝްއަށް ވަޑައިގަތުމުން އެ ދެ ކަނބަލުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ވެރިރަށް ދާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސްގެ ދެ ކަނބަލުން މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދުގެ ދެ ކަނބަލުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއް ވެސް އެރުވުނެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރއެއް، އެ މަނިކުފާނު ބައްލަވައިލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި އެ ޤައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި ދޭދޭ ޤުޅުންތައް ރަސްމީކޮށް ޤާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ބަންގްލަދޭޝްއަކީ، މީހުން ބިނާކުރުމުގެ ރޮނގުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ޤައުމެކެވެ. މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ގޮތުން، 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ބަންގްލަދޭޝް ސަރުކާރުން 100 ޓަނުގެ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނު ރާއްޖެއަށް ހަދިޔާކުރިއެވެ. އަދި، އެއަށްފަހު ނުވަ ޓަނުގެ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނާއި، ޕީ.ޕީ.އީ. ވައިގެ މަގުން ފޮނުވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަކަށް، ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ދެ ޓީމެއް ރާއްޖެއަށް ފޮނުވިއެވެ. މީގެތެރެއިން ފުރަތަމަ ޓީމު 2020 އޭޕްރިލްއިން މާރިޗަށް ރާއްޖޭގައި ހަރަކާތްތެރިވިއިރު، ދެވަނަ ޓީމު ރާއްޖެއައީ މި އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހުއެވެ. އެ ޓީމުން ވަނީ "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.



advertisment
One Response
ޤަތަރާ، ބަންގާޅަށް ވަޑައިގަތީ 27 މީހުންގެ ވަފްދަކާއެކު. ބައިކުދިންނަށް ދުނިޔެ ދައްކަން މިއޮއް ދަތި ވަގުތު މިލިއަން މިލިއަން ރުފިޔާ ތަޅާ ބުރުއްސަނީ. ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް!!!