Support Us

ގަތަރާއެކު ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރުމުގެ ގޮތުން ރައީސް ދޯހާ އަށް ވަޑައިގަންނަވަނީ 

ގަތަރު ސަރުކާރާއެކު ސިޔާސީ ގުޅުން އަލުން ގާއިމުކުރުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ދޯހާއަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވައިފިއެވެ.

ގަތަރާއެކު އޮތް ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލީ، މެދުއިރުމަތީގެ މަޝްރަހަށް އައި ބަދަލެއްގައި، ސައުދީ އަރަބިޔާއިންނާއި ސައުދީގެ އެކުވެރި ބައެއް ގައުމުތަކުން ގަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލި އޮއިވަރުގައި، 2017 ގައެވެ. ރައީސް ޔާމީނުގެ ސަރުކާރުން އޭރު ބުނީ ސައުދީއާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރު 2018 ގައި ވެރިކަމާ ހަވާލުވެ، ގަތަރާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރަން ނިންމިކަން އިއުލާންކުރީ މި އަހަރުގެ ޖަނަވަރީ 6 ގައެވެ. ނަމަވެސް، ސިޔާސީ ގުޅުން އަލުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ދެ ސަރުކާރުގެ ދެމެދުގައި އަދި ސޮއެއްނުކުރެއެވެ.

ސައުދީއާއި އެހެނިހެން ގައުމުތައް ދާދި ފަހުންް ވަނީ ގަތަރާއެކު ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މިއަދު ކުރެއްވި ޓްވީޓެއްގައި، ރައީސް ސޯލިހު އަންނަ އާދީއްތަ ދުވަހު ދޯހާއަށް ވަޑައިގަންނަވާން ނިންމެވިކަން އިއުލާންކުރެއްވި ނަމަވެސް، ގަތަރާއެކު ރާއްޖެއިން އަލުން ސިޔާސީ ގުޅުން ގާއިމުކުރުމާ ބެހޭ ތަފްސީލެއް ނުދެއްވައެވެ. އަދި އޭގެ ތަފްސީލެއް ފޮރިން މިނިސްޓްރީއަކުންވެސް ނުލިބުނެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ދޯހާގެ ދަތުރުފުޅަށްފަހު، މި މަހުގެ 17 ގައި ރައީސް ސޯލިހު ބަންގްލަދޭޝަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. ޑާކާ އަށް ކުރައްވާ އެ ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަހުމާނުގެ 100 ވަނަ އުފަންދުވަހުގެ ރަސްމީޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *