"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝް އެއަރފޯސްގެ 18 މެމްބަރުންގެ މެޑިކަލް ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި 10 ނަރުހުންނާއި ހަތް މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނޭ މި ޓީމް މަސައްކަތްކުރާނީ ހެލްތު މިނިސްޓްރީގެ ދަށުން މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ. ތިނަދޫ، ލ. ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގައެވެ. މި ޓީމް ދެ މަސް ދުވަހު ރާއްޖޭގައި ތިބޭނެއެވެ.
"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކި ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި ޚާރިޖީ ވަޒީރު ޑރ. އޭ.ކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ބަންގްލަދޭޝްގެ އެއަރފޯސް ބޯޓެއްގައި މިއަދު ހަވީރު ރާއްޖެ އައި މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ. ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.



advertisment