ދުނިޔޭގެ އެންމެ ބޮޑު ދެ ލަޝްކަރުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުގެ ތެރެއަށް ދުނިޔެއަށް ކުއްލިއަކަށް ވަންނަން ޖެހުނު ގޮތަށް އަރާރުން އުފެދިފައިވާ ސަރަޙައްދުތަކުން ޗައިނާއާއި އިންޑިޔާ ފޭބުމަށް އެއްބަސްވި ޚަބަރު ވެސް އަޑުއިވިގެން ދިޔައީ ހަމަ އެފަދަ ބާރުމިނެއްގައި ކުއްލި ގޮތަކަށެވެ. މި ބޮޑު ދެ ލަޝްކަރުގެ ދެމެދުގައި އެ ސަރަޙައްދުގައި ކުރިމަތިލުންތައް ހިނގައިފައިވަނީ ހުދު ހަތިޔާރުންނާއި އަތްފައިންނާއި ދަނޑިބުރިތަކުންނެވެ.
މި ކުރިމަތިލުން ހިނގުމާ ވިދިގެން މި ދެ ޤައުމުން ވެސް ބަރު ހަތިޔާރުތައް އެ ސަރަޙައްދު ކައިރިއަށް މި ދިޔަ ޖޫން މަހު ޖަމާކުރިއެވެ. ކުރިމަތިލުންތައް ހިނގާފައިވަނީ އިރުމަތީ ލަޑާޚު ސަރަޙައްދުގައެވެ.
އެއްބަސްވީ ކޮން ކަމަކަށް
ޗައިނާއާއި އިންޑިއާއާ ދެމެދުގައި ޤާއިމުކުރެވުނު އެއްބަސްވުން އެއްބަސްވެފައިވަނީ ބައިނަލްއަޤްވާމީ އެއްވެސް މެދުވެރިއަކާ ނުލައެވެ. އަދި ރަޙްމަތްތެރި ފަރާތެއްގެ އެހީއަކާ ވެސް ނުލައެވެ. މި އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ޗައިނާއާއި އިންޑިއާގެ ބާރުތައް ބެންގޮންގް ލޭކު ސަރަޙައްދުން ފައިބާފައިވާ ކަމަށް ފެނެއެވެ. އިންޑިއާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި އަރާރުން އުފެދިފައިވާ ހިމާލިޔާ ފަރުބަދަ މަތީގެ ސަރަޙައްދުން އެ ދެ ޤައުމުގެ ސިފައިން ފައިބާ ނިމިއްޖެއެވެ. ބާކީ ހުރި މަސްއަލަތައް ޙައްލުކުރުމުގެ މަސައްކަތް އެ ދެ ޤައުމުން ފަށާނެއެވެ. މި ބަޔާން ހާމަކުރިގޮތުގައި ޗައިނާ- އިންޑިއާ އެއްބަސްވުމުގެ ދަށުން ބެންގޮންގް ލޭކް ސަރަޙައްދުން އެ ދެ ޤައުމުގެ ސިފައިން މި ދިޔަ ހޮނިހިރު ދުވަހު ފައިބާ ނިމިއްޖެއެވެ.
އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންގް އިންޑިއާގެ ބަރްލަމާނުގައި ހާމަކުރެއްވި ގޮތުގައި ލަޑާޚުގެ އިރުމަތީގައި އޮންނަ ބެންގޮންގް ލޭކްގެ އުތުރު އައްސޭރިއާއި ދެކުނު އައްސޭރީގައި ތިބި އެ ދެ ޤައުމުގެ ސިފައިންގެ ސަފުތައް މިހާރު ވަނީ ގައިދުރުކޮށް މިލުމެއް ނެތް ޙާލަތަށް ގޮސްފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމުގެ ސަބަބުން އެ ދެ ޤައުމުގެ ލަޝްކަރުތައް "ފިޔަވަހިކޮށް ވިލަރެސްކޮށް ކުރިއަށް ޖެހުން" ހުއްޓިގެން ދާނެއެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ އިސްވާރުންނަށް މި މަރްޙަލާއާ ހަމައަށް ވަޑައިގެންނެވުނީ ވާހަކަދެއްކުމުގެ ނުވަ ބުރުގެ ތެރެއިންނެވެ.

އަތްފައިންނާ ހުދުހަތިޔާރުގެ ކުރިމަތިލުންތަކެއް
ޗައިނާއާއި އިންޑިއާއާ ދެމެދުގައި މި ދިޔަ ޖޫން މަހު ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން މަރުވިއެވެ. އެމެރިކާގެ ރިޕޯޓުތައް ބުނާގޮތުގައި ޗައިނާ ސިފައިންގެ ތެރެއިން އެތައް ބަޔަކު މަރުވިއެވެ. ނަމަވެސް ޗައިނާ ބުނާގޮތުގައި އެ ޤައުމުގެ ސިފައިންގެ ތެރެއިން މަރުވީ އެންމެ ހަތަރު ސިފައިންނެވެ. ޗައިނާ ބުނާގޮތުގައި ކުރިމަތިލުންތައް ހިނގީ ގަލާއި ތޫނުކޮށްފައިވާ މުގުރުބުރިތަކުންނެވެ.
ޚަބަރުތައް ދިރާސާ ކުރައްވާ މުޙައްލިލުން ވިދާޅުވާ ގޮތުގައި ޗައިނާއާއި އިންޑިއާގެ ސިފައިންގެ ސަފުތައް މިލުންނުވާ ގޮތަށް ދުރަށްލެވުނު ދުރަށްލެވުމަކީ ފެށުމެކެވެ. ޔޫރޭޝިއަން ޓައިމްސް ޖާލު ބުނާގޮތުގައި އެ ދެ ޤައުމުގެ ލަޝްކަރުތައް އަދިވެސް ތިބީ ޑެބްސަންގް އާއި ނަކޯ ލާ ތިރިބިންތަކުގައި ތައްޔާރީ ޙާލަތުގައެވެ. ދެ ފަރާތުން ވެސް މިހާރު ވަނީ ޓޭންކްތަކާއި މޯޓަރު ބަޑިތަކާއި ބަރު ހަތިޔާރުތައް ފަހަތަށް ޖައްސައިފައެވެ. އެހެނަސް ލަޑާޚާއި ޓިބެޓް ސަރަޙައްދުގައި ތިރީހަކަށް ހާސް ސިފައިން އަދި ވެސް އެބަތިއްބެވެ.
ކުރިމަތިލުންތައް ހިނގީ ކީއްވެގެން؟
ޗައިނާއާއި އިންޑިއާއާ ދެމެދުގައި 1992ގައި ހިނގި ހަނގުރާމައަށްފަހު ލަޑާޚު ސަރަޙައްދަކީ އަރާރުން އުފެދިފައިވާ ސަރަޙައްދެކެވެ. ކޮން ޤައުމެއްގެ ތަނެއްކަން ކަނޑައެޅިފައިނުވާތީ، އެއީ ވަރަށް ނުތަނަވަސް ސަރަޙައްދެކެވެ.
ޗައިނާއާއި އިންޑިއާއާ ދެމެދުގައި 3،440 ކިލޯމީޓަރުގެ ގުޅިފައިވާ ދިގު ސަރަޙައްދެއް އޮވެއެވެ. ކޯރުތަކާއި ލޭކްތައް ގިނަކަމާއި ބިމުގެ އަޑިގުޑަންކަން ބޮޑު ކަމުގެ ސަބަބުން މި ސަރަޙައްދުގެ ބޮޑު ބަޔަކީ ކޮން ޤައުމެއްގެ ބިމެއްކަން ކަނޑައެޅުން ވަނީ ދަތި އުދަނގޫ ކަމަކަށް ވެފައެވެ.
މި ދިގު ސަރަޙައްދުގައި އެ ދެ ޤައުމުން ވެސް ބިނާރު މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދަނީ ވާދަކުރަމުންނެވެ. ބީބީސީ ބުނާގޮތުގައި މި ފަހަރު ކުރިމަތިލުންތައް ފެށުނީ ވަރަށް އުސް ހިސާބެއްގައި އިންޑިއާއިން ވައިގެ ބަނދަރެއް ހަދަން އުޅުމުންނެވެ.
ކުއްލިއަކަށް ފެނުނީ ޢަސްކަރީ ތަމްރީނުތަކެއްގައި އުޅުނު ޗައިނާ ސިފައިންތަކެއް މޭ 2020ގައި ލަޑާޚު ކައިރިއަށް ގެންގޮސް އޮއްސައިލިތަނެވެ. މިކަމާ ވިދިގެން އެ ދެ ޤައުމުގެ ސިފައިންގެ ދެމެދުގައި ވަޒަން ބޭނުން ނުކޮށް ކުރިމަތިލުންތަކެއް ހިނގިއެވެ. ދެ ފަރާތުން ވެސް ބޭނުންކޮށްފައި ވަނީ ދަނޑުބުރިތަކާއި މުގުރުބުރިތަކާއި ގައުބުރިތަކެވެ. މި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ސިފައިންތަކެއް މަރުވިއެވެ. މި ކަމާވިދިގެން ދެ ފަރާތުން ވެސް އެ ސަރަޙައްދަށް ޢަސްކަރީ ބާރުތައް ފޮނުވާ ދިފާޢުތައް ވަރުގަދަކުރިއެވެ. އިންޑިއާއިން ބުނާގޮތުގައި ޗައިނާ ސިފައިން އެ ދިމާއިން އެތެރެއަށް ވަނެވެ. އެހެނަސް ޗައިނާއިން މި ކަމާ އިންކާރު ކުރެއެވެ. ޗައިނާއިން ތުހްމަތު ކުރިގޮތުގައި އިންޑިއާ ސިފައިންގެ ސުލޫކަކީ ޖެއްސުންކުރުމުގެ ޢަމަލުތަކެކެވެ.

މިހާރުގެ ޙާލަތަކީ ކޮބާ؟
އިންޑިއާގެ ދަ ހިންދޫ ނޫސް ބުނާގޮތުގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމު ކުރެވުނު ނަމަވެސް ޙާލަތު އޮތީ ވަރަށް ނުތަނަވަސްކޮށެވެ. މި ނޫސް ބުނާގޮތުގައި ދެ ފަރާތުގެ ސިފައިންގެ އެތައް ފައުޖުތަކެއް ވަނީ ދުރަށް ގެންގޮސްފައެވެ. އެހެނަސް ހުޅުގަނޑު ފަޅައިގެން ހިނގައިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންގް ވިދާޅުވި ގޮތުގައި އިންޑިއާގެ ބިމުން އެންމެ ކައިވަތެއްވެސް އެހެން ފަރާތަކަށް ދޫކޮށެއް ނުލާނެއެވެ.
މި ނޫސް ބުނިގޮތުގައި 5 މޭގެ ޙާލަތަށް އަނބުރާ ގެންދެވޭނެއެވެ. މި ނޫސް ބުނިގޮތުގައި މި އެއްބަސްވުމުގެ ދެވަނަ ޕްރޮޓްކޯލަށް ޢަމަލުކުރަން ފެށޭނީ ދެ ފަރާތުގެ ސިފައިން ދުރަށްޖެހި ގައިދުރުކޮށް މިލުންނެތިގެން ދިޔުމުންނެވެ. ސިންގް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި އެޕްރިލް 2020ން ފެށިގެން ދެ ފަރާތުން އުތުރު އައްސޭރިއާއި ދެކުނު އައްސޭރީގައި ހަދަމުންގެންދާ ހުރިހާ ބިނާތަކަކާއި ކޮށިތަކެއް ނައްތައިލެވޭނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ވަރަށް އަވަހަށް ޢަސްކަރީ އަދި ސިޔާސީ ވާހަކަ ދެއްކުންތައް ފެށޭނެއެވެ. ކުރީގެ ޖޯގްރަފީ ޙާލަތަށް އަނބުރާ ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސިންގް ވިދާޅުވިއެވެ.
އެއްބަސްވުމުގެ ސަބަބުތައް
މި އެއްބަސްވުމާ ހަމައަށް އެ ދެ ޤައުމަށް ދާން ޖެހުނީ އެތައް ސަބަބުތަކަކާ ހެދިއެވެ. އޭގެތެރޭގައި މި އަންނަ ސަބަބުތައް ފާހަގަ ކުރެވެއެވެ.
- މޫސުން: އިންޑިއާގެ ކުރީގެ ޚާރިޖީވަޒީރެއް ކަމުގައިވާ ރައޯ ވިދާޅުވާގޮތުގައި އެ ސަރަޙައްދަކީ ފިނި މޫސުމުގައި ވަރަށް ފިނި ގަދަ މޫސުން ވަރަށް ހަރުކަށި ސަރަޙައްދެކެވެ. ޗައިނާއާއި އިންޑިއާއަށް އެ ދެ ޤައުމުގެ ސިފައިން އެހާ އަވަހަށް ދުރަށް ޖައްސަން މަޖްބޫރުވީ މޫސުމާ ހެދިއެވެ. ޔޫރޭޝިއަން ޓައިމްސް ބުނާގޮތުގައި މޫސުމަށް ބަލާއިރު އިންޑިޔާ ސިފައިންގެ ޙާލަތު ޗައިނާ ސިފައިންގެ ޙާލަތަށްވުރެ ރަނގަޅެވެ. އިންޑިޔާ ސިފައިންނަކީ އެފަދަ ސަރަޙައްދުތަކުގައި ޕާކިސްތާނު ސިފައިންނާއެކު ވަރަށް ގިނައިން ތޮޅެފައިވާ ބައެކެވެ. ޗައިނާއިން މި ފަދަ ހަރުކަށި މޫސުމެއްގައި ހަނގުރާމަކޮށްފައި ވަނީ މީގެ ހަތްދިހަވަރަކަށް އަހަރު ކުރިން ކޮރެއާ ހަނގުރާމައިގައެވެ.
- އެމެރިކާ މަސްއަލައާ ބެހިފާނެ ކަމުގެ ބިރު: ބައެއް ރިޕޯޓަރުން ބުނާގޮތުގައި ޗައިނާއިން އެ ޤައުމުގެ ސިފައިން ދުރަށް ޖެއްސީ މި އަހަރަކީ ޗައިނާގެ ކޮމްޔުނިސްޓް ޕާޓީއަށް ސަތޭކަ އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރު ކަމުގައިވާތީއެވެ. އެހެނަސް ބައެއް މީހުން ދެކޭގޮތުގައި އެއްބަސްވުމަކާ ހަމައަށް އަވަހަށް ޗައިނާ ދިޔައީ އެމެރިކާ މި ކަމާ ބެހިފާނެތީ އެވެ. ކުރީގެ ޑިޕްލޮމެޓެއް ކަމުގައިވާ ފުންޗުކް ސްޓަބްޑަން ، ޓްރިބިއޫން ދުވަހު ނޫހުގައި ލިޔުއްވާފައިވާ ގޮތުގައި "ބޭޖިންގްގެ ފިޔަވަޅަކީ ވަރަށް އިސްތިރާތީޖީ ފިޔަވަޅެކެވެ. އެއީ ލަޑާޚުގެ މަސްއަލައިގެ ތެރެއަށް އެމެރިކާ ވަނުމަށް ހުރަސްއެޅުމަށް ޓަކައި ޗައިނާއިން އެޅި ވަރަށް މަކަރުވެރި ފިޔަވަޅެކެވެ. "ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިންޑިއާ ގުޅުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިފައެވެ. ޓްރަމްޕްގެ ނަޒަރުގައި ޗައިނާއަކީ އެމެރިކާގެ އެންމެ ބޮޑު ހަތުރުވެރިޔާއެވެ. ރައީސް ބައިޑްންގެ ނަޒަރުގައި ވެސް ތިލަފަތް އޮތީ މި ކަހަލަ ގޮތަކަށެވެ.
- އެހެނަސް ފުންޗުކް ސްޓަބްޑަން ވިދާޅުވާ ގޮތުގައި ނޮވެންބަރު 2020ގެ އިންތިޚާބުގައި ޓްރަމްޕް ބަލިވެވަޑައިގަތުމުން އިންޑިއާ ޗައިނާ ގުޅުންތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ވަނީ ކުޑަވާން ފަށައިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ދެ ޤައުމުގެ ސިފައިން ފަހަތަށް ޖެއްސުމަށް އިސްވެ ހުށައެޅީ ޗައިނާއިންނެވެ. ސިރިޖާޕް ސަރަޙައްދު "ސިފައިން ނެތް ސަރަޙަދަކަށް" ހެދުމަށް ހުށައެޅީ ޗައިނާއިންނެވެ. މީގެ މާނައަކީ އިންޑިޔާ ޕެޓްރޯލް ކުރާ ސަރަޙައްދަތަކުން މި ސަރަޙައްދު ބޭރުވެގެންދާނެއެވެ. ރިޕޯޓަރުން ބުނާގޮތުގައި ރައީސް ބައިޑްން ވިދާޅުވެފައިވާ ގޮތުގައި އޭނާ ޗައިނާ އެމެރިކާ ގުޅުންތައް މުރާޖަޢާ ކުރައްވާނެއެވެ. އެހެންކަމުން ޗައިނާގެ މި ފިޔަވަޅުގެ މަޤްޞަދަކީ އެމެރިކާ އިންޑިޔާ ގުޅުން ތާފަނާކޮށްލުމެވެ.
- އިޤްތިޞާދީ ބަހާ: އިންޑިއާގެ ބައެއް މަޞްދަރުތައް ބުނާގޮތުގައި ޗައިނާގެ މި ހުށައެޅުމުގެ ފަހަތުގައި އޮތީ އިޤްތިޞާދެވެ. ޔޫރޭޝިޔާ ޓައިމްސްގެ ރިޕޯޓެއް ބުނާގޮތުގައި އިންޑިޔާގެ ޑިޕްލޮމެޓަކު ހިންދުސްތާނު ޓައިމްޒްއަށް ވިދާޅުވިގޮތުގައި އިންޑިއާއެކު އޮންނަ ވިޔަފާރީގެ ގުޅުންތަކުގައި ރެދެއް އަޅައިފާނެތީ ޗައިނާ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. މިފަހަރު މި ހިނގި ކުރިމަތިލުމާ ވިދިގެން ނިވްދިއްލީން ޗައިނާގެ މުދާތަކުން ނަގާ ކަސްޓަމު ޓެކްސް ބޮޑުކުރިއެވެ. ޖޫން 2020ގެ ކުރިމަތިލުމާ ވިދިގެން އިންޑިއާއިން ވަނީ 100އަށްވުރެ ގިނަ ޗައިނާ އެޕްތައް މަނާކޮށްފައެވެ. އެކަން މަނާކުރީ ޤައުމީ ސަލާމަތަށް ނުރައްކާތެރި އެޕްތަކެކޭ ކިޔައިފައެވެ.އިންޑިއާ ސަރުކާރުގެ މުވާޞަލާތީ ކުންފުންޏެއް ކަމުގައިވާ BSNL އަށް މިހާރުވަނީ ޗައިނާގެ ވާވޭ ކުންފުނީގެ ސާމާނުތަކާއި އެޕްތަކާއި ޗިޕްތައް ބޭނުން ކުރުން ހުއްޓައިލުމަށް އަންގައިފައެވެ. މީގެއިތުރަށް އިންޑިއާގެ ރޭލްވޭގައި ބޭނުންކުރުމަށް ޗައިނާއިން ގަތުމަށް އެއްބަސްވެފައިވާ 65 މިލިއަން ޑޮލަރުގެ އެއްބަސްވުން ވަނީ ކެންސަލްކޮށް ބާޠިލުކޮށްފައެވެ. ޗައިނާއިން އުފައްދާ މުދާތައް ފާހަގަކުރުމަށް ޓަކައި އިންޑިއާއިން މިހާރު ވަނީ އޭއްޗެއް އުފެއްދި ޤައުމު ނޭނގޭ އެއްވެސް މުދަލެއް ވިއްކުން މަނާކޮށްފައެވެ. އިންޑިއާއަށް އެތެރެކުރުން މަނާ އެއްޗެހީގެތެރޭގައި ޗައިނާގައި އުފައްދާ ޓީވީއާއި އެއރކޯން ވެއެވެ.
މެސެޖަކީ ކޮބާ؟
ޗައިނާ އިންޑިޔާ ވިޔަފާރި ކަސާދުވުމަކީ އެކަމާމެދު ޗައިނާ ކަންބޮޑުވާ ކަމަކަށް ވިޔަސް ފެންނަފެނުމުގައި ޗައިނާ މި މަސްއަލަ އިތުރަށް ހޫނުކުރާކަށް ބޭނުމެއް ނުވެއެވެ. އަދި އެމެރިކާ އިންޑިއާ ގުޅުން ބަދަހިވުމަކީ ވެސް ޗައިނާ ކަންބޮޑުވާ ކަމެއްނޫނެވެ.
ޗައިނާއިން އަބަދުވެސް އިސްކަންދެމުން އައިސްފައި ވަނީ އަވަށްޓެރީންނާއެކު އޮންނަ ސަރަޙައްދީ ދެބަސްވުންތައް ގަނޑުކޮށްފައި ބޭއްވުމަށެވެ. އެހެނަސް ޗައިނާ ބުނާގޮތުގައި ފަހަކަށް އައިސް އިންޑިއާއިން ދަނީ ދެބަސްވުން އުފެދިފައިވާ ސަރަޙައްދު ޢަސްކަރީކުރުމަށް ފިޔަވަޅު އަޅަމުންނެވެ. އެ ސަރަޙައްދުގައި އިންޑިއާގެ ބިނާރު ވަނީ ތަރައްޤީކޮށް ޗައިނާގެ ޙާލަތަށްވުރެ ބޮޑަށް ރަނގަޅުކޮށްފައެވެ. ޗައިނާ ސިފައިންގެ ވުޖޫދެއް ނެތް ސަރަޙައްދީ އެތައް ސަރަޙައްދުތަކެއްގައި އިންޑިއާ ސިފައިންގެ ވުޖޫދެއް ވަނީ އުފަން ކުރުވައިފައެވެ. ބިނާރު ޤާއިމު ކުރުމުގެ މަސައްކަތް އިސްވެ ފަށައިފައި ވަނީ އިންޑިޔާއިންނެވެ. އެތާނގައި ވަރަށް އުސް ބިމެއްގައި އިންޑިޔާއިން ވަނީ ޖައްވީ ޢަސްކަރީ ބޭހެއް ޤާއިމުކޮށްފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ޙާލަތު ޗައިނާގެ މައްޗަށް ގަދަވެއްޖެއެވެ. ދެ ފަރާތުގެ އެއްބަސްވުން ބުނާގޮތުގައި އެޕްރީލް 2020ގެ ޙާލަތަށް ދެ ޤައުމު އަނބުރާ ދާންޖެހޭނެއެވެ. މި ކަމުގެ ސަބަބުން އިންޑިއާގެ އުންމީދީ މަޝްރޫޢުތައް ހުއްޓުވާލެވޭނެއެވެ.
ދެވަނަ ކަމަކީ ޗައިނާއިން މި އެޅި ފިޔަވަޅުގެ ސަބަބުން އިންޑިއާއަށް އެ ޤައުމުގެ އެއްގަމު ސަރަޙައްދު ޙިމާޔަތް ކުރުމަށް އިސްކަންދޭން ޖެހޭނެއެވެ. މިއީ އިސްތިރާތީޖީއަށް ބަލާއިރު ޗައިނާގެ އަތް މާ ދިގު މައިދާނެކެވެ. މި ކަމުގެ ސަބަބުން އިންޑިއާއަށް މަޖްބޫރުވެގެން ދާނީ ޗައިނާއާ އިންޑިއާއާ ދެމެދުގައި އޮތް ޓެކްނޮލޮޖީއާއި ޢަސްކަރީ ވަޅުގަނޑު ތިލަކުރުމަށް މަސައްކަތް ކުރުމަށެވެ.
އިންޑިއާ ސަރަޙައްދުން އެންމެ ކައިވަތެއްވެސް ދޫކޮށްނުލާނެ ކަމަށް އިންޑިއާ ބުނާތީ އިންޑިއާއަށް އެ ޤައުމުގެ ބަޖެޓުން ދިފާޢީ ކަންކަމަށް އިތުރު ހޭދަތައް ކުރަން މަޖްބޫރުވާނެތެވެ. މިއީ އިންޑިއާގެ ބަޖެޓަށް ބަލާއިރު ކުރަން ދަތިވާނެ ކަމެކެވެ.



advertisment