އެމެރިކާގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމުގައިވާ ހާވަރޑް ޔުނިވަރސިޓީގެ ޤާނޫނީ މަޖައްލާގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް މުސްލިމަކު ޢައްޔަންކޮށްފިއެވެ. މިއީ މި ޔުނިވަރސިޓީގެ 134 އަހަރުވީ ދިގު ތާރީޚުގައި އެ މަޤާމަށް ޢަރަބި އަޞްލުގެ މުސްލިމު ދަސްވެންޏަކު ޢައްޔަން ކުރި ފުރަތަމަ ފަހަރެވެ.
މި މަޤާމަށް ޢައްޔަން ކުރި 26 އަހަރުގެ ޒުވާނާއަކީ ލޮސް އޭންޖަލުއްސަށް އުފަން މިޞްރު ބޭފުޅެކެވެ. މި މަޖައްލާއަކީ ޤާނޫނީ ދާއިރާގައި އެމެރިކާގައި ވަރަށް މަޝްހޫރު މަޖައްލާއެކެވެ. ރޮއިޓަރޒާ ވާހަކަދައްކަވަމުން ޙައްސާނުއްޝަހާވީ މިދިޔަ ހުކުރު ދުވަހު ވިދާޅުވިގޮތުގައި އޭނާ މި މަޤާމަށް ޢައްޔަން ކުރުމުން އެނގެނީ އެ ޔުނިވަރސިޓީގައި ޤާނޫނުގެ ދާއިރާގައި ސިންދަފާތުކަމަށް ތަރްޙީބު ދެމުންދާ ކަމެވެ. މިއީ ޤާނޫނީ އެހެން އާދަކާދަތަކަށް އިޙްތިރާމާއި ޤަދަރު އިތުރުވަމުން އަންނަ ކަމުގެ ހެއްކެކެވެ. އޭނާ ވިދާޅުވިގޮތުގައި "އޭނާ އައިސްފައިވަނީ އެމެރިކާގެ ނަޒަރުގައި ވަރަށް ނައްސި މުޖްތަމަޢަކުންނެވެ. މިއީ ކުޑަނަމަވެސް ރަމްޒީ ކުޑަކުޑަ ކުރިއެރުމެކެވެ."
ރައީސް އޮބާމާގެ ވެރިކަމުގައި 1990ގައި މި މަޖައްލާގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ކަޅު މީހަކު ޢައްޔަން ކުރެއްވިއެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގައި މިއަދު މަސައްކަތްކުރައްވާ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންނަކީ މި މަޖައްލާގެ ރައީސް ކުރައްވާފައިވާ ބޭފުޅުންނެވެ. މި ބޭފުޅުންގެ ކުރިން ވެސް މި ކޯޓުގެ ފަނޑިޔާރުކަން ދެ ބޭފުޅަކު ކުރައްވާފައި ވެއެވެ.
ޝަހާވީ ހާވަރޑުން ދަސްވެނިވެ ވަޑައިގަތީ 2016 ގައެވެ. އެއަށްފަހު އޭނާ އޮކްސްފޯރޑުން ޕީއެޗްޑީ ޙާޞިލު ކުރެއްވިއެވެ. އޭނާގެ ރޮނގަކީ އިރުމަތީ ދިރާސާތަކާއި އިސްލާމީ ޝަރީޢަތެވެ. އޭނާއަކީ ވަރަށް ގިނައިން ރެފިއުޖީންގެ މަސްއަލަތަކުގައި ވަކާލާތު ކުރައްވާ އަދި ޖިނާއީ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތުގައި އުޅުއްވާ ޤާނޫނީ ވަކީލެކެވެ. އޭނާ ޤާނޫނީ ދާއިރާގައްޔާއި ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅުއްވާ ހިތްޕުޅުވާ ކަމަށް ވިދާޅުވެއެވެ.