ނިދާކަށް ލާހިކެއް ނޫނޭ ތިހެން އަނިޔާތަކެއް ދީފައި
ނިދާއޭ ހިތުގެ މީ އިއްވާ، މަސައްކަތުގައި މިހެން އޮވެފައި
އުފާ އަނެކާގެ ހައްޔަރުކޮށް ތިމާ ހިތްހަމަޖެހުން ހޯދާން
ތިފާޑަށް އުޅުނަކަސް ނުލިބޭނެޔޭ އުފަލެއް ނިހާޔަތުގައި
ހަސަދަވެރިކަން އެއީ ބައްޔެއް، އެއިން މީހާ ހަފުސްވެވިދާ
އަސަރު ޖިސްމަށް ކުރަންފެށުމުން ތިހެން ތެޅިތެޅި އޮވޭ އެނދުގައި!
ރިވެތި އެއްވެސް ކަމެއް ޙާޞިލު ނުވާނޭކަން ޖެހޭ ދަންނާން
މަވެތިކަން އިސްކުރާ މީހުން ވެގެން ގުސްތަރު އުޅޭއިރުގައި
މަށޭ މައިތިރި މިހެން ކުރަނީ ނިޒާމާ ސިކުނޑިއާ ނާރާ
ފަސޭހަތަކެއް ނުދޭނަން ހަމަ ތިގޮތް ދޫކޮށް ނުލާ ހިނދުގައި
ޖަހާ ވިންދާ މި ދޭ ލޭފޮދު އޮމާން ގޮތަކަށް ނުވެސް ދޭނަން
އަހާށޭ ހަސަދަވެރިޔާއޭ ތި ގޮތް ދޫކޮށް ނުލާ ހިނދުގައި
މަ ފޮނުވާ ލޭ ބޮލުގެ ތެރެއިން ސިނކުނޑިއަށް އޭގެ ހިމަ ނާރަށް
ހަފޮޅު އެތެރަށް ނުދާނޭހެން ހަދާން ޖެހިދާނެޔޭ ފަހުގައި
މި ކަންކަން ކޮށްލުމަށް ފަހުގައި ބަދަލު ނައިނަމަ ތިބާ އުޅުމަށް
ނިކަން ރަނގަޅަށް މަ ހަމަޖެހިލައި ޖެހޭނީ ހުއްޓިލާން އެކުގައި
