Support Us

ބޮޑު ކަރުނަތިކި

އަހަރެންގެ ކަނުކަމާއި ގަބުކަން އަހަރެންނަށް ވިސްނައިދިނީ ވެސް އަރެންގެ ކަނުކަމެވެ.

އަހަރެންގެ ގަބުކަމެވެ.

އެ ކަނުކަމުގައި ލޮލެއް ނެތެވެ.

އެ ގަބުކަމުގައި ލޮލެއް ނެތެވެ.

މައުސޫމު ކޮންމެ ލޮލަކީ ކޮންމެ ހިތަކީ މާޔޫސްކަމުގެ ދާން ކަމުގައި އަހަންނަށް ދަސްކޮށް ދިނީ ވެސް އަހަރެންގެ ކަނުކަމެވެ.

އަހަރެންގެ ގަބުކަމެވެ.

 

ހަޔާތުގެ ރީތި ދުވަސްތައް ހޭދަކުރި މަންޒިލް އޭގެ އެތައް ދުވަސްތަކަށް ފަހު، އެތައް މަސްތަކަށް ފަހު، އެތައް އަހަރުތަކަށް ފަހު، ވީ އަވާމެންދުރަކަށެވެ.

އެ މަންޒިލްގައި އަހަރެމެން އެކަކު އަނެކެއްގެ އުނގު ފަޅުފިލުވީ އުފާވެރިކަމުގެ ކަރުނަޔާއި ދަލުންނެވެ.

ފިންޏާއި ހޫނުގައެވެ.

އަތްވާއި ވާރޭގައެވެ.

ހަމަ އެ މަންޒިލްގައެވެ.

ހަމަ އެ ބަގީޗާގައެވެ.

 

އެ މަންޒިލްގައި އަހަރެމެން ގަނޑުވަރެއް ބިނާ ކުރީމެވެ.

އަހަރެމެން އުފާކޮށް ސަމާސާކުރާން ބަގީޗާއެއް ވެސް ހެއްދީމެވެ.

އަހަރެމެންގެ އުފާވެރިކަން އަހަރެމެން ވަށަވަށައިގެން އޭރު ނެށިއެވެ.

އުދުހުނެވެ.

ހަމަ އެ މަންޒިލްގައެވެ.

ހަމަ އެ ބަގީޗާއެވެ.

 

ފަޖުރުގެ ތަރިތައް އަހަރެމެން ގުނީމުއެވެ.

އިރާއި ހަނދު އަހަރެމެންގެ ވާހަކަތައް އަޑު އެއްސެވެ.

ހަނދުވަރާއި "އިރުވަރު" އަހަރެމެންގެ ވާހަކަ ލިޔުނެވެ.

މާތައް ފަރިވިއެވެ.

މޭވާތައް އެޅިއެވެ. ބަހާރު އައެވެ.

ހަނދުވަރު ދިނެވެ.

ދޫނިސޫފާސޫފި ނަޣުމާ ކިއެވެ.

ވައިރޯޅިތައް ނަލައެވެ.

ސާފެވެ.

 

ބަހާރެއްގެ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

އުންމީދުތަކުން ބަރާވެފައިވާ ޖަންނަތެކެވެ.

ކުއްލިއަކަށް…! ހަމަ ކުއްލިއަކަށެވެ.

ކޮޅިގަނޑެއް އައެވެ.

ކަޅުވިލާތަކާއި ވަޔާއި ވިއްސާރައިގެ ބޮޑު ކޮޅިގަނޑެކެވެ.

ޚަރީފަކާ އެކުވެ.

 

ގަސްތައް މިލައިފިއެވެ.

ބަގީޗާ މޯޅިވެ ވީރާނާވިއެވެ.

މަންޒިލް ގެއްލިއްޖެއެވެ.

ފޮޅުނު މަލެއް ބިނދެވުނު މަލެއް ވެސް ނެތެވެ.

ހަމްދަރުދީގައި އޭރު ކީ ލަވައިގެ މައިގަނޑާއި ކަޑިތައް ހަނދާނެއް ނެތެވެ

ޝުޢޫރުތައް ގަނޑުވެއްޖެއެވެ.

ރޭގަނޑުތައް މަންމަން ވެއްޖެއެވެ.

ވަންހަނާވެފައިވާ ސަބަބުތައް ހާމަކުރައްވާ ހުށްޓެވެ.

 

އަހަރެންގެ ގަބުކަމާއި ކަނުކަން ލޯ ހުޅުވިއެވެ.

އެނބުރި ފަސްނުބަލާން އަމުރެއް ނެރުނެވެ.

އެތައް ވާހަކައަކާއި އެތައް ސިއްރެއް ބަޔާން ކުރަމުން ވެއްޓުނީ ބޮޑު ކަރުނަ ތިތްކެކެވެ.

އެއީ ހިތާމައާއި ހިތްދަތިކަމާއި މާޔޫސްކަން ފިލުވާލެ ރަހުމަތް ކަމުގައި ވާށިއެވެ.

އެއީ އުންމީދުތަކަށް ދޭނެ މީރު ފެންކަމުގައި ލައްވާށިއެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *