Support Us

އެއްވެސް މީހަކަށް އަތްގަދަ ނުކުރެވޭ އެމެރިކާގެ "އަޑީ ސަރުކާރު"

އެމެރިކާގައި އެންމެ ފަހުން ބޭއްވުނު އިންތިޚާބުތަކުގައި ދީމުޤްރާޠީންގެ ތަރި ވިދާލައި ވައިޓްހައުސްއާއި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތިގޭގެ އަޣްލަބިއްޔަތު ލިބުމާ ވިދިގެން އެމެރިކާގެ ވަޠަނީ ސަވާބިތުތަކާމެދު  އަލުން ބަހުސް ކުރުން އިތުރުވެއްޖެއެވެ.

މި ސަވާބިތުތަކަކީ ޤައުމީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށް ޓަކައި ވެރިކަން ކުރާ ދެ ޕާޓީން ވެސް އެއްބަސްވެފައިވާ އުޞޫލުތަކެކެވެ.  ވައިޓްހައުސްގެ ސާހިބާ ބަދަލުވިޔަސް މި ސަވާބިތުތަކަށް ބަދަލެއް ނާންނާނެއެވެ. މި ސަވާބިތުތަކަކީ އެމެރިކާގެ މައި އިދާރާތަކާއި ދިރާސީ މަރްކަޒުތައް އެކަމަށް އިއްތިފާޤުވެފައިވާ ސަވާބިތުތަކެކެވެ. އެމެރިކާގެ މި ސަވާބިތުތަކުގެ މައްޗަށް އަތްގަދަކޮށްފައިވާ ފަރާތްތަކަށް "އަޑީ ސަރުކާރު"ގެ ނަންދެވިފައި ވެއެވެ. މި ސަވާބިތުތަކާ ދައުލަތުގެ ބޮޑެތި ކުންފުނިތަކާ އެމެރިކާގެ ޚާރިޖީ އަދި ދާޚީލީ ސިޔާސަތާ ވަނީ ވަރަށް ބޮޑަށް ލާމެހި ގުޅިފައެވެ.

ވޭތުވެދިޔަ ސައްތައިގައި އެމެރިކާގެ ޤަރާރުތައް ކަނޑައެޅުމުގައި ބޮޑުބައި ކުޅެފައިވަނީ ތެޔޮ ކުންފުނިތަކާއި ހަތިޔާރު އުފައްދާ ބޮޑެތި ކުންފުނިތަކުންނާއި ވޯލް ސްޓްރީޓްގައި މާލީ ފިއްތުންތައް ފިއްތާ ޖަމާޢަތްތަކުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ބޮޑެތި ޤާރާރުތައް ކަނޑައަޅަނީ މި ކުންފުނިތަކުންނެވެ. އެމީހުން ދެކޭގޮތުގައި ސިޔާސީ ބޭފުޅުންނާއި ޤާނޫނު ހަދާ ބާރުތަކަކީ އެ ކުންފުނިތަކުގެ ރޭވުންތައް ތަންފީޒު ކުރަން ތިބި ބައެކެވެ. އެމެރިކާގެ ތަފާތު ސަރުކާރުތަކުގެ ސާބިތު އެއް ސިޔާސަތަކީ މި ބޮޑެތި ކުންފުނިތަކުގެ މަޞްލަޙާތާ އެއްގޮތަށް ދުނިޔޭގެ ކުދި ޤައުމުތަކުގެ މައްޗަށް އަތްގަދަ ކުރުމެވެ. މި ބޮޑެތި ކުންފުނިތަކުގެތެރޭގައި ހިމެނެނީ ޢަސްކަރީ ޞިނާޢަތްތަކާއި ތެލުގެ ޞިނާއަތްތަކާއި ޓެކްނޮލޮޖީގެ ޞިނާޢަތްތަކުގެ ވެރި ކުންފުނިތަކެވެ.

މިފަދަ ކުންފުނިތަކުގެ ބާރު ދެނެގަތުމަށް ޓަކައި ބައެއް ތަފާސްހިސާބުތަކަށް ބަލާލަމާ ހިނގާށެވެ.

  • އެމެރިކާގެ ދާޚިލީ ޖުމްލަ އުފެއްދުން (ޖީޑީޕީ) ގެ 60 އިންސައްތަ އަކީ އެމެރިކާގެ ބޮޑެތި 1000 ކުންފުންޏެއްގެ ބާރުގެ ދަށުގައި އޮތް އެއްޗެކެވެ. މި ކުންފުނިތަކާއެކު މި ކަމުގައި 11 މިލިއަން ކުދި ކުންފުނި ބައިވެރި ވެއެވެ.
  • އެމެރިކާގެ ޤައުމީ ޖުމްލަ އުފެއްދުމުން (ޖީއެންޕީ) ގެ 40 އިންސައްތަ އަކީ އެމެރިކާގެ 2000 ކުންފުންޏަކުން ޒިންމާ އުފުލާ ކަމެކެވެ. މި ކުންފުނިތަކާއެކު މި ކަމުގައި 22 މިލިއަން ކުދި ކުންފުނި ބައިވެރި ވެއެވެ.
  • ހަތިޔާރާ ބެހޭ އެމެރިކާގެ އެންމެ ބޮޑު 5 ކުންފުނިން އެމެރިކާގެ ދިފާޢީ ވުޒާރާއާއެކު ހަދާފައިވާ ޢަޤްދުތަކަށް ބަލާއިރު އޭގެ މިންވަރުތަކަކީ: ލޮކްހެޑް މާރޓިން (23 ބިލިއަން ޑޮލަރު) ، ބޮއިންގް (24 ބިލިއަން ޑޮލަރު)، ނޯރތުރޮޕް ގުރުމަން (3 ބިލިއަން ޑޮލަރު)، ޖެނެރަލް ޑައިނަމިކްސް (3 ބިލިއަން ޑޮލަރު)، ޔުނައިޓެޑް ޓެކްނޮލޮޖީ (3.6 ބިލިއަން ޑޮލަރު) އެވެ.

މި ކުންފުނިތަކާއި ވޮޝިންގްޓަންގެ ވެރިކަމުގެ ކުންނައާ ދެމެދުގައި އޮތް ސިއްރު ގުޅުމަކީ ވަރަށް ޤަދީމީ ކަމެކެވެ. މި ދިޔަ ސައްތައިގެ ފަންސާހުގެ ތެރޭގައި ޖެނެރަލް މޯޓަރ ކުންފުނީގެ ތަންފީޒީ ރައީސް ޗާރލްޒް ވިލްސަން ވިދާޅުވެފައިވާ ބަސްފުޅަކުން އެކަން އެނގެއެވެ. އޭނާ ވިދާޅުވިއެވެ. "ޖެނެރަލް މޯޓަރގެ މަޞްލަހަތުގައިވާ ކޮންމެ ކަމަކީ އެމެރިކާގެ މަޞްލަޙަތުގައިވާ ކަމެކެވެ."

އޭނާގެ މި ބަސްފުޅުން އެމެރިކާގެ މަޞްލަޙަތުތަކާ މި ކުންފުނިތަކުގެ މަޞްލަޙަތުތައް ގުޅިފައިވަ މިންވަރު ވަރަށް ސާފުކޮށް އެނގެއެވެ. އެމެރިކާއިން ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ ޢަސްކަރީ ޙަރަކާތްތަކާއި އިޤްތިޞާދީ ފިއްތުންތަކަކީ މި ކުންފުނިތަކުގެ އިސްތިރާތީޖީއާ ގުޅިފައިވާ ކަމެކެވެ. އެމެރިކާއިން  ޢަސްކަރީ ބާރާއި އިޤްތިޞާދީ ބާރުތައް ބޭނުން ކުރަނީ ދެ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށެވެ. އެއީ

  • ޢަސްކަރީ ޙަމަލާތަކާއި ޙަރަކާތްތަކުގައި ހަތިޔާރުތައް ބޭނުން ކުރުމުން މި ކުންފުނިތަކަށް ހަތިޔާރު އުފެއްދުމުގައި ކުރިއަށް ދިއުމަށް މަގު ފަހިކޮށް ދިނުން
  • އެމެރިކާގެ ލަޝްކަރުތަކުން ބޭނުންކުރާ ހަތިޔާރުތަކުގެ ބަދަލުގައި އައު ހަތިޔާރުތައް އުފެއްދުމުން ކުންފުނިތަކަށް ލިބޭ ބޮޑު ފައިދާއިން އެމެރިކާގެ އިޤްތިޞާދަށް ދިރުން ލިބިދިނުން. މިއިން އެނގެނީ އެމެރިކާގެ ޢަސްކަރީ މުއައްސަސާއަކީ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ އެންމެ ބޮޑު ޒުބޫން( ކަސްޓަމަރ) ކަމެވެ.

މި ޙަޤީޤަތުން ދެ ކަމެއް އެނގިގެން ދެއެވެ. ފުރަތަމަ ކަމަކީ  މި ކުންފުނިތަކަށް ހަތިޔާރު އުފެއްދުމަށް ފުރްޞަތު ތަނަވަސްވެގެން ދަނީ އެމެރިކާގެ ޢަސްކަރީން އެމެރިކާއިން ބޭރުގައި އަދާކުރާ ދައުރުގެ ސަބަބުންކަމެވެ. އެހެންކަމުން ޢަސްކަރީންނަށް މި ހަތިޔާރުތަކުގެ ބޭނުން ކުރަންޖެހޭ ހޫނު ސަރަޙައްދުތައް ތަނަވަސްކޮށްދެން ޖެހޭނެކަމެވެ. އަދި މީގެއިތުރަށް މި ހަތިޔާރު ގަންނާނެ އެހެން ޤައުމުތައް ވެސް ހޯދާދޭން ޖެހޭނެ ކަމެވެ.

ދެވަނަ ޙަޤީޤަތަކީ ހަތިޔާރު އުފައްދާ ކުންފުނިތަކުން އެމެރިކާގެ އެތައް ލައްކަ ބަޔަކަށް ވަޒީފާގެ ފުރްސަތު ތަނަވަސްކޮށްދޭ ކަމެވެ.މިއީ އިޖްތިމާޢީ އެތައް މަސްއަލަތަކެއް ޙައްލުކޮށްދޭނެ ކަމެކެވެ. މަސައްކަތް ނުލިބި ތިބި މީހުންގެ ޢަދަދު މަދުކޮށްދޭނެ ކަމެކެވެ.

މީގެއިތުރަށް އެމެރިކާގެ ލަޝްކަރާއި ސަލާމަތީ މުއައްސަސާތަކާއި ސިޔާސީ މުއައްސަސާތަކަކީ އެމެރިކާގެ ތެޔޮ ކުންފުނިތަކާއި މި ކުންފުނިތަކުގެ ވުނަކުރުންތައް (ނުވަތަ ޙައްޤުތައް) ޙިމާޔަތްކޮށް ދިނުމަށް ޓަކައި މަސްއަލަތަކުގެތެރެއަށް ވަންނަ މުއައްސަސާތަކެކެވެ. ތިންވަނަ ދުނިޔޭގެ މިފަދަ ޤައުމުތަކާ އެމެރިކާ ބެހެނީ އިޤްތިޞާދި ފިއްތުންތަކާއި ސިޔާސީ ފިއްތުންތަކާއި އިންޤިލާބުތަކަށް މަދަދުކޮށްގެންނެވެ. ވެނެޒުއޭލާއަކީ މި ކަމުގެ ވަރަށް ރަނގަޅު މިސާލެކެވެ. ތެލުގެ މުއްސަނދިކަން ލިބފައިވާ މި ކުޑަކުޑަ ޤައުމު އެމެރިކާގެ ބަސްނޭހުމުގެ ސަބަބުން އެ ޤައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމު މިއަދު ވަނީ އިޤްތިޞާދީ ގޮތުން އިނދަޖައްސައިފައެވެ. ވެނެޒުއޭލާގެ ސަރުކާރު ވައްޓައިލެވޭތޯ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.

މިއިން އެނގެނީ އެމެރިކާގެ މި ބޮޑެތި ކުންފުނިތަކަކީ ކުރުންތެރި ފިއްތުންތެރި ޖަމާޢަތްތަކެއް ކަމެވެ. އެމެރިކާ ސަރުކާރުގެ ހުރިހާ ހުޅުތަކެއްގެ ތެރެއަށް މި ޖަމާޢަތްތައް ވަނީ ވަދެފައެވެ. އެމެރިކާގައި ކަންކަން ނިންމާ އަދި ޤަރާރުތައް ކަނޑައަޅާ ހުރިހާ މުއައްސަސާތަކެއްގެ އެތެރެހަށްޓަށް  އެމީހުން ބޭނުންވާ މެސެޖުތައް ފޮނުވާ އެ ޤަރާރުތަކަށް ބޭނުން ބަދަލުތައް ގެނެއުމުގެ ބާރު މި މުއައްސަސާތަކުން ވަނީ ލިބިފައެވެ. ތެލާ ބެހޭ ކުންފުނިތަކަށް ބަލާއިރު supermajor ކުންފުނިތަކަކާއި multinational ކުންފުނިތަކެއް ވެއެވެ. ގިނަ ޤައުމުތައް ބައިވެރިވާ ކުންފުނިތަކަކީ ޞިނާޢީ އެތައް ޤައުމުތަކެއްގައި އޭގެ ގޮފިތައް ހުންނަ ކުންފުނި ފީންޏެކެވެ.

ބޮޑެތި ކުންފުނިތަކުގެ ޚާއްޞަ ސިފަތަކަކީ

  • ކުންފުނިން ވިއްކާ އެއްޗެހީގެ މިންވަރު އިންތިހާއަށް ބޮޑުވުން . މިސާލަކަށް އެމެރިކާގެ އެކްސޮން މޯބީލް EXXON MOBIL އަށް 2019 ވަނަ އަހަރު 9 ބިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބިފައި ވެއެވެ.
  • ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޢަދަދު އިންތިހާއަށް ގިނަވުން. މިސާލަކަށް ޖެނެރަލް މޯޓަރ ކުންފުނީގައި 8 ލައްކަ މީހުން މަސައްކަތް ކުރެއެވެ.
  • ދުނޔޭގެ ފެންވަރުގައި ކުންފުނި ފުޅައުވެ ފެތުރިފައިވުން . މިސާލަކަށް އެމެރިކާގެ އައިބީއެމްގެ ގޮފިތައް ދުނިޔޭގެ 80 ޤައުމެއްގައި ހުރެއެވެ.

ތެލާބެހޭ ސުޕަރމޭޖަރ 6 ކުންފުންޏަކީ އެމެރިކާގެ އެކްސަން މޯބީލް ކުންފުންޏާއި ހޮލެންޑްގެ ޝެލް ކުންފުންޏާއި، އިނގިރޭސިވިލާތުގެ ބްރިޓިޝް ޕެޓްރޯލިއަމް ކުންފުންޏާއި، އެމެރިކާގެ ޝެވްރޯން  ކުންފުންޏާއި،  އެމެރިކާގެ ކޮނޮކޯ ފިލިޕްސް ކުންފުންޏާއި ، ފަރަންސޭސި ވިލާތުގެ ޓޯޓަލް ކުންފުންޏާއި، އިޓަލީ ވިލާތުގެ އިނީ ކުންފުންޏެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރު އެންމެ ބޮޑު 7 ކުންފުންޏަކީ: ޖަރްމަނުގެ ބަރޓްލްސްމަން ކުންފުންޏާއި، އޮސްޓްރޭލިއާގެ ނިވްސް ކޯރޕް ކުންފުންޏާއި، ޖަޕާނުގެ ސޮނީ ކުންފުންޏާއި، އެމެރިކާގެ ވޯލްޓް ޑިޒްނީ ކުންފުންޏާއި، އެމެރިކާގެ ވިވެންޑިލް ޔުނިވަރސަލް ކުންފުންޏާއި، އެމެރިކާގެ ޓައިމް ވޯނަރ ކުންފުންޏެވެ.

ވޭތުވެދިޔަ ދެ ދަހަރުގެތެރޭގައި ޓެކްނޮލޮޖީގެ ދާއިރާގައި ބިޔަ ކުންފުނިތަކެއް ވަނީ އުފެދި ހެދި ބޮޑުވެފައެވެ. އޭގެތެރޭގައި މައިކްރޯސޮފްޓް ކުންފުންޏާއި ،  ގޫގުލް ކުންފުންޏާއި މީސްމީޑިއާ ގެ ދާއިރާގައި ފޭސްބުކާއި ވީޗެޓް (Wechat) އާއި ނެޓް ވިޔަފާރީގެ ދާއިރާގައި އެމަޒޯނާއި ޢަލީބާބާ ކުންފުނި  ފާހަގަ ކުރެވެއެވެ. މި ފަދަ ކުންފުނިތަކުގެ ރައުސްމާލު ތިންވަނަ ދުނިޔޭގެ ބައެއް ޤައުމުތަކުގެ ބަޖެޓަށްވުރެ މާ ބޮޑެވެ.

މިހާރުގެ ސުވާލަކީ ރައީސް ބައިޑްންގެ ވެރިކަމުގައި ޤަރާރުތައް ކަނޑައެޅުއްވުމުގައްޔާއި ޚާރިޖީ ސިޔާސަތު އެކަށައެޅުއްވުމުގައި މި ކުންފުނިތަކުގެ ފިއްތުންތައް އޮންނާނީ ކިހާވަރަކަށް ހެއްޔެވެ؟ ދިމުޤްރާޠީންނަކީ އަބަދުވެސް އިޤްތިޞާދަށް ވަރަށް އިސްކަންދޭ ބައެކެވެ. އަދި އެމީހުންނަކީ އޮމާންގޮތުގައި އިޤްތިޞާދީ ހަތިޔާރުގެ ބޭނުން ވެސް ކުރަމުންދާ ބައެކެވެ.

ތެޔޮ އުފައްދާ މިންވަރު މަދު ކުރައްވަން ރައީސް ބައިޑްން މަސައްކަތް ކުރައްވައިފާނެ ކަމުގެ ބިރު ހީވެގެން ތެލާބެހޭ ކުންފުނިތަކުން އިންތިޚާބީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަން ފާހަގަ ކުރެވެއެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި މި ކުންފުނިތަކުން ވަނީ ތެޔޮ އުފެއްދުން އިތުރުކޮށްފައެވެ. ދެހާސް އަށާރައިގެ ނޮވެންބަރުގައި މި ކުންފުނިތަކުން އުފެއްދި ތެލުގެ މިންވަރު ވަނީ ދުވާލަކު 13 މިލިއަން ފީފާއަށް އިތުރުވެފައެވެ.

ރައީސް ބައިޑްނާ ދެކޮޅަށް ރައީސް ޓްރަމްޕް އިންތިޚާބީ ޙަމަލާތައް ކުރިއަށް ގެންދެވިއިރު ޓްރަމްޕް ސިފަކުރެއްވި ގޮތުގައި ބައިޑްނަކީ ދީމުޤްރާޠީ ޕާޓީގެ ވާތުފިޔައިގެ އަސީރެކެވެ. އޭނާ ހަކަތައިގެ މައިދާނުގައި އެމެރިކާގެ "ޝާންޝައުކަތު" ނައްތައިލައްވާނެ ކަމަށް ޓްރަމްޕް ތުހްމަތު ކުރެއްވިއެވެ. ބައިޑްން މިކަމާ ދެކޮޅު ހައްދަވާ އެކަމަށް ވަނީ ރައްދުދެއްވައިފައެވެ. ބައިޑްން ވިދާޅުވިގޮތުގައި  އޭނާ fracking މަނާ ނުކުރައްވާނެއެވެ.

މިފަދަ ބިޔަ ކުންފުނިތަކުން އެމެރިކާގެ ސަރުކާރުތަކަށް ފޯރުވަމުންދާ ނުފޫޒުގެ މިންވަރު ދެނެގަތުމަށް ޓަކައި ދަންނަވަން ޖެހެނީ އޮބާމާ ވައިޓްހައުސްއަށް ވަޑައިގެންނެވިއިރު އެމެރިކާއިން ދުވާލަކު އުފައްދާ ތެލުގެ މިންވަރަކީ 5 މިލިއަން ތެޔޮ ފީފާއެވެ. ދެހާސް ފަނަރަ ވަނަ އަހަރާ ހަމައަށް ދިޔައިރު މި މިންވަރު ވަނީ 9.5 މިލިއަން ފީފާއަށް އިތުރުވެފައެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި ސަރުކާރުތައް ބަދަލުވަމުން ދިޔަސް އެމެރިކާއިން އުފައްދާ ތެލާއި އުފައްދާ ހަތިޔާރުގެ މިންވަރަށް މާބޮޑު ބަދަލެއް ނާންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *