Support Us

އީރާނުގެ ފައިލާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މޯސާދުގެ ރައީސް ވޮޝިންގްޓަނަށް ވަޑައިގަންނަވަނީ

އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު މައީރު ބިން ޝަބާތާ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން ހޮނިހިރު ދުވަހުގެ ރޭ ފޯނުން ބައްދަލު ކުރައްވާ އީރާނުގެ ފައިލާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި ކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ. މި ދެބޭފުޅުން އީރާނުގެ ނިޔުކްލިއަރ ފައިލްގެ އިތުރަށް ސަރަޙައްދީ ވަރަށް ގިނަ މަސްއަލަތަކަކާ ބެހޭގޮތުން ބަހުސްކުރެއްވިއެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސް ޔޫސީ ކޯހީން މި އަންނަ މަހު ވޮޝިންގްޓަނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ޕްރޮގްރާމާ ބެހޭގޮތުން ވެސް ދެ މުޝީރުން ވާހަކަފުޅު ދެއްކެވިއެވެ.

އިސްރާއީލުގެ  "ވައްލާ" ޖާލު ޞަފްޙާ ބުނާގޮތުގައި މިއީ ޖޯ ބައިޑްން އެމެރިކާގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިފަހުން އެމެރިކާއާއި އިސްރާއީލާ ދެމެދުގައި ބޭއްވުނު ރަސްމީ ފުރަތަމަ ވާހަކަދެއްކުންތަކެވެ. ރައީސް ޖޯ ބައިޑްން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވިއެވެ. "ޢަރަބި ދުނިޔެއާ އިސްރާއިލާ ދެމެދުގައި ސުލްޙަ ވަރުގަދަ ކުރެއްވުމަށް ޓަކައި ރައީސް ބައިޑްން މަސައްކަތް ކުރައްވާނެ ކަމަށް އަހުރެން އުންމީދު ކުރަމެވެ. އަދި ގުޅިފައިވާ ގޮންޖެހުންތަކާ ކުރިމަތިލެއްވުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އެދެމެވެ."

މޯސާދުގެ ރައީސް ވޮޝިންގްޓަނަށް

މި ޚަބަރާ ގުޅޭގޮތުން އިސްރާއީލުގެ ރަސްމީ ޓީވީ ބުނިގޮތުގައި މި އަންނަ މަހު ވޯޝިންގްޓަންގައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ރައީސް ޔޫސީ ކޯހީން އެމެރިކާގެ ރައީސް ބައިޑްނާއި އެމެރިކާގެ ޖާސޫސީ އިދާރާގެ ރައީސް ވިލިއަމް ބަރންސާ ބައްދަލު ކުރައްވާނެއެވެ. އިސްރާއީލުގެ ޗެނެލް 12 ބުނިގޮތުގައި މިއީ އެމެރިކާގެ ރައީސް ބައިޑްން އިސްރާއީލުގެ އިސް މަސްއޫލުވެރީންގެ ތެރެއިން ބޭފުޅަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. މި ޗެނެލް ބުނިގޮތުގައި މި ބައްދަލު ކުރެއްވުމުގެ ތެރޭގައި އިސްރާއީލުގެ މަސްއޫލުވެރީން އީރާނުގެ ފައިލާ ބެހޭގޮތުން އިސްރާއީލުން ޖަމާކޮށްފައިވާ މަޢުލޫމާތު އެމެރިކާގެ މަސްއޫލުވެރީންނަށް ހާމަކުރައްވާނެއެވެ. އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެއްބަސްވުމަކަށް އެމެރިކާ ދިޔަ ނުދިނުމަށް ޓަކައި އިސްރާއީލުގެ މަސްއޫލުވެރިން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެއެވެ. ރައީސް އޮބާމާގެ ވެރިކަމުގައި 2015ގައި އީރާނާއެކު ސޮއިކުރެވުނު ނިޔުކްލިއަރ އެއްބަސްވުމަކީ އެ އެއްބަސްވުމާ އިސްރާއީލު ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި އީރާނާއެކު ސޮއިކޮށްފައިވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނާއި ޖަރްމަނެވެ.  އެމެރިކާގެ ރައީސް ޓްރަމްޕް 2018ގައި މި އެއްބަސްވުމުން އެމެރިކާ ބޭރަށް ލެއްވުމުން އިސްރާއީލު އެކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔެއެވެ. ރައީސް ބައިޑްން އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އީރާނުން ބުނާގޮތުގައި އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެއްބަސްވެފައިވާ އެއްބަސްވުމަށް ބަދަލެއް ނުގެނެވޭނެއެވެ. އެމެރިކާއަށް ޖެހޭނީ އަނބުރާ މި އެއްބަސްވުމަށް އައުމެވެ.

.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *