Support Us

ޓްރަމްޕްގެ ތަރިކަ މުދާތައް ކުނިވަށިގަނޑަށް އުކާލުމާބެހޭ ޤަރާރުތަކުގައި ބައިޑްން ސޮއިކުރައްވަނީ

އިސްތިރާތީޖީ ހަތިޔާރާ ބެހޭ މުޢާހަދާ އައު ކުރައްވަން ބައިޑްން ބޭނުންފުޅުވޭ

އެމެރިކާއާއި ރޫސީވިލާތާ އެއްބަސްވެ ސޮއިކޮށްފައިވާ އިސްތިރާތީޖީ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ މުޢާހަދާގެ މުއްދަތަށް ފަސް އަހަރު އިތުރު ކުރައްވަން އެދިވަޑައިގަންނަވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑްން ހާމަ ކުރައްވައިފިއެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މުޢާހަދާ ގަނޑުކުރަން ބޭނުންފުޅުވާކަން އިޢުލާން ކުރައްވައިފައެވެ. ރައީސް ބައިޑްންގެ މި އެދިވަޑައިގަތުން ހާމަކުރެއްވީ ވައިޓްހައުސްގެ ތަރްޖަމާނު ޖެން ސާކީ އެވެ. އޭނާ މި ޚަބަރު ދެއްވީ އިއްޔެ އެވެ. މި ޚަބަރު ދުރަށް އެންމެ ފުރަތަމަ ފެތުރީ ވޯޝިންގްޓަން ޕޯސްޓުންނެވެ. ނަން ހާމަނުކުރަން އެދިވަޑައިގެންނެވި އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވަން ވަރަށް ކައިރި މުސްތަޤްބަލެއްގައި އެމެރިކާގައި ހުންނަވާ ރޫސީވިލާތުގެ ސަފީރު އެނަޓޮލީ އަނަޓޮނޯފާ ބައްދަލު ކުރައްވާ ރައީސް ބައިޑްންގެ މި ހުށައެޅުއްވުން ހުށައަޅުއްވާނެއެވެ. ރައީސް ބައިޑްން އެދިވަޑައިގަންނަވަނީ އިސްތިރާތީޖީ ހަތިޔާރާ ބެހޭ އައު މުޢާހަދާގެ މުއްދަތު އިތުރު ފަސް އަހަރަށް އައު ކުރެއްވުމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއީ ނޭޓޯއަށާއި ރޫސީ ވިލާތަށް ވެސް އެކަމުގެ ސަބަބުން ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. މި މުޢާހަދާގައި ސޮއި ކުރެވިފައިވަނީ 5 ފެބްރުވަރީ 2010 ގައި ރައީސް އޮބާމާއާއި ރައީސް ޑިމެޓްރީ މެޑްލެޑީވްގެ ވެރިކަމުގައެވެ. ނޭޓޯގެ އަމީނު ޢާއްމު ޔެންސް ސްޓޮލްޓަންބަރގް ވަނީ މި މުޢާހަދާ އައު ކުރުމަށް އެމެރިކާއަށް ގޮވައިލައްވައިފައެވެ. މި މުޢާހަދާގެ މުއްދަތު ހަމަވާނީ 5 ފެބްރުވަރީ 2021 ގައެވެ.

މި މުޢާހަދާގެ މާއްދާތަކަށް ބަލާއިރު ނިޔުކްލިއަރ އިސްތިރާތީޖީ ބޯތަކުގެތެރެއިން ގުދަނުން ބޭރަށް ނެރެ ފަތުރާލައިފާ ބެހެއްޓޭނީ ގިނަވެގެން 1550 ބޮލެވެ. "އައު ސްޓާޓް" މުޢާހަދާގައި އެއްގަމާއި ކަނޑާއި ވައިގެ މަގުން ބޭނުން ކުރެވޭނެ މިސައިލްގެ ޢަދަދު ވެސް ވަނީ ވަކި ވަރަކަށް ކޮންޓްރޯލްކޮށްފައެވެ.

ރައީސް ޓަރަމްޕް ވަނީ މި މުޢާހަދާއާ ދެކޮޅު ހައްދަވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މި މުޢާހަދާ އަލެއް ނުކުރައްވާނެއެވެ.

ހަތިޔާރުގެ ވާދަވެރިކަމުގެ ރޭސް އަލުން ގަދަވާނެ

"ނިވް ސްޓާޓް" މުޢާހަދާގެ ސަބަބުން ރޫސީވިލާތާއި އެމެރިކާގެ ނިޔުކްލިއަރ ހަތިޔާރުގެ ކޮށާރުގައި ހުރި ހަތިޔާރުގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. މި މުޢާހަދާ ބުނާގޮތުގައި އެއިން  ކޮންމެ ޤައުމެއްގައި ވެސް ބެހެއްޓޭނީ ނިޔުކްލިއަރ ބޯތަކުން 1550 ބޮލާއި މިސައިލް އަރުވާ ހަރުތަކުން 700 ހަރެވެ.

މި މުޢާހަދާ އައު ނުކުރެވިއްޖެނަމަ ހަތިޔާރު އުފެއްދުމުގެ ވާދަވެރި ރޭސް އަލުން ފެށިދާނެ ކަމަށް ސިޔާސީ މުޙައްލިލުން ވިދާޅުވެއެވެ. އެއީ މި މުޢާހަދާ އުވުމުން އޭގައި އައިސްފައި ހުރި ކަންތައްތަކަށް ޢަމަލު ކުރަން ނުޖެހޭނެތީއެވެ. ކެރެމްލިނުން އިއްޔެ ބުނިގޮތުގައި އެ ޤައުމުން މި މުޢާހަދާގައި ހިފަހައްޓާނެއެވެ. މި މުޢާހަދާ އައު ކުރައްވާނެ ކަމަށް ބައިޑްން ވަޢުދުވެވަޑައިގެންފައިވާތީ މޮސްކޯއިން ވަނީ  އެކަމަށް މަރްޙަބާ ކިޔައިފައެވެ.

ބައިޑްންގެ އިސްތިރާތީޖީ

ބައިޑްންގެ ދިފާޢީ ވަޒީރުކަމަށް އިސްކުރުމަށް އިޚްތިޔާރު ކުރައްވާފައިވާ ލުވިޑް އޮސްޓިން 20 ޖަނަވަރީގައި އެމެރިކާއިން ރަޝިޔާއާއި ޗައިނާއާއެކު ގެންގުޅޭނެ ސިޔާސަތުގެ މަލަތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ސެނެޓްގެ ހަތިޔާރާ ބެހޭ ސެނެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހަރެމެންގެ މަޞްލަޙަތާއި އަހުރެމެންގެ އަގުތައް ޙިމާޔަތް ކުރުމަށާއި ކުރިމަތިލުންތައް ނައްތައިލުމަށް މަސައްކަތް ކުރާނަމެވެ. އަދި  ދެ ޤައުމަށް ފައިދާހުރި މައިދާންތަކުގައި ރަޝިޔާއާއެކު އެއްބާރުލުމުގެ ދޮރު ހުޅަވައިލާނަމެވެ."

އޮސްޓިން ފާހަގަކުރެއްވި ގޮތުގައި އެއްބާރުލުމުގެ ދާއިރާތަކަކަށް ވާނީ "ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަކުރުމާއި، ހަތިޔާރަށް ފާރަލުމާއި، އެމެރިކާއާއި ރަޝާގެ ބާރުތައް މަސައްކަތްކުރާ ހިސާބުތަކާ ކައިރި ސަރަޙައްދުތަކުގައި ހިނގާ ޢަސްކަރީ މަސްއަލަތައް ޙައްލުކުރުމާއި، ނުރައްކާތެރިކަން ބޮޑު ހަތިޔާރު ފެތުރުން ހުއްޓުވުން" ފަދަ މައިދާންތަކެވެ. ބައިޑްންގެ ދިފާޢީ ވަޒީރު ވިދާޅުވާ ގޮތުގައި ޙަމަލާދޭ އިސްތިރާތީޖީ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ މުޢާހަދާ "ސްޓާޓް 3″ އަކީ އެމެރިކާގެ މަޞްލަޙަތާ އެއްކޮޅަށް އޮތް އެއްބަސްވުމެކެވެ. އެހެނަސް އޮސްޓިން ހާމަކުރެއްވި ގޮތުގައި އެމެރިކާގެ ޙަޔަވީ މަޞްލަޙަތުތައް ރައްކައުތެރިކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެމެރިކާއިން އަޅާނެއެވެ. އޭގެތެރޭގައި އެމެރިކާގެ އެކުވެރި ޤައުމަކަށް ރަޝިޔާއިން ޙަމަލާއެއް ދީފިނަމަ އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުން ވެއެވެ. އެކަން ވާނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ސެނެޓުން މިއަދު ވަނީ ދިފާޢީ ވަޒީރުކަމަށް އޮސްޓިން ޢައްޔަން ކުރުމުގެ ހުއްދަ ރައީސް ބައިޑްންއަށް އަރުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *