ވިސްނަވައި ލެއްވީމުތޯ ވަގުތާ މެދަށް ފާއިތު މިވާ……..؟
އިސްވެދިޔަ މާޒީ އަލުން އަންނާނެތޯއޭ …. ރޭދުވާ؟
ކޮންމެދުވަހަކު އިރުއަރައި، މެންދުރުވެ، ދެން އިރުއޮއްސިގެން
ކޮންމެ މަހަކާ އަހަރަކާ އަބަދާ އަބަދު ފާއިތު މިވާ
އިއްޔެ ކުޑަކުއްޖަކަށް ހުރެފައި މިއަދު ބޮޑު މީހަކަށް-
ވިއްޔެ، މާދަން ވާނެނީ މުސްކުޅިޔަކަށް…. ބާރެއް ނުވާ
ކޮންމެ ނަފުސެއް ދުނިޔެއަށް މި އައީ ތެދޭ ވަކި އަޖަލަކަށް
އެންމެ "ޚަލްޤެއް" ވެސް "މިތާ" ދިރިނޫޅެޔޭ އަޖަލެއްނުވާ
ވިސްނިޔަސް އަދި ގިސްލިޔަސް ރޮއިފާ ކަރުނައޮހޮރައިލިޔަސް
އިސްވެ ދިޔަ ވަގުތެއް އަލުން އަންނާނެހޭ މާޒީ މިވާ؟
އަދުކުރަން ޖެހިފައިވި ޢަމަލެއް އަދު ނުކޮށް މާދަން ކުރަން-
މަޑުކުރާ ނަމަ، ގެއްލިދާ ވަގުތޭ އެއީ ބޭކާރުވާ
އަގުވަޒަންކުރެވެންޖެހޭނޭ އެންމެނަށް ހަމަ އެއްވަރަށް
އަގު އެޔަށްވުރެ ބޮޑު އެހެން އެއްޗެއް ނުވާކަން ވިސްނަވާ
ވަގުތަކީ ވާ ހާދަ އަގުހުރި އެއްޗެކޭ ފާއިތު މިވާ
އަގު ވަޒަންކުރުމާ އެކީ، ގަޑިޔަށް ސަމާލުވެ ލައްވަވާ!
