ބާކީ އޮތް ކުޑަ ދުވަސްކޮޅުގައި ވެސް އިސްރާއީލަށް ކަމެއް ކޮށްދެއްވޭތޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފެނެއެވެ. އިސްލާމީ ޤައުމެއް ނުވަތަ ދެ ޤައުމެއް އިސްރާއީލާއެކު ގުޅުންތައް ޤާއިމު ކުރާނެ ކަމުގައި އުއްމީދުގައި ޓަރަމްޕް ދަނީ ރެއާއިދުވާލު މަސައްކަތް ކުރައްވަމުންނެވެ. ޖެނުއަރީ 20 ގައި ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމުގެ ކުރިން އޭނާއަކީ އިސްރާއީލަށް ވަފާތެރި ޚާދިމެއްކަން ދައްކަވަން ޓްރަމްޕް ބޭނުންފުޅުވެއެވެ. އެއީ ފަހަރެއްގައި ޞުލްޙައިގެ ނޮބެލް އިނާމު މި އަންނަ އަހަރު ލިބިވަޑައިގެންފާނެތީ ކުރައްވާ ކަމެކެވެ.
އިސްރާއީލާއެކު ޤުޅުން ޤާއިމުކުރުމުގެ ރޭލާ ދެން ގުޅުވައިލެވޭނީ ކޮން ޤައުމެއް!
ރައީސް ޓްރަމްޕު ހުރިހާ ވަސީލަތްތަކަކުން (މާލީ، ސިޔާސީ އަދި ޢަސްކަރީ ވަސީލަތްތަކުން) އިސްރާއިލަށް ޚިދްމަތެއް ކޮށް ދެއްވޭތޯ ރެއާއިދުވާލު ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އޭނާ މިހާތަނަށް ކުރެއްވި މަސައްކަތްޕުޅުން އެކުވެރި ޢަރަބި އިމާރާތާއި ބަޙްރައިނާއި ސޫދާނާއި މަޣްރިބު ވަނީ އިސްރާއީލާއެކު ގުޅުންތައް ޤާއިމުކޮށް ޠަބީޢީ ކޮށްފައެވެ. އެމެރިކާގެ ބްލޫމްބަރގް ނޫސް އޭޖެންސީ (22 ޑިސެންބަރު 2020ގައި) ބުނިގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޤާއިމުކޮށްފިނަމަ އެތައް ބިލިއަން ޑޮލަރެއް އެމެރިކާއިން ދޭނެއެވެ. ބައިނަލް އަޤްވާމީ ތަރައްޤީއަށް އެހީވާ އެމެރިކާގެ ކުންފުނީގެ ތަންފީޒީ ރައީސް އެޑަމް ބޯލަރ ވިދާޅުވާ ގޮތުގައި އިންޑޮނީޝިޔާއިން އިސްރާއިލާއެކު ގުޅުންތައް ޠަބީޢީ ކޮށްފިނަމަ އޭނާގެ ދަބަހަށް އެތައް ބިލިއަން ޑޮލަރެއް އިތުރުވެގެންދާނެއެވެ. މި ކުންފުންޏަކީ ޚާރިޖީ ވުނަކުރުމާބެހޭ މަޝްރޫޢުތައް ހިންގާ އެމެރިކާ ސަރުކާރުގެ އޭޖެންސީއެކެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި "އަހުރެމެން މި ދަނީ އިންޑޮނީޝިޔާއާއެކު ވާހަކަ ދައްކަމުންނެވެ. ފައިސާ ހުރީ ތައްޔާރަށެވެ. މިހާރު އަހުރެމެން ދޭ އެހީއަށްވުރެ މާ ބޮޑު އެހީ ދޭނަމެވެ. ދެ ބިލއަން ޑޮލަރުގެ އިތުރު އެހީއެއް އިންޑޮނީޝިޔާއަށް ދެވޭނެއެވެ. އެއީ އެންމެ ބޮޑު އިސްލާމީ ޤައުމެވެ."
އިސްރާއީލު ވެސް މި ކަމަށް އިޝާރާތް ކުރޭ
އަނެއްކޮޅުން ބަލާއިރު ސަރަޙައްދީ އެއްބާރުލުމާ ބެހޭ އިސްރާއީލުގެ ވަޒީރު އޮވިއަރ އަކޮނީސް ވައި ނެޓް ޓީވީއަށް (23 ޑިސެންބަރު 2020ގައި) ދެއްވި ބަޔާނެއް ބުނާގޮތުގައި "އޭނާގެ ދައުލަތުން ދަނީ އިސްލާމީ ފަސްވަނަ ޤައުމަކާއެކު ގުޅުންތައް ޠަބީޢީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް ޓްރަމްޕުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އެކަން ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ. އިސްރާއީލުގެ ވަޒީރު ވިދާޅުވި ގޮތުގައި ދެ ޤައުމެއް އޮތީ ތާވަލު ކުރެވިފައެވެ. އެއް ޤައުމަކީ ގަލްފުގެ ޤައުމެކެވެ. މިއީ ޢުމާން ކަމަށް ލަފާކުރެވެއެވެ. ދެވަނަ ޤައުމަކީ އިރުމަތީގެ ޤައުމެކެވެ. މިއިން ދޭހަވަނީ އެއީ އިންޑޮނީޝިޔާ ކަމެވެ.
އިންޑޮނީޝިޔާ އިސްރާއީލު ގުޅުން
މި ދިޔަ ހަފުތާގައި ޖަކާޓާ ބުނިގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމު ނުކުރެވޭނަމަ އިންޑޮނީޝިޔާއިން އިސްރާއީލާއެކު ގުޅުން ޤާއިމެއް ނުކުރާނެއެވެ. އިންޑޮނީޝިޔާގެ ޚާރިޖިއްޔާގެ ރަސްމީ ތަރްޖަމާނު ޓިޔޫކޯމް ފާއިޒު ސިޔާ އައްޝަރްޤުލް އައުސަޠު ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "އިސްރާއީލާއެކު ގުޅުން ޤާއިމު ކުރުމާމެދު ޖަކާޓާ އަދިއެއް ނުވިސްނައެވެ. އިންޑޮނީޝިޔާގެ ޤާނޫނު އަސާސީ އަހުރެމެންގެ މައްޗަށް ލާޒިމުކުރާ ގޮތުގައި ފަލަސްޠީނަށް ތާއީދުކޮށް ހިފާފައި އޮތް އެމީހުންގެ ބިން މިނިވަންކުރުމަށް އެހީވެދޭން އަހުރެމެންނަށް ޖެހެއެވެ."

މިހެން ކަން އޮތް ކަމުގައިވިޔަސް ނުރަސްމީ ސިފައެއްގައި ނަމަވެސް އިންޑޮނީޝިޔާއާއި އިސްރާއީލާ ދެމެދުގައިވާ ގުޅުމަކީ އައު ކަމެއްނޫނެވެ. އިސްރާއީލު ބުނާގޮތުގައި އެ ދެ ޤައުމުގެ ގުޅުމަކީ އެތައް ދަހަރެއް ކުރިން އޮތް ގުޅުމެކެވެ. ސުހާޓޯ ވެރިކަމަށް ވަޑައިގަންނަވަންދެން އޮތީ ވަރަށް ކުޑަކުޑަ ގުޅުމެކެވެ. ސުހާޓޯގެ ވެރިކަމުގައި އިސްރާއީލާއި އިންޑޯނީޝިޔާއާ ދެމެދުގައި ޢަސްކަރީ މައިދާނުގައި ވަނީ އެއްބާރުތައް އުފެދިފައެވެ. ސުހާޓޯއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޢަބްދުއްރަޙްމާން ވަޙީދުގެ ދައުރުގައި މި ގުޅުން އިތުރަށް ފުޅައުވެގެން ދިޔައެވެ. ރައީސް ވަޙީދުގެ ވެރިކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު އިސްޙާޤު ރަބީން 1993 ގައި އިންޑޮނީޝިޔާއަށް ޒޔާރަތް ކުރެއްވިއެވެ. އޭގެފަހުން ޝަމްޢޫން ޕޭރޭޒުގެ ވެރިކަމުގައި ރައީސް ވަޙީދު ޤުދްސަށް ވަޑައިގެންނެވިއެވެ. އެއީ އުރްދުނާ އިސްރާއީލާ ދެމެދުގައި ސޮއި ކުރެވުނު ޞުލްޙައިގެ އެއްބަސްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައެވެ. އިންޑޮނީޝިޔާގެ އިސްލާމީ ޖަމާޢަތްތަކުން ރައީސް ވަޙީދާ ދެކޮޅަށް އިހްތިޖާޖުކޮށް މުޒާހަރާތައް ބޭއްވިނަމަވެސް ރައީސް ވަޙީދު އިސްރާއީލާއެކު ގުޅުންތައް ބަދަހި ކުރެއްވުމުގައި ކުރިއަށް ވަޑައިގަތެވެ. އޭނާ 1997 ގައި އިސްރާއީލަށް ޒިޔާރަތް ކުރެއްވިއެވެ. މި ދެ ޤައުމުގެ ދެމެދުގައި ތަފާތު މައިދާންތަކުގައި ގުޅުންތައް ޤާއިމު ކުރެވެމުން ދިޔުން ހުއްޓިގެން ނުދެއެވެ. ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެން ގޮސް އަހަރަކު ބަދަލު ކުރެވޭ ވިޔަފާރި ވަނީ 500 މިލިއަނަށް ފުޅައުވެފައެވެ.

އިސްރާޢީލުގެ "ދަ ޓައިމްޒް އޮފް އިޒްރޭލް" ދުވަހު ނޫސް ބުނާގޮތުގައި 2017 ވަނަ އަހަރު އިންޑޮނީޝިޔާއިން 36 ހާސް މީހުން އިސްރާއީލަށް ތަފާތު ސިފަސިފައިގައި ޒިޔާރަތް ކުރިއެވެ. މި ނޫސް ބުނާގޮތުގައި އިސްރާއީލުން އިންޑޮނީޝިޔާއަށް 2016 ވަނަ އަހަރު 121 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރިއެވެ. އަދި އިންޑޮނީޝިޔާއިން އިސްރާއީލަށް 43 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރިއެވެ.
ޢަރަބި އިސްލާމީ 10 ޤައުމެއް ގުޅުން ޠަބީޢީ ކުރުމުގެ ރޭލުގައި ގުޅުވައިލުމަށް ދަނީ މަސައްކަތް ކުރަމުން
ވައި ނެޓް ޗެނެލަށް ސަރަޙައްދީ އެއްބާރުލުމާ ބެހޭ އިސްރާއީލުގެ ވަޒީރު އޮވިއަރ އަކޮނީސް ވިދާޅުވި ގޮތުގައި ގަލްފުގެ ޤައުމުތަކުގެ ތެރެއިން ޢުމާން ވަރަށް ކައިރި މުސްތަޤްބަލެއްގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރާނެއެވެ.
އެމެރިކާއާއި އިސްރާއީލުގެ މަސްއޫލުވެރީން ވިދާޅުވަމުންދާ ގޮތުގައި އިސްލާމީ އެތައް ޤައުމުތަކެއް އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރާނެއެވެ.

އިސްރާއީލުގެ ރަސްމީ ރޭޑިއޯ މިދިޔަ ހަފުތާގައި ބުނިގޮތުގައި މަޣްރިބަށްފަހު ގުޅުން ރަނގަޅު ކުރުމުގެ ރޭލުގައި ދެން ބައިވެރިވާނީ ޢުމާނެވެ. މި ބޭފުޅުން އުއްމީދު ކުރައްވާ ގޮތުގައި ސުޢޫދީ ޢަރަބިއްޔާ ވެސް ސުލްޙައިގެ މި ރޭލުގައި ވަރަށް އަވަހަށް ބައިވެރިވާނެއެވެ. އެހެނަސް ވަރަށް ގިނަ ބަޔަކު ދެކޭގޮތުގައި ސަލްމާން ރަސްގެފާނުގެ ވެރިކަމުގައި އެކަމެއް ނުވާނެއެވެ. އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވާގޮތުގައި ޕާކިސްތާނު، ނައިޖަރު، މާލީ، ޖިބޫޓީ، މޮރިޓޭނިޔާ، ބުރޫނައި، ބަންގްލަދޭޝް، ކޮމޯރޯސް ފަދަ ޤައުމުތައް ވަރަށް ކައިރި މުސްތަޤްބަލެއްގައި އިސްރާއީލާއެކު ގުޅުން ޤާއިމުކުރާނެއެވެ.



advertisment