ގަލްފުގެ ޞުލްޙައަށް ދުނިޔޭގެ ތަހްނިޔާ
ގަލްފުގެ 41 ވަނަ ތާރީޚީ ބައްދަލުވުން ނިމުމުން އިޢުލާންކުރެވުނު "ޢުލާ ބަޔާން" އާ އެކު ގަލްފަށް ޞުލްޙަވެރިކަން އަތުވެއްޖެކަމުގެ ހެޔޮ ޚަބަރު ފެތުރިގެން ދިޔައެވެ. މި ބަޔާނާއެކު މުޅި ދުނިޔެ ކަހަލަ ގޮތަކަށް މި ސަމިޓްގެ ނިންމުންތަކަށް ތަހްނިޔާ ކިޔެއެވެ. އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) އާއި ޢަރަބި ޤައުމުތަކުގެ ޖަމްޢިއްޔާ (ޢަރަބި ލީގް) އާއި އދ މަޖިލީހާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިކަމާމެދު އުފާ ފާޅުކުރިއެވެ. ގަލްފުގެ ޤައުމުތަކުންނާއި މިޞްރުން މި ސަމިޓަކީ ވަރަށް ތާރީޚީ ބައްދަލުވުމެއް ކަމަށް ސިފަކުރިއެވެ. ސަޢޫދީން ވަނީ އެ ޤައުމުގެ ވަޔާއި ކަނޑާއި އެއްގަމު ސަރަޙައްދު ޤަޠަރުގެ ކުރިމަތީގައި ހުޅުވާލައިފައެވެ. މިޞްރުން މިހާރު ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު ޤަޠަރު އެއަރލައިނަށް ހުޅުވާލައިފައެވެ. ޤަޠަރުގެ މާލީ ވަޒީރު އިއްޔެ ޤާހިރާއަށް ވަޑައިގެން އެ ދެ ޤައުމު ގުޅިގެން އެތައްއެތައް އިޤްތިޞާދީ މަޝްރޫޢުތަކެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
ޖޫން 5، 2017ގައި ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތާއި ބަޙްރައިނާއި މިޞްރުން ޤަޠަރާއެކު ހުރިހާ ބާވަތެއްގެ ގުޅުން ކަނޑައި ވަޔާއި ކަނޑާއި އެއްގަމު މަގުން ޤަޠަރު ޙިޞާރު ކުރިއެވެ. އަދި ޤަޠަރާއެކު އަލުން ގުޅުން ޤާއިމު ކުރެވޭނީ 13 ކަމެއް ކުރުމުން ކަމަށް މި ހަތަރު ޤައުމުން ބުންޏެވެ. މި 13 ކަމަކީ ކޮބާ؟

ޤަޠަރު ޙިޞާރު ކުރި 13 ކަންތައް
- އީރާނާއެކު ޤަޠަރުން ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމުގެ ފެންވަރު ދަށްކުރުމާއި ހުރިހާ ކޮންސުލޭޓްތަކާއި އެޓާޝޭ އޮފީސްތައް ބަންދުކުރުމާއި އިރާނާ ދެކޮޅަށް އެޅިފައިވާ ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފު ނުވާގޮތަށް މެނުވީ އީރާނާއެކު އެއްބާރުލުން ޤާއިމު ނުކުރުން (އިމާރާތާއި އީރާނާ ދެމެދުގައި ސިޔާސީ ގުޅުން އޮންނަކަމާއި ޢަސްކަރީ އަދި އިޤްތިޞާދީ މައިދާނުގައި ފުޅައު ދާއިރާއެއްގައި ވިލަރެސް ކުރެވެމުންދާކަން ފާހަގަ ކުރެވެއެވެ.)
- ތުރްކީގެ ޢަސްކަރީ ބޭސް ވަގުތުން ބަންދު ކުރުމާއި ޤަޠަރުގެ ބިމުގައި ތުރްކީއާއެކު އެއްވެސް ބާވަތެއްގެ ޢަސްކަރީ އެއްބާރުލުމެއް ނުބޭއްވުން (މި ބޭސް ޤާއިމު ކުރެވުނީ ޤަޠަރު ޙިޞާރު ކުރި ފަހުން ކަން ފާހަގަ ކުރެވެއެވެ. މި ބޭސް ޤާއިމު ކުރުމުގެ ބޭނުމަކީ ޤަޠަރަށް ދީފާނެ ޢުދްވާނީ ޙަމަލާއަކުން އެ ޤައުމު ދިފާޢު ކުރުމެވެ. މީގެ އިތުރަށް ތުރްކީއަކީ ގަލްފުގެ އެހެން ޤައުމުތަކާއެކު ޢަސްކަރީ އިސްތިރާތީޖީ ގުޅުން އޮތް ޤައުމެކެވެ.)
- މި ހަތަރު ޤައުމުން ސިފަކުރާ ނިރުބަވެރި ޖަމާޢަތްތަކާއި ސިޔާސީ ޖަމާޢަތްތަކާއި މަޒްހަބީ ޖަމާޢާތްތަކާއެކު ވަގުތުން ޤަޠަރު ގުޅުން ކެނޑުން (މި ޖަމާޢަތްތަކުގެ ތެރޭގައި ފާހަގަކުރެވޭ ޖަމާޢަތްތަކަކީ: އިޚްވާނުލް މުސްލިމީން ޖަމާޢަތް – ދާޢިޝް ޖަމާޢަތް- ޖަބްހަތު ފަތުޙުއް ޝާމު ޖަމާޢަތް– ޙިޒްބުﷲ ޖަމާޢަތް. މި ތާނގައި ފާހަގަކޮށްލަން ޖެހޭ މުހިއްމު ދެ ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ރައީސް ސީސީއަށް ދިފާޢީ ވަޒީރުކަން ދެއްވީ ރައީސް މުރްސީކަމެވެ. މުރްސީއަކީ އިޚްވާނުލް މުސްލިމީންގެ ޖަމާޢަތުގެ ބޭފުޅެކެވެ. ދެވަނަ ކަމަކީ ސަލްމާން ރަސްގެފާނަށް ވެރިކަން ލިބިވަޑައިގަތުމަށްފަހު ޑރ. ޔޫސުފުލް ޤަރްޟާވީއާ ބައްދަލު ކުރެއްވި ކުރެއްވުމެވެ. ޤަރްޟާވީއަކީ އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މިއަދުގެ ދީނީ ޒަޢީމުކަމަށް ބެލެވޭ ޢިލްމުވެރިޔާއެވެ.)
- މި ހަތަރު ޤައުމުގެ ނިރުބަވެރީންގެ ލިސްޓުގައި ހިމެނޭ ޖަމާޢަތްތަކަށާއި ޖަމްޢިއްޔާތަކަށް ފައިސާގެ އެހީ ދިނުން ހުއްޓައިލުން (މި ލިސްޓުގައި ހިމެނޭ ގިނަ ޖަމާޢަތްތަކަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ޖަމާޢަތްތަކެއް ނޫނެވެ.)
- މި ހަތަރު ޤައުމުގެ ނިރުބަވެރީންގެ ލިސްޓުގައި ހިމެނޭ ޢުންޞުރުތައް މި ހަތަރު ޤައުމާ ވަގުތުން ޙަވާލު ކުރުމާއި އެމީހުންގެ މިލްކިއްޔާތުތައް މި ހަތަރު ޤައުމުގެ ކަމާބެހޭ އިދާރާތަކާ ޙަވާލު ކުރެވެންދެން ހިފެހެއްޓުމާއި މި ޢުންޞުރުތަކާ ބެހޭ މަޢުލޫމާތުތައް އެ ހަތަރު ޤައުމަށް ދިނުން
- ޖަޒީރާ ޓީވީއާއި ޚަބަރުފަތުރާ މި ވަސީލަތުގެ އެންމެހާ އޮފީސްތައް ބަންދު ކުރުން
- މި ހަތަރު ޤައުމުގެ ދާޚިލީ ކަންތައްތަކާއި އެ ޤައުމުތަކުގެ ޚާރިޖީ މަޞްލަޙަތުތަކާ ބެހުން ހުއްޓައިލުމާއި، މި ހަތަރު ޤައުމުގެ އެއްވެސް މީހަކު ޤަޠަރުގެ ރައްޔިތެއް ކަމުގައި ނުހެދުމާއި، މި ހަތަރު ޤައުމުގެ މީހުންގެތެރެއިން ޤަޠަރުގެ ރައްޔިތުކަން ލިބިފައިވާ މީހުންގެ ކިބައިން ރައްޔިތުކަން ނިގުޅައިގަތުމާއި މި ޤައުމުތަކާ އިދިކޮޅު ޢުންޞުރުތަކާ ގުޅުން ކެނޑުން
- ޤަޠަރުގެ ސިޔާސަތުގެ ސަބަބުން މި ޤައުމުތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލު ދިނުން
- ގަލްފުގެ ދާއިރާއާއި ޢަރަބި ދާއިރާގެ ތެރޭގައި ޢަސްކަރީގޮތުންނާއި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ޤަޠަރު އެއްގަލަކަށް އެރުމާއި މި ކަންކަމުގައި އެއް ސިޔާސަތަކަށް ތަބާވުމާއި، 2013ވަނަ އަހަރުގެ ރިޔާޟު އެއްބަސްވުމަށާއި 2014 ވަނައަހަރުގެ ރިޔާޟުގެ އެއްބަސްވުމަށް ޢަމަލު ކުރުން (މި ހަތަރު ޤައުމުން ޤަޠަރާ ދެކޮޅަށް އަޅާފައިވާ ޙިޞާރު ކުރުމުގެ ފިޔަވަޅުތަކަށް ޢަރަބި ގިނަ ޤައުމުތަކުންނާއި ގަލްފުގެ އެހެން ޤައުމުތަކުން ތާއީދެއް ނުކުރެއެވެ. މި ޤައުމުތަކަކީ އީރާނާއި ތުރްކީއާއެކު ގުޅުންތައް ޤާއިމުކޮށްފައިވާ ޤައުމުތަކެކެވެ. އަދި މި ހަތަރު ޤައުމަކީ ވެސް އީރާނާއި ތުރްކީއާއެކު ގުޅުން ދަމަހައްޓަމުންދާ ޤައުމުތަކެކެވެ.)
- ޤަޠަރުން އެހީވާ އިދިކޮޅު އުންޞުރުތަކުގެ މަޢުޅޫމާތާއި ދެމުން ގެންދާ އެހީގެ ބާވަތްތަކުގެ މަޢުލޫމާތު ދިނުން
- ޤަޠަރުން ސީދާކޮށްނާއި ނުސީދާކޮށް އެހީވެދޭ ޚަބަރުފަތުރާ ވަސީލަތްތައް ބަންދު ކުރުން
- 10 ދުވަހުގެތެރޭގައި މި ކަންކަމަށް ޤަޠަރު އެއްބަސްވެ ޢަމަލު ކުރުން.
- އެއްބަސްވެވޭ ކޮންމެ އެއްބަސްވުމެއްގައި ސާފުކޮށް ލަނޑުދަނޑިތަކާއި އެއްބަސްވުން ތަންފީޒު ކުރެވޭނެ ގޮތްތައް ބަޔާން ކުރުން. މި އެއްބަސްވުމަށް ޢަމަލު ކުރެވެމުންދާ ގޮތާބެހޭގޮތުން ފުރަތަމަ އަހަރުގެ ތެރޭގައި ކޮންމެ މަހަކު ރިޕޯޓެއް ތައްޔާރު ކުރުމާއި ދެވަނަ އަހަރު ކޮންމެ ތިން މަހަކުން ރިޕޯޓެއް ތައްޔާރު ކުރުމާއި އެއަށްފަހު 10 އަހަރު ވަންދެން ކޮންމެ އަހަރަކު އެއްފަހަރު ރިޕޯޓެއް ތައްޔާރުކޮށް ހުށައެޅުން
ކުއްލިއަކަށް އިޢުލާނުކުރި މި 13 ކަންތައް އިޢުލާނު ކުރުމުން މި ކަންތައްތަކާ ދެކޮޅަށް ޤަޠަރުން ޙަރަކާތްތެރިވާން ފެށިއެވެ. މިކަމާ ވިދިގެން އެއްމަސް ފަހުން ޖުލައި 2017ގައި ވަނީ 6 އުޞޫލުގެ ނަމުން ނަންދެވިފައިވާ އުޞޫލުތަކެއް އިޢުލާންކޮށްފައެވެ. މިއީ މަތީގައި ބަޔާންކުރި 13 ކަންތަކަށްވުރެ ދިލަކަން ކުޑަ ކަންތައްތަކެކެވެ.
6 އުޞޫލު (ޖުލައި 2017ގެ)
- ޙައްދުފަހަނަޅައި ދިޔުމާއި ނިރުބަވެރިކަމުގެ ހުރިހާ ބާވަތްތަކަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، އެކަންކަމަށް އެހީވުން ހުއްޓައިލުމަށާއި އެމީހުންނަށް އަމާން ހިޔާވަހިކަން ދިނުން ހުއްޓައިލުމަށް ކަށަވެތިވުން
- ހަރުކަށި ކަމަށާއި ނުރުހުންތެރިކަމަށް ހިތްވަރުދޭ އެންމެހައި ޢަމަލުތައް ހުއްޓައިލުމަށް ކަށަވެތިވުން.
- 2013ވަނަ އަހަރާއި 2014ވަނަ އަހަރުގެ ރިޔާޟު އެއްބަސްވުންތަކަށް ފުރިހަމައަށް ޢަމަލުކުރުން
- މޭ 2017ގައި ރިޔާޟުގައި ބޭއްވުނު އަރަބި- އިސްލާމީ- އެމެރިކާ ސަމިޓްގެ ނިންމުންތަކަށް ޢަމަލު ކުރުން
- އެހެނިހެން ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ބެހުމާއި ޤާނޫނާ ޚިލާފު ޖަމާޢާތްތަކަށް ވާގިވެރިވުމާ ދުރުހެލިވުން
- ބައިނަލްއަޤްވާމީ ސުލްޙަމސަލަސްކަމަށް ނުރައްކާތެރިކަމެއް ކަމުގައި ބެލެވޭ އެންމެހައި ބާވަތްތަކެއްގެ ހައްދުފަހަނަޅައިދިޔުންތަކާއި ނިރުބަވެރި ޢަމަލުތަކާ ކުރިމަތިލުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ހިމެނޭ ޤައުމުތަކުގެ މަސްއޫލިއްޔަތެއްކަން ޤަބޫލު ކުރުން .
ޢަރަބި އިމާރާތް ވެސް މަޑުމަޑުން ރަނގަޅުވާނެ
ޤާޠަރާއެކު ޞުލްޙަވުމުގެ މަސްއަލައިގައި އެންމެ ބޮޑަށް ހަރުކަށިކަން ދައްކާ ޤައުމަކީ އިމާރާތެވެ. ގަލްފުގެ 41 ވަނަ ސަމިޓުގައި އަބޫ ޡަބްއިގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދު ބައިވެރިވެ ވަޑައިނުގެންނެވީ މިހެންވެގެންނެވެ. އިމާރާތުގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޢަބްދުލްޚާލިޤު ޢަބްދުﷲ މި ދިޔަ ޑިސެންބަރު މަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ((ގަލްފުގެ ޞުލްޙައިގެ ރޭލަށް އެންމެ މިލިމީޓަރެއްވެސް ކުރިއަށް ދެވޭނީ އިމާރާތަށް އެނގި އިމާރާތުގެ ރުހުން ލިބިގެންނެވެ.)) އެއަށްފަހު އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ މުޅިން ރާގު ބަދަލުވެފައެވެ. މި ޓްވީޓްގައި ވިދާޅުވިއެވެ. ((މި 6 އުޞޫލަކީ ވަގުތީ އެއްޗެކެވެ. އޭގެ މުއްދަތު ހަމަވެ މިހާރު ވަނީ ބާރު ކެނޑިފައެވެ.))
އޭނާ އެމެރިކާގެ ((އައްޙުއްރާ)) ޖާލު ޞަފްޙާއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި ވަގުތު އެއްވެސް "އެދުމެއް" ނެތެވެ. މި ވަގުތު އޮތީ "ޤަޠަރަށް ޢަމަލު ކުރަން ޖެހޭ އުޞޫލުތަކެކެވެ. "އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((މި ވަގުތަށް ބޭނުންވަނީ ބޮއިކަޓްގެ ސަބަބުން ލިބުނު ގެއްލުންތައް ކުޑަކޮށް ގިރާކުރުމެވެ.)) އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ((ބޮއިކަޓްގެ ސަބަބުން އެންމެންނަށް ވަނީ ގެއްލުން ލިބިފައެވެ. އެހެންވެ ޤަޠަރާއި ހަތަރު ދައުލަތް އޮތީ ފަހްމުނާމާއަކާ ހަމައަށް ދިޔުމަށް ތައްޔާރުވެގެންނެވެ.)) އޭނާ ހާމަކުރެއްވި ގޮތުގައި ސަޢޫދީ އަރަބިއްޔާއިން ރުހޭ ގޮތާމެދު އަނެއް 3 ޤައުމު ރުހޭނެތެވެ.
މިޞްރު ބޭނުންވަނީ ކޮން އެއްޗެއް
މިޞްރުގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޢަމްރުއް ޝޫބަކީ ވިދާޅުވާ ގޮތުގައި ޤާހިރާގެ އެދުމަކަށް ވާނީ އިޚްވާނުލް މުސްލިމީނަށް ޤަޠަރުން ދޭ އެހީތައް ހުއްޓައިލުމެވެ. ޞުލްޙައިގެ ނާރެހީ މަސްއަލައަކީ އެއެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ މުޒާހަރާތަކަށްފަހު މިޞްރުގެ ގިނަ އިޚްވާނުން ދިޔައީ ޤަޠަރަށެވެ.
މިޞްރުން މިހާރު ވަނީ ޤަޠަރުގެ ބޯޓުތަކަށް މިޞްރުގެ ވައިގެ ސަރަޙައްދު ހުޅުވާލައިފައެވެ. އަދި ޤަޠަރާ ގުޅިގެން އިޤްތިޞާދީ އެތައް މަޝްރޫޢުތަކެއް ފެށުމަށް ވަނީ ނިންމައިފައެވެ. ޤަޠަރުގެ މާލީ ވަޒީރު އިއްޔެ ޤާހިރާއަށް ވަޑައިގެންނެވީ މި މަޤްޞަދަށް ޓަކައެވެ.
ގަލްފުގެ މަސްއަލަތައް ދިރާސާ ކުރައްވާ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ނަބީލު ނުވައިރާ އެމެރިކާގެ "އަލްޙުއްރާ" އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޤަޠަރުން މިއިން އެއްވެސް ކަމެއް ތަންފީޒު ކުރުމަކީ ދުރުކަމެކެވެ. މީގެ ކުރިން ސަޢޫދީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާދިލުލް ޖުބައިރު ވިދާޅުވެފައި ވަނީ މިއީ އެކަންކަމާމެދު އިތުރަށް ވާހަކަ ދެއްކޭނެ ކަންތައްތަކެއްނޫނެވެ.
ނުވައިރާ ވިދާޅުވާ ގޮތުގައި މީޑިޔާގެ ހަނގުރާމައަށް ފިނިކަން އަންނާނެކަން ކަށަވަރެވެ. ޖަޒީރާގައި މިހާރުވަނީ ސަޢޫދީ ޢަރަބިއްޔާ ކިޔަމުންދިޔަ ފާޑުކިޔުންތަކުގެ ދިލަ ކެނޑިފައެވެ. އަނެއްފަރާތުގެ މީޑިޔާ ޚާޢްޞަކޮށް އަލްޢަރަބިއްޔާ ޓިވީ ޗެނެލުން ވެސް މިހާރު ވަނީ ރާގު ބަދަލުކޮށްފައެވެ. އޭނާ ވިދާޅުވިގޮތުގައި މި އެދުންތަކަކީ ((ރޭފަނާ))އާ ޚިލާފު އެދުންތަކެކެވެ. އެއީ ޤަޠަރަށް ފިއްތުމަށް ޓަކައި ހުށައެޅި ހުށައެޅުންތަކެކެވެ. ހަ އުޞޫލާ ބެހޭގޮތުން ނުވައިރާ ވިދާޅުވަނީ އެއީ "ޢާޢްމު އުޞޫލުތަކެކެވެ." ޤަޠަރު ބުނާގޮތުގައި "އެއީ ޤާޠަރާބެހޭ ކަންތައްތަކެއްނޫނެވެ."
ޤަޠަރުން ތަނާޒުލުވީ ކޮން ކަމަކުން
އެމެރިކާގެ މަސައޫލުވެރިއަކު ވޯޝިންގްޓަން ޕޯސްޓަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޙިޞާރުގެ ޤައުމުތަކުން ވަނީ ޤަޠަރުގެ ކިބައިން ތަންފީޒު ކުރަން އެދުނު މި 13 ކަންތައް ވައްޓާލައިފައެވެ. އޭގެ ބަދަލުގައި ޤަޠަރުން ވަނީ ދައުޙާއިން އުފުލާފައިވާ ދަޢުވާތައް މި ވަގުތަށް ގަނޑުކޮށްފައެވެ. ޤަޠަރު އެއަރވޭޒް ބުނާގޮތުގައި އެ ކުންފުނިން ވަނީ ބައިނަލްއަޤްވާމީ އިންވެސްޓްމެންޓް އާބިޓްރޭޝަނަށް ހަތަރު ދަޢުވާއެއް ހުށައަޅައިފައެވެ. އެ އެއަރލައިނަށް ލިބުނު ގެއްލުންތަކަށް ޓަކައި މި 4 ޤައުމުން 5 ބިލިއަން ޑޮލަރު ދިނުމަށް އެދިފައެވެ. ބައިނަލްއަޤްވާމީ އިންސާފު ކޯޓުން މި ކަމާ ބެހޭ ދަޢުވާ އިކާއޯގައި ދައުޙާއަށް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިނިންމުމާ ވިދިގެން މި 4 ޤައުމު ވަނީ ޤާނޫނީ ވަޅުގަނޑަކަށް ވެއްޓިފައެވެ. މަދަނީ އުދުހުންތަކާ ބެހޭ 1944ވަނަ އަހަރުގެ އެއްބަސްވުމާ މި 4 ޤައުމުން ޚިލާފުވެފައިވާ ކަމަށް ދައުޙާއިން ދަޢުވާ ކުރެއެވެ. މި 4 ޤައުމުން ބައިނަލްއަޤްވާމީ އިންސާފު ކޯޓުގައި މަސައްކަތްކޮށްފައި ވަނީ ޤައުމުތަކުގެ މެދުގައި އުފެދޭ އަރާރުންތައް ޙައްލު ކުރެވޭނީ މި ކޯޓްގައި ކަން ސާބިތުކޮށް ދެވޭތޯއެވެ. މި 4 ޤައުމުން އެ މަސްއަލަ މި ކޯޓްގައި އިސްތިއުނާފު ކުރުމުން މި ކޯޓުން ވަނީ ދައުޙާގެ ދަޢުވާ އިކާއޯގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފައެވެ. އެހެންކަމުން އިކާއޯ އިން މި މަސްއަލަ ބެލުން ކުރިއަށް ގެންދާނެކަން ވަނީ ކަށަވަރުވެފައެވެ.ޤަޠަރުން ވަނީ މަދަނީ އުދުހުންތަކާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަށް މި 4 ޤައުމާ ދެކޮޅަށް 4 ދަޢުވާއެއް ހުށައަޅައިފައެވެ. މި ޖަމްޢިއްޔާއިން ވަނީ މި މަސްއަލަ ބެލުމަށް ޓަކައި ބައިނަލްއަޤްވާމީ ދެ ނިޔާވެރިން (ޢަރބިޓްރޭޓަރުން)) ހަމަޖެއްސުމަށް ނިންމައިފައެވެ.
ސުލްޙައެއްބާ! ނުވަތަ މައިތިރިވުމެއްބާ!
ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ޢުލާ އެއްބަސްވުމުގެ ސަބަބުން ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި ބަޙްރައިނާއި މިޞްރު ރަނގަޅު ރަޙްމަތްތެރީންނަކަށް ނުވާނެއެވެ. އެހެނަސް މި އެއްބަސްވުމުގެ ސަބަބުން އެކީގައި މަސައްކަތް ކުރުމަށް މަގު ތަނަވަސްވެގެންދާނެއެވެ. މި އެއްބަސްވުމުގެ ޙަޤީޤަތްތައް އެނގޭނީ ދުވަސްކޮޅަކުންނެވެ.



advertisment