Support Us

ސިޔާސަތުގައި އަބަދުވެސް އޮންނާނީ މަޞްލަޙަތު

ސުޢޫދީ އަރަބިއްޔާގެ ވަލީ ޢަހްދު އަމީރު މުޙައްމަދު ބިން ސަލްމާނު، ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދާ ސުޢޫދީ ރަށެއް ކަމުގައިވާ ޢުލާގައި ބައްދަލުކުރައްވާ ދެންނެވި ހޫނު މަރްޙަބާގެ ފޮޓޯތަކާއި ވީޑިއޯތައް ވަނީ މުޅި ދުނިޔެ ޙައިރާންކޮށްލައިފައެވެ. ގަލްފުގެ 41 ވަނަ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި އޮތީ ބަޙްރައިނުގެ ވެރިރަށް މަނާމާގައެވެ. ޢުލާއަށް ބަދަލުވީ ވަރަށް ކުއްލި ގޮތަކަށެވެ. ގަލްފުގެ ޞުލްޙައަށް ޓަކައި މި ސަމިޓް ބާއްވަން އެންމެ ރަނގަޅު ޤައުމަކީ ސުޢޫދީ ޢަރަބިއްޔާ ކަމަށް ގަލްފުގެ މެންބަރު ޤައުމުތަކަށް އެއްބަސްވެވިގެންނެވެ.

ކުވައިތާއި އެމެރިކާއިން ކުރި ހިތްވަރުގަދަ ބުރަ މަސައްކަތުގެ ސަބަބުން ޤަޠަރުގެ އަމީރު މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އޮތީ ކަށަވަރުވެފައެވެ. މިއީ ކުއްލި އުފާވެރި ޚަބަރެއްނޫނެވެ. އެހެނަސް މީސްތަކުންނަށް ޙައިރާންކަން ލިބުނީ މުޙައްމަދު ބިން ސަލްމާނު، ތަމީމު ބިން ޙަމަދަށް ދެންނެވި ހޫނު މަރްޙަބާގެ ސަބަބުންނެވެ. ބައްދާލައްވައި ކޮނޑުފުޅާ ކޮނޑުފުޅު ޖައްސަވާ ކުރެއްވި ޢަރަބި ސަލާމުގެ ހޫނުކަމުންނެވެ.

މި ހޫނު މަރްޙަބާގައި އަޅައިގަތީ ކީއްވެ!

ޤަޠަރާ މި ޢަރަބި ހަތަރު ޤައުމާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި އަރާރުންތަކަކީ ވަރަށް ފުން ދެބަސްވުންތަކެކެވެ. މިހެންވެ ގިނަ ބަޔަކަށް ތަޞައްވުރު ކުރެވިފައިވާ ގޮތުގައި މި ޤައުމުތައް ޤަޠަރާއެކު ދުވަހަކު ވެސް ޞުލަޙައެއް ނުވާނެއެވެ. އަދި ކީއްތޯއެވެ؟ މި ޤައުމުތައް ޤަޠަރާއެކު ދުވަހަކު ވެސް ބައްދަލެއް ވެސް ނުމެކުރާނެއެވެ.މި ދެބަސްވުންތައް ބޮޑުކަމުން ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނި ގޮތުގައި މި ހަތަރު ޤައުމުން ޤަޠަރަށް ޙަމަލާދީ އެ ޤައުމު ހިފުމާމެދު ވެސް ވިސްނާފައި ވެއެވެ.

މީގެ އިތުރަށް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ޤަޠަރާ މި ހަތަރު ޤައުމާ ދެމެދުގައި ބަދަލު ކުރެވުމުން ދިޔަ ޙަމަލާތަކަކީ ވެސް މީގެ ކުރިން ދުވަހަކު ވެސް ހިނގާފައިވާ ކަމެއްނޫނެވެ.

އެއަށްފަހު މި ދެވުނީ ޢުލާ ސަމިޓަށެވެ. ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރާ ދެމެދުގައި ވަޔާއި ކަނޑާއި އެއްގަމު ސަރަޙައްދު ހުޅުވިގެން ހިނގައްޖެއެވެ. ޢުލާ ސަމިޓްގައި ގަލްފުގެ ޤައުމުތަކުގެ އިތުރަށް މިޞްރުވެސް ބައިވެރިވިއެވެ.

މިވީ ކިހިނެއް

ބުނެވޭގޮތުގައި، ސިޔާސަތުގައި ރަޙްމަތްތެރިކަމެއް ޢަދާވަތްތެރިކަމެއް އަބަދަކު ނޯންނާނެއެވެ. އެހެނެއްކަމަކު އަބަދުވެސް އޮންނާނީ މަޞްލަޙަތެވެ. އެހެންވީމާ،  ކޮންމެ ކަމެއް ވެސް ހިނގައިފާނެއެވެ.

ޢަރަބި ދުނިޔެއަށް ބަލާއިރު ވަރަށް ގިނައިން ބޮޑެތި އަރާރުންތައް ވަނީ ހިނގައިފައެވެ. މި ކަންތައްތައް ނިމެނީ ކޮނޑާކޮނޑު ޖައްސައި ސަލާންކޮށް ބައްދައިލުމަކުންނެވެ.

ޢަރަބި ސިޔާސީ ވިސްނުމާއި ހުޅަނގުގެ ސިޔާސީ ވިސްނުން ވަރަށް ތަފާތެވެ. ޢަރަބީންގެ ތެރޭގައި ރަޙްމަތްތެރިކަމާއި ޢަދާވަތްތެރިކަމުގައި އޮންނާނީ ޖަޒުބާތީ ޝޫޢޫރުތަކެވެ. މިއާ ޚިލާފަށް ހުޅަނގުގައި އޮންނާނީ މަޞްލަޙަތު ނިޔާކުރާ ޕްރެގްމެޓިކް ޢަމަލީ ވިސްނުމެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ދެމެދުގައި ނުވަތަ އިޓަލީއާއި ޔޫނާނާ ދެމެދުގައި ނުވަތަ ޖަރްމަނުވިލާތާއި އިނގިރޭސިވިލާތާ ދެމެދުގައި އަރާރުންތައް ހިނގާފައިވަނީ މަދެއްކޮށެއްނޫނެވެ. އިނގިރޭސީން ޔޫރަޕްގެ އިއްތިޙާދުން ވަކިވި މަސްއަލައަށް ބައްލަވާށެވެ! ބްރެކްސިޓްގެ އަރާރުން ކިހާ ބޮޑުވި ތޯއެވެ؟ އެމީހުން މި ކޯޅުންތަކުގައި އެއްވެސް މީހަކު ޝަޚްޞީ ޙަމަލާއެއް ދީފައެއް ނުވެއެވެ. އެއް ޒަޢީމަކު އަނެއް ޒަޢީމަކަށް މަލާމާތް ކުރައްވާފައެއް ނުވެއެވެ. އަބަދުވެސް އަރާރުންތައް ހިނގާފައި ވަނީ ވަކި ޤަޟިއްޔާއަކާ ބެހޭގޮތުންނެވެ. ވަކި މައުޟޫޢަކާ ބެހޭގޮތުންނެވެ. އެ ފަދަ މަސްއަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ޓަކައި ބައްދަލުވުންތައް ބާއްވަވާ ސަލާން ކުރައްވާ އެކުގައި ފަރިއްކުޅުއްވާ ހައްދަވައެވެ. އެއަށްފަހު ހިނިފުޅުވަޑުވައި ބައްދަލުވުން ނިންމަވާލައްވައެވެ. ޢަރަބި ދުނިޔެއިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ދިމާ އިދިކޮޅެވެ.

މިހެންވެ ޢަރަބީންގެ އަރާރުންތަކަކީ ޢަރަބީންގެ ޞުލްޙަވެރިކަމަކީ ޢާއްމު ރައުޔުގެ ކުރިމަތީގައި މަންޠިޤީ ކަމެއްނޫނެވެ. ޤަޠަރާއި ޢަރަބި ހަތަރު ޤައުމަކާ ދެމެދުގައި އުފެދުނު ދެބަސްވުންތަކަށް ބަލާއިރު މި މަސްއަލައަށް ޙައްލެއް ލިބިދާނެ ކަމަށް އެކަކުވެސް ހީއެއް ނުކުރެއެވެ. އެހެންކަމުން މި މަސްއަލައަށް ޙައްލެއް އައުމުން ޢަރަބީންގެ ޢާއްމު މީހާއަށް ވަރަށް ސިހުން ލިބުނެވެ. ޙައިރާންވިއެވެ. މި ކަމުގެ ސަބަބުން ޢރަބި ސަރަޙައްދުގައި މަސައްކަތް ކުރާ ނޫސްވެރީންނަށާއި ރިޕޯޓަރުންނަށް ޢަރަބީންގެ މަސްއަލަތައް ތަޙްލީލުކުރަން ވަރަށް ދަތިވިއެވެ. ޢަރަބި ދުނިޔޭގެ ސިޔާސީ ވެރީންނާމެދު އިތުބާރު ނުހިފޭ ކަމަށް އެމީހުން ބުނެއެވެ. އެމީހުންނަށް އެނބުރި އަންނާނެ ރޮނގެއް ނުފެނެއެވެ. ބައެއް މީހުން ވަކި ދައުލަތަކާ އެއްކޮޅަށް ޖެހިގެން މަސައްކަތް ކުރެއެވެ. މި ގޮތަށް މަސައްކަތް ކުރަނިކޮށް ޞުލްޙަ ޤާއިމު ކުރެވިއްޖެނަމަ ނުވަތަ އަރާރުމަށް ފިނިކަމެއް އަތުވެއްޖެނަމަ ނުވަތަ މީޑިޔާއިން ގައު އުކުން ނިމިއްޖެނަމަ އޭނާއަށް ޙައިރާންކަމެއް ލިބި ނާއުއްމީދުވެ މާޔޫސްވެއެވެ. އޭނާ މީޑިޔާގެ ދައުރު ދޫކޮށް ވަކި އަތަކަށް ބުރަވެގެން ސިޔާސީ ޙަރަކާތެއްގައި އުޅެވުނީތީއެވެ.

ޢަރަބި ދުނިޔެއަށް ބަލާއިރު ޞުލްޙަވާން ޖެހިފައިވަނީ ހަމައެކަނި މި ފަސް ޤައުމެއްނޫނެވެ. ލީބިޔާއާއި ލީބިޔާގެ އަވަށްޓެރި ޤައުމުތަކާ ދެމެދުގައި، މަޣްރިބާ ޖަޒާއިރާ ދެމެދުގައި، ސޫރިޔާއާއި ބައެއް ޢަރަބި ޤައުމުތަކާ ދެމެދުގައި ޢަރަބިންނާއި އީރާނާ ދެމެދުގައި ޞުލްޙަ ޤާއިމުކުރަން ވަނީ ޖެހިފައެވެ. މި ކަންކަން ކުރެވޭނީ ސާބިތު އަސާސެއްގެ މަތީގައެވެ. ދޭދޭ ޤައުމުތަކުން އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމު ކުރުމާއި އެއްބަޔަކު އަނެއް ބައެއްގެ ދާޚިލީ ކަންތައްތަކާ ނުބެހުމާއި ހެޔޮ ނިޔަތުގައި ޞުލްޙަވެރިކަން ޤާއިމު ކުރުމަށް މަސައްކަތް ކުރުމުންނެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި މިހާރު މި އޮތީ "ހަޅަ" ޖަހައި ނިމިފައެވެ. މަޑުވެފައެވެ. ދެން އޮންނާނީ ވާހަކަދެއްކުންތައް ފެށުންކަން ކަށަވަރެވެ. މި ޞުލްޙައަށް ޓަކައި ދެ ފަރާތުން ވެސް ކޮންމެވެސް ދޫދިނުންތަކެއް ދޭނެކަން ކަށަވަރެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތަނާޒުލުތަކެއް ވާނެއެވެ. ސިޔާސަތުގައި މުސްތަޙީލު ކަމެއް ނޯންނާނެއެވެ. ތަމީމާ ބިން ސަލްމާން ވަނީ މި ކަން ދައްކަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *