އެއް ދުވަހަކު ރަސްކަލަކަށް އެމަނިކުފާނުގެ ހުރިހައި ދަތްތަކެއް ހަލާކުވާތީ ހުވަފެންފުޅެއްގައި ފެނިވަޑައިގަތެވެ. އެހެންކަމުން ރަސްގެފާނު، ހުވަފެން ތަޢުބީރުކުރާ ބޭކަލަކު ގެނެސް ހުވަފެންފުޅާ މެދު ސުވާލުކުރެއްވިއެވެ.
ހުވަފެން ތަޢުބީރުކުރާ ބޭފުޅާ ސުވާލުކުރެއްވިއެވެ. "ރަސްގެފާނެވެ! މަނިކުފާނަށް ހަމަ ހަޤީޤަތުގައިވެސް ތިޔަ ހުވަފެންފުޅު ފެނިވަޑައިގަތްތޯއެވެ؟"
ރަސްގެފާނު ޖަވާބުދެއްވިއެވެ. "އާނއެކެވެ."
އެ ބޭކަލަކު ވިދާޅުވިއެވެ. "ހުރިހައި އާރަކާއި ބާރެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. ރަސްގެފާނެވެ. ތިޔަ ހުވަފެންފުޅުގެ ތަޢުބީރަކީ، މަނިކުފާނުގެ ކުރިފުޅުމަތީގައި މަނިކުފާނުގެ މުޅި ޢާއިލާ ދުނިޔެދޫކޮށް ދާނޭކަމެވެ."
ޖަވާބު އަޑުއިވުނު ހިނދު، ރަސްގެފާނު ކޯފާއިސްވުމުގެ ސަބަބުން މޫނުފުޅުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި އެ ބޭކަލަކު ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް އެއްލާލުމަށް ފާރަވެރިންނަށް އަމުރުކުރެއްވިއެވެ.
ދެން ހުވަފެން ތަޢުބީރުކުރާ އެހެން ބޭކަލަކު ހާޟިރުކޮށް، ހުވަފެން ކިޔައިދެއްވުމުން ވެސް ހަމަ ކުރިން ގެންނެވި ތަޢުބީރުކުރާ ބޭފުޅާ ދެންނެވި ގޮތަށް ދެންނެވިއެވެ. އެއާއެކު ކުރިން ހާޟިރުކުރެވުނު ބޭފުޅާ ފަދައިން ޖަލަށް ލެވުނެވެ.
އެއަށްފަހު، ދެން ގެނެވުނީ ވަރަށް ވިސްނުން ތޫނު ތަޢުބީރުކުރާ ބޭކަލެކެވެ. އަދި ހުވަފެން ކިޔައިދެއްވުމަށްފަހު ތަޢުބީރުކުރެއްވުމަށް އެދިވަޑައިގަތެވެ.
އެ ބޭކަލަކު ވިދާޅުވިއެވެ. "ރަސްގެފާނެވެ. ހަމަ ޔަޤީންތޯއެވެ؟"
ރަސްގެފާނު ވިދާޅުވިއެވެ. "އާނއެކެވެ."
އެ ބޭކަލަކު ވިދާޅުވިއެވެ. "އޭ ރަސްގެފާނެވެ. މަނިކުފާނަށް މަރްޙަބާ ދަންނަވަމެވެ."
ރަސްގެފާނު ހައިރާންވެފައި ސުވާލު ދެންނެވިއެވެ. "ކީއްވެގެން ތޯއެވެ؟"
އެ ބޭކަލަކު ވިދާޅުވިއެވެ. "އެ ހުވަފެނުގެ ތަޢުބީރަކީ މަނިކުފާނުގެ ޢާއިލާގެ ބޭފުޅުންކުރެ އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނަވާނީ މަނިކުފާނުކަމެވެ."
ރަސްގެފާނު އުފަލުންހުރެ ސުވާލު ދެންނެވިއެވެ. "ހަމަ ރަނގަޅަށްތޯއެވެ؟"
ރަސްގެފާނު އޭނާއަށް ތަޢުރީފުކުރައްވައި، ރަނގަޅު ހަދިޔާއެއް ދެއްވިއެވެ.
މި ވާހަކައިގެ ތަޢުބީރުކުރައްވަން ދުރުވި ތިން ބޭކަލުންގެ ތަޢުބީރަކީ ވެސް ހަމަ އެކައްޗެެކެވެ. އެއީ ރަސްގެފާނުގެ ޢާއިލާގެ ހުރިހާ ބޭފުޅުން، އެ މަނިކުފާނަށްވުރެ ކުރިން ދުނިޔެ ދޫކުރައްވާނޭ ކަމެވެ. އެހެންކަމުން، އެ ޢާއިލާގެ އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނަވާނީ އެ މަނިކުފާނުކަމެވެ.
ނަމަވެސް އެ ބޭކަލުންގެ ތަޢުބީރު ހުށައަޅައިދިނުމުގައި ތަފާތުވިއެވެ.
އެހެންކަމުން، ތިމާ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނެދިނުމުގައިވެސް ހެޔޮ ރަނގަޅު ގޮަތް އިޚްތިޔާރުކުރާށެވެ.
އަޅަމެންނަކީ ބަސް ބުނުމުގައި އޯގާތެރި ބަޔަކު ކަމުގައި ލައްވާށިއެވެ! آمين!
- މައުލޫމާތު ނަގައިފައިވަނީ: (أجمل ما قرأت في اللغة والأدب)




advertisment