Support Us

ގަލްފްގެ 3 އަހަރުވީ ދެބަސްވުން ނިމުމަކަށް އަންނަނީބާ؟

ސަޢޫދީ ޢަރަބިއްޔާއިން ޤަޠަރު ޙިޞާރުކޮށްފައި އޮތް އޮތުން ނިމުމަކަށް އަތުވެއްޖެ ކަމަށް ކުވައިތުން އިއްޔެ އިޢުލާނު ކުރުމާ ވިދިގެން އެންމެންގެ ނަޒަރު މި ވަގުތު ހުއްޓިފައި ވަނީ ސަޢޫދީ ޢަރަބިއްޔާގައި މިއަދު ފެށޭ ގަލްފްގެ ސަމިޓާ ދިމާއަށެވެ.

މި ކަމާ ވިދިގެން ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު އާލު ޘާނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގެ ޢުލާ ސަހަރަށް މިހާރު ވަނީ ވަޑައިގެންފައެވެ. ޝައިޚު ތަމީމަށް ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ ސަޢޫދީ ވަލީޢަހްދު އަމީރު މުހައްމަދު ބިން ސަލްމާނެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޤަޠަރުގެ އަމީރު ވަނީ ގަލްފްގެ ސަމިޓްތައް ބޮއިކަޓް ކުރައްވައިފައެވެ.

ގަލްފްގެ އެއްބަސްވުމުގައި އޮތީ ކީކޭ؟

މިހާތަނަށް އައިއިރު ގަލްފްގެ އެއްބަސްވުމުގައި އޮތް އެއްޗެއް ސާފެއް ނުވެއެވެ. ފަރުދާގެ އަނެއް ފަރާތުގައި ހިނގަމުންދާ ކަންތައްތައް ހިނގަމުންދަނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. އެމެރިކާގެ މަސްއޫލުވެރިއަކު ވޮޝިންގްޓަން ޕޯސްޓަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ސަޢޫދީ ޢަރަބިއްޔާއާއި އެ ޤައުމުގެ ބައިވެރިން ޤަޠަރުގެ މައްޗަށް ކޮށްފައިވާ 13 ޝަރްޠު އުވާލުމަށް ވަނީ އެއްބަސްވެފައެވެ. ޤަޠަރު ބޮއިކަޓް ކުރަމުން ސަޢޫދީ ޢަރަބިއްޔާއާއި އެ ޤައުމުގެ އެކުވެރި ޤައުމުތަކުން 2017ގައި ޤަޠަރާއެކު ގުޅުންތައް އަލުން ޤާއިމު ކުރވޭނީ 13 ޝަރްޠެއް ފުއްދުމުން ކަމަށް ބުނެފައި ވެއެވެ. މި ޝަރްޠުތަކުގެ ތެރޭގައި ޖަޒީރާ ޓީވީ ޗެނެލް ބަންދުކުރުމާއި އީރާނާއެކު އޮތް ގުޅުންތައް "ވަނދު" ކުރުން ހިމެނެއެވެ. ޤަޠަރުން ބުނަމުން އައިސްފައި ވަނީ މިއީ އެ ދައުލަތުގެ ސިޔާދަތާ ބެހުންކަމުގައެވެ.

އެމެރިކާގެ މަސްއޫލިވެރިޔާ އޭނާގެ ނަންފުޅު ހާމަނުކުރުމަށް ޝަރްޠު ކުރައްވާ އެ ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި ކަމަށް އެއްބަސްވީ އެ ޤައުމުތަކުން ޤަޠަރު ޙިޞާރު ކުރުމުން ދައުޙާއިން އުފުލާފައިވާ ދަޢުވާތައް ގަނޑުކުރުމަށް އެއްބަސްވުމުންނެވެ. ޤަޠަރުން ވަނީ މި ޙިޞާރާ ދެކޮޅަށް ބައިނަލްއަޤްވާމީ ވަރަށް ގިނަ މުއައްސަސާތަކަކަށް މިމަސްއަލަ ހުށައަޅައިފައެވެ. އޭގެތެރޭގައި ބައިނަލްއަޤްވާމީ އިންސާފު ކޯޓާއި ވިޔަފާރިއާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ވެއެވެ. ޤަޠަރު ބުނާގޮތުގައި މި ޙިޞާރަކީ އިންސާނިއްޔަތާ ދެކޮޅަށް އެ ޤައުމުތަކުން ކޮށްފައިވާ ޙިޞާރެކެވެ. އެއީ ނަސްލީ އިމްތިޔާޒުގެ ޢަމަލެކެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އިސް މަސްއޫލުވެރިއަކު ނިވްޔޯރކް ޓައިމްސް ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ޤަޠަރާއި އިމާރާތާއި ބަޙްރައިނުގެ ސަރަޙައްދު ހުޅުވުމާ ބެހޭގޮތުން ވާހަކަ ދެއްކުންތައް ހިނގަމުން އެބަ ދެއެވެ. ނަން ހާމަ ނުކުރެއްވުމަށް އެދިވަޑައިގެން އެ ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މި ޙިޞާރުތައް މިރޭ ނިމުމަކަށް އަންނާނެ ކަމަށް ލަފާކުރެއްވެއެވެ.

ފުރިހަމަ އެއްބަސްވުމެއް އެބަ އޮތްބާ!

ޚަބަރު ލިބެމުންދާ ގޮތުގައި އަދިވެސް ފުރިހަމަ އެއްބަސްވުމަކާ ހަމައަށް ދެވުނު ކަމަކަށް ނުފެނެއެވެ. ގަލްފުގެ "ޢުލާ އެއްބަސްވުން"ގެ ނަމުގައި އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުން އަދި ވެސް ދަނީ ޢިބާރާތް ކުރެވެމުންނެވެ. އިތުރުކޮށް އުނި ކުރެވެމުންނެވެ. އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި ސަޢޫދީ ޢަރަބިއްޔާއާއި ޤަޠަރާ ދެމެދުގައި ޤާއިމު ކުރެވޭ އެއްބަސްވުން "ނަމޫނާ" އެއްބަސްވުމެކޭ ނުބުނެވޭނެއެވެ. ރައީސް ޓްރަމްޕްގެ ވެރިކަމުގައި މި އެއްބަސްވުން ފުރިހަމަ ކުރެވޭނެ ކަމަކަށް ނުފެނެއެވެ.

ގަލްފްގެ މަޞްދަރުތަކާ ޙަވާލާދީ ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ގަލްފް ސަމިޓްގެ ސަބަބުން ވާހަކަދެއްކުންތަކަށް ދޮރު ހުޅުވިގެންދާނެއެވެ. އަދި އިތުބާރު ބިނާކުރުމަށް ޓަކައި ފިޔަވަޅުތަކެއް އެޅޭނެއެވެ. އޭގެތެރޭގައި ވައިގެ ސަރަޙައްދުތައް ހުޅުވައިލުން ވެއެވެ. އެ ނޫސް އޭޖެންސީ ބުނާގޮތުގައި ޝާމިލު އެއްބަސްވުމެއް އަދި ތައްޔާރެއް ނުކުރެވެއެވެ. ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ޤަޠަރާއި ގަލްފްގެ ވާދަވެރި އެހެން ޤައުމުތަކާ ދެމެދުގައި އޮތް ދެ ބަސްވުންތަކަކީ ވަރަށް ފުން ދެބަސްވުންތަކެކެވެ. މެދުއިރުމަތީގެ މުޙައްލިލެއް ކަމުގައިވާ މައިކަލް ސްޓެފެންޒް ވިދާޅުވާ ގޮތުގައި މި ސަމިޓަށް ޤަޠަރުގެ އަމީރު ވަޑައިގަތުމަކީ ކުރިއަށް އެޅުނު ވަރަށް ހެޔޮ ފިޔަވަޅެކެވެ.

ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ޤަޠަރާއެކު ގުޅުން ރަނގަޅުކުރުމުގެ މަސްއަލައިގައި ސައޫދީ ޢަރަބިއްޔާއާއި އިމާރާތުގެ ޚިޔާލު ވަރަށް ތަފާތެވެ. ސަޢޫދީން ޤަޠަރު ބޮއިކަޓް ކުރުން ނިމުމަކަށް ގެންނަން ބޭނުންވިޔަސް އިމާރާތުން އެކަމާ ދެކޮޅު ހަދައެވެ. ސަޢޫދީ ވަލީ ޢަހްދު ބޭނުންފުޅު ވަނީ ޓްރަމްޕްގެ ރިޔާސަތުގައި މި މަސްއަލަ ޙައްލު ކުރައްވާށެވެ.

މުޙައްމަދު ބިން ޒާއިދު ސަމިޓްގައި ބައިވެރިވެ ވަޑައެއް ނުގަންނަވާނެ

އިމާރާތުގެ ނޫސް އޭޖެންސީ ބުނާގޮތުގައި މި ސަމިޓްގައި އަބޫ ޡަބްއުގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދު ބައިވެރިވެ ވަޑައެއް ނުގަންނަވާނެއެވެ. މި ސަމިޓްގައި ބައިވެރިވާ އިމާރާތުގެ ވަފްދުގެ ރިޔާސަތު ބަލަހައްޓަވާނީ ދުބައިގެ ވަލީ ޢަހްދު މުޙައްމަދު ބިން ރާޝިދެވެ.

މި ސަމިޓްގައި ބަޙްރައިނުގެ އަމީރު ޝައިޚު ޙަމަދު ބިން ޢީސާވެސް ބައިވެރިވެ ވަޑައިނުގަންނަވާނެއެވެ. އޭނާގެ ބަދަލުގައި ބައިވެރިވެ ވަޑައިގަންވާނީ ބަޙްރައިނުގެ ވަލީ ޢަހްދު ސަލްމާން ބިން ޙަމަދެވެ.

އެމެރިކާގެ ދައުރު ކުރިއަށް

ގަލްފްގެ ޢަދާވަތްތެރިކަން ނައްތައިލުމަށް ޓަކައި އެމެރިކާއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ރައީސް ޓްރަމްޕް މި ކަމަށް ޓަކައި ޢައްޔަން ކުރެއްވި ރޮބަރޓް ކުޝްނަރ މިއަދުވެސް ތަފާތު ފަރާތްތަކާ އެކު ގުޅުއްވައިގެން މަސްއަލައަށް ނިމުމެއް ގެންނެވޭތޯ މަސައްކަތް ކުރެއްވަމުންދާ ކަމަށް ޚަބަރު ލިބެއެވެ. މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި ކުޝްނަރ އާއި މެދިއިރުމައްޗާ ބެހޭ މަންދޫބު ޕިއަރ ކޮވިޗާއި އެމެރިކާގެ ޚާރިޖިއްޔާގެ ޚާއްޞަ މުޝީރު ބްރެޔަން ހޯކް ސަޢޫދީ ޢަރަބިއްޔާގެ ޢުލާ ސަހަރަށް ވަޑައިގަންނަވާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *