ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ވިދާޅުވީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތް ކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާ ގާތުގައި އޮތް ރަށެއް ކަމަށް ވާތީ ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ކަންބޮޑުވާ ކަމަށެވެ.
މި ސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވައިފައިވެއެވެ.



advertisment