ސައިންސްގެ އާދަޔާހިލާފު ހޯދުންތަކަށް ދޭ އިގް ނޮބެލް އިނާމު މި ފަހަރު އެމެރިކާއިން ބޭރުގައި ބާއްވައިފިއެވެ.
މި ފަހަރުގެ ޓްރޮފީ، އިންސާނެއްގެ ފައިތިލައިގައި ހަންޑިކުޑަ ހުންނަ ގޮތަށް ހަދައިފައިވާ ޓްރޮފީއެއް (ފޮޓޯ) ބުރާސްފަތި ދުވަހު ދިނީ ސްވިޓްޒަލެންޑްގައެވެ. މިއީ 35 އަހަރަށްފަހު އެމެރިކާއިން ބޭރުގައި މި އެވޯޑު ދިން ފުރަތަމަ ފަހަރެވެ.
"މިހާރު ކަންތައްތައް ހުރި ގޮތުން އެމެރިކާއަކީ ރައްކާތެރި ތަނެއް ނޫން. އަދި މެހެމާނުންނަށް ވިސާ ނުލިބިދާނެތީ އެމެރިކާއިން ބޭރުގައި މި ފަހަރު މި އެވޯޑު ހަފުލާ ބާއްވަން ނިންމީ،" އެވޯޑުގެ ފައުންޑަރު މާކް އެބްރަހަމްސް ބުންޏެވެ.
މި ފަހަރު 10 އެވޯޑު ދިނެވެ. އޭގައި ހިމެނެނީ، އިންތިޒާމުކުރި ފަރާތުން ބުނި ގޮތުގައި، "މީހުން ފުރަތަމަ ހެއްވާލާ، ދެން ސައިންސްގެ އެ ހޯދުންތަކާމެދު މީހުންގެ ވިސްނުން ހިންގުވާނެ" ހޯދުންތަކެކެވެ.
އެ ގޮތުން މި ފަހަރު ދިން އެވޯޑުތަކުގެ ތެރޭގައި މެޑިސިން ގިންތީގެ އެވޯޑު ދިނީ ނޭފަތް ފޮޅުމާ ބެހޭ ހޯދުންތަކަށެވެ.
ކެމިސްޓްރީ އިނާމު ދިނީ ގެރީގެ ކިރަށްވުރެ ހަކަތައިގެ ގޮތުން ތިންގުނަ ބާރުގަދަ ޕްރޮޓީން ހުންނަނީ ކުރަފީގެ ކިރުގައިކަން ހޯދި ސައިންސްވެރިންނަށެވެ.
ފިޒިކްސް ދާއިރާއިން އިނާމު ދިނީ ކުޑަކަމުދާ ތަކެތި، ތަނަށް ބުރައިގެންނުދާނެ ގޮތަށް ކުޑަކަމުދެވޭނެ ގޮތަށް އުފައްދައިފައިވާ ފާހާނާތަށްޓެއް ހެދި ފަރާތަށެވެ.
ޓެކްނޮލޮޖީ އިނާމު ދިނީ މަދިރީގެ ހޮނޑު ބޭނުންކޮށްގެން ތަކެތި ތްރީޑީ ޕްރިންޓް ކުރެވޭ އާލާތެއް އުފެއްދި ފަރާތަށެވެ.
މީގެ އިތުރުން އިނާމު ދިން ދާއިރާތަކުގެ ތެރޭގައި ބިމުގެ ފަސްގަނޑުގެ ދުޅަހެޔޮކަން ބަލަން ޖަންގިޔާ ވަޅުލުމާއި ބޮސްދިނުމާއި ހަރުފަ ދަތްއެޅުމާއި ފުރާވަރު ކުދިންގެ ގައިން ދުވާ ވަހާއި މުއްސަނދިންގައި ހުންނަ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ސިފަތަކާއި ދުޝްމިނުންނަށް ހަމަލާދޭ ރަހްމަތްތެރިންގެ އަގުވަޒަންކުރާ މީހުންނާ ބެހޭ ހޯދުންތައް ހިމެނެއެވެ.
އިގް ނޮބެލް އިނާމު 2000 ގައި ލިބުނު އަންޑްރޭ ގައިމްއަށް 2010 ގައި އަސްލު ނޮބެލް އިނާމު ފިޒިކްސް ދާއިރާއިން ލިބުނެވެ.
އިގް ނޮބެލް ލިބޭ ފަރާތްތަކަށް ޓްރޮފީ އާއި ސެޓްފިކެޓް ދެނީވެސް އަސްލު ނޮބެލް އިނާމު ލިބިފައިވާ މީހުންނެވެ. އިގް ނޮބެލް ސެޓްފިކެޓްތަކުގައި ސޮއިކުރަނީވެސް އެ މީހުންނެވެ.
ޓްރޮފީ ހަދައިފައި ހުންނަނީ އަވަހަށް ހަލާކުވާ މާއްދާއިންނެވެ. އަދި ފައިސާގެ އިނާމެއްގެ ގޮތުގައި ދެނީ މިހާރު އަގެއް ނެތް، ޒިމްބާބްވޭގައި ތަކެތީގެ އަގު ބޮޑުވި ދުވަސްވަރު ޗާޕްކުރި 10 ޓްރިލިއަން ޒިމްބާބްވޭ ޑޮލަރު (0.04 އެމެރިކާ ޑޮލަރު ނުވަތަ 0.61ރ.)ގެ ނޫޓެކެވެ.



advertisment