Support Us

ކުރަފި ކިރު- ގެރި ކިރަށްވުރެ ތިން ގުނަ ފައިދާ ބޮޑު!

ފިޓްނަސް އާއި ވެލްނެސް ޕްރޮގްރާމްތަކުގައި "ސުޕަ-ފުޑް" މި ބަސް ބޭނުންކުރާ އަޑުއަހަން ހެއްޔެވެ؟ މިއީ އާދަޔާހިލާފަށް ފައިދާ ހުރި ކާނާގެ ބާވަތްތަކަށް ބޭނުންކުރާ ބަހެކެވެ. މިސާލަކަށް، އެކި ބާވަތުގެ ފެހިކަން ގަދަ ފަތާއި ބެރީ އަދި ނަޓް ހިމެނެއެވެ. މި ބާވަތްތަކަކީ ބެލެންސްކޮށްފައިވާ ޑައެޓެއްގައި ހިމެނުމުން ހަށިގަނޑަށް ފައިދާ ހުރި ކާނާއެވެ. ނަމަވެސް މިހާރު މި ސުޕަ-ފުޑްގެ ގޮތުގައި އިތުރު ކާނާއެއް އަންނަނީ ވާދަކުރަމުންނެވެ. ފަހުގެ ހޯދުންތަކުން ދައްކަނީ އެއީ ކުރަފީގެ ކިރު ކަމަށެވެ.

ފަހަރުގައި މިއީ ފަކުރު އެއްޗެއް ކަމަށް އިހުސާސްކުރެވުނަސް ސައިންސްވެރިންނަށް ހޯދައިގަނެވުނީ ސައިންޓިފިކް ނަމުން "ދިޕްލޮޕްތަރަ ޕަންކްތާތާ" ސްޕީޝީސް ނުވަތަ ބާވަތުގެ ކުރަފީގެ ކިރަކީ ގެރި ކިރަށްވުރެ ތިން ގުނަ ފައިދާ ބޮޑު ކިރެއް ކަމެވެ. މި އާ ހޯދުމުގެ ސަބަބުން ކާބޯތަކެތީގެ ސްޕެޝަލިސްޓުންގެ މެދުގައި މިހާރު ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ. އާދަޔާ ހިލާފު ރަނގަޅު ސިއްހީ ފައިދާތަކެއް ކުރަފި ކިރުގައި އެކުލެވިދާނެ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް އެން.ޑީ.ޓީ.ވީން ރިޕޯޓުކުރިއެވެ. އެ ގޮތުން ކުރަފި ކިރުގައި ޕްރޮޓީން، ފެޓް އަދި ހަކުރު ގިނަ އަދަދަކަށް އެކުލެވޭތީ ކުރަފި ކިރަކީ ނިއުޓްރިއެންޓް ގިނަ، އެންމެ ފައިދާ ހުރި އެއް ކާނާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

ހީނުކުރާ ކަހަލަ ދިމާއަކުން އައި އެއްޗެއް ކަމަށްވިޔަސް ކުރަފި ކިރާ ބެހޭ ގޮތުން މިހާރު ރިސާޗު ކުރަމުން އަންނަނީ މިއީ ކުރިމަގުގައި އާ ބާވަތްތަކުގެ ކާބޯތަކެތި ހެދުމުގައި ބޭނުންކުރެވިދާނެ ކިރެއްތޯއެވެ. އިންސާނާގެ ހަށިގަނޑަށް ލިބޭނީ ކޮން ކަހަލަ ފައިދާތަކެއްތޯ ބަލަމުންނެވެ. ކުރަފި ކިރާ ބެހޭ ގޮތުން ހަދަމުން އަންނަ ރިސާޗުތައް އަދި މިއީ ފުރަތަމަ މަރުހަލާތަކެއްގައި ކުރާ ދިރާސާތަކެއް ކަމަށްވިޔަސް ކުރަފި ކިރާ ބެހޭ ގޮތުން މި ހޯދުނު އާ ހޯދުމުން އެނގުނީ މިއީ ދެމެހެއްޓެނިވި ކާނާއެއް ގޮތަށް ބޭނުންކުރެވިދާނެ އިތުރު ބާވަތެއްގެ ކިރެއްކަމެވެ.

މީގެ ކުރިން 2016 ގައި "ޖޯނަލް އޮފް ދި އިންޓަނޭޝަނަލް ޔުނިއަން އޮފް ކްރިސްޓަލޮގްރަފީ"ގައި ޝާއިއުކުރި ރިޕޯޓެއްގައި އަލިއަޅުވައިލައިފައިވަނީ "ޕެސިފިކް ބީޓްލް" ބާވަތުގެ ކުރަފި އެ ސޮރުގެ ދަރިންނަށް ބޯން ދޭ ކިރުގައި އެކުލެވެނީ ކޮން ކަހަލަ މާއްދާތަކެއްތޯއެވެ.

"އެ ކިރު އެ ސޮރުގެ ދަރިންގެ ހަށިގަނޑު ތެރޭގައި ކްރިސްޓަލައިޒް (ހަރު އެއްޗަކަށް ބަދަލު)ވަނީ،" ދި އިންޑިޕެންޑެންޓުން ރިޕޯޓުކުރިއެވެ.

މީގެ ކުރިން އެންމެ ކެލޮރީ ގިނަ ކިރު ހުންނަނީ ބަފަލޯގެ ކަމަށް ހާމަވެފައިވެއެވެ. މިއީ ގެރީގެ އާއިލާގެ ހައިވާނެކެވެ. ޕެސިފިކް ބީޓްލް ކުރަފީގެ ކިރުގައި ބަފަލޯ ކިރުގައި ހުންނަ ވަރަށްވުރެ ތިން ގުނަ އިތުރަށް ކެލޮރީ ހުންނަ ކަމަށް ދެއްކިއެވެ.

"ޕެސިފިކް ބީޓްލް ކުރަފީގެ ކިރުގައި ޕްރޮޓީން، އެމިނޯ އެސިޑް އަދި ސިއްހަތަށް ފައިދާ ހުރި ހަކުރުގެ ބާވަތްތައް އެކުލެވޭ. މިއީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް ބޮޑުވުމަށާއި އެ ސެލްތަކުގެ ހަލާކުވާ ތަންތަން މަރާމާތުކުރަން އެހީވެދޭ މާއްދާތައް،" އެން.ޑީ.ޓީ.ވީން ރިޕޯޓުކުރިއެވެ.

ހުރިހާ ބާވަތެއްގެ ސުޕަ-ފުޑް ބޭނުންކުރާއިރު އަމަލުކުރަންޖެހޭ ފަދައިން ކޮންމެ ސުޕަ-ފުޑެއް ވެސް ބޭނުންކުރަންޖެހެނީ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ހިމެނޭ، ކާނާތައް ބެލެންސްވެފައިވާ ޑައެޓެއްގެ ދަށުންނެވެ. މިއީ ސިއްހީ ގޮތުން ފައިދާ ހުރި، އާއްމު ދިރިއުޅުމުގައި ކައިބޮއި އުޅޭ ގޮތުގެ ބަދަލުގައި އިހުތިޔާރުކުރަން ޖެހޭ ޑައެޓެއް ނޫނެވެ.

ކުރަފި ކިރަކީ އިންސާނުން ބޯން ފުޅާ ދާއިރާއެއްގައި އަދި ތައްޔާރުކޮށް މާކެޓު ކުރަން ފަށައިފައިވާ ކިރުގެ ބާވަތެއް ނޫނެވެ.

"އެންމެ ބޮޑު ހުރަހަކީ އެހާ ފުޅާ ދާއިރާއެއްގައި ކުރަފި ކިރު ވިޔަފާރިއަށް ނެރެވިދާނެތޯ. ކުރަތްޕަކީ ބަކައްޓާއި ގެރިން ކިރު ފެލާ ގޮތަށް ކިރު ފެލޭ ސުއިއްޕެއް ނޫން. އަނެއްކޮޅުން ކުރަފި އޭގެ ދަރިންނަށް ބޯން ދޭން އުފައްދަނީ ވަރަށް މަދު ކިރުކޮޅެއް،" ދި އިންޑިޕެންޑެންޓުން ބުންޏެވެ.

ވިޔަފާރިއަށް ކުރަފި ކިރު އުފެއްދޭނީ ޖެނެޓިކް އިންޖިނިއަރިންގެ އުކުޅުތައް ބޭނުންކޮށްގެން ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް