މި ވާހަކަ ޚާއްޞަކުރެވިފައި ވަނީ ތިބާއަށެވެ. ކިޔާލާށެވެ. އޭރުން ތިބާއަށް އެކަން ޤަބޫލުކުރެވޭނެއެވެ.
އެއް ދުވަސްވަރެއްގައި މަސްވެރިއަކު އުޅުނެވެ. އޭނާގެ މަސައްކަތުގައި އޭނާ ވަރަށް ކާމިޔާބެވެ. ކޮންމެ ދުވަހަކު ﷲގެ އިރާދަފުޅާއެކު އެއް މަސް ބާނައެވެ. އެ މަސް ހުސްވުމުން އެހެން މަހެއް ބޭނުމަށްޓަކައި އަތިރިމައްޗަށްދެއެވެ.
އެއް ދުވަހަކު އޭނާގެ އަނބިމީހާ މަސް ކަނޑަމުން ދަނިކޮށް ޢަޖައިބުކުރުވަނިވި ކަމެއް ފެނިއްޖެއެވެ. އޭނާއަށް ފެނުނީ މަހުގެ ބަނޑުތެރެއިން މުތެކެވެ.
މުތެއް، މަހެއްގެ ބަނޑުތެރެއިން… ސުބުޙާނަ ﷲ…!!!
"ލޯބިވާ! ލޯބިވާ! ނިކަން މިއޮއް ފެނުނު އެއްޗެއް ބަލާބަލާށެވެ."
"ކޯންޗެއް؟"
"މުތެއް! މުތެއް!"
މަސްވެރިޔާ އެ މުތް ހިފައިގެން އޭނާގެ އަވައްޓެރި ގަހަނާ ފިހާރައަކަށް ދިޔައެވެ. ފިހާރައިގެ ސޭޓު އެ މުތަށް ބަލާލުމަށްފަހު ބުންޏެވެ. ތިޔަފަދަ ރިތީ މުތެއް ގަތުމުގެ މާލީ ތަނަވަސްކަމެއް އަހަރެންގެ ނެތެވެ. ތިޔައި އަގުކުރެވޭނެ އެއްޗެއް ނޫނެވެ!
އެކަމަކު، ތި ހިފައިގެން އަވަށުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ގާތަށް ދާށެވެ. އޭނާއަށް ތިޔަ ގަނެވިދާނެއެވެ.
އެހެންކަމުން މަސްވެރިޔާ އަވަށުގެ ބޮޑު ވިޔަފާރިވެރިއެއްގެ ކައިރިއަށްދިޔައެވެ. އަދި އެވާހަކަތައް ކިޔައިދިނެވެ. އެ ވިޔަފާރިވެރިޔާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަޚާއެވެ! ތިޔައީ އަގުނުކުރެވޭނޭ އެއްޗެކެވެ! އެކަމަކު އަހަރެން ޙައްލެއް ބުނެފާނަމެވެ. ރަށުގެ ގަވަރުނަރުގެ ގާތަށް ތިޔަ ހިފައިގެންދާށެވެ. ތިޔަ ގަތުމުގެ ޤާބިލްކަން ހުރީ ހަމައެކަނި އޭނާގެއެވެ.
މަސްވެރިޔާ އަގުބޮޑު ޚަޒާނާ ހިފައިގެން ގަވަރުނަރުގެ ދޮރުކޮޅުގެ ކުރިމަތީގައި ހުއްޓިގެން ހުއްޓެވެ. އެތެރެއަށް ވަނުމުގެ އިޛްނަ ލިބެންދެނެވެ.
ގަވަރުނަރަށް އެ ފެނުމާއެކު ބުންޏެވެ. މި އަގުބޮޑު މުތަކީ އަހަރެން ހޯދަމުން އަންނަ އެއްޗެކެވެ. އެކަމަކު މިއަށް އެކަށީގެންވާ އަގު އަހަރެން ތިބާއަށް ދޭނޭ ގޮތެއް ނޭނގެއެވެ. އެކަމަކު އަހަރެންގެ ޚަޒާނާ ގުދަނަށް ތިބާ ވައްދާނަމެވެ. އަދި ހަގަޑިއިރު ދޭނަމެވެ. ގެންދެވުނު ވަރަކަށް ގެންދާށެވެ. މި މުތުގެ އަގަކީ އެޔެވެ.
މަސްވރިޔާ ބުންޏެވެ. "ސާހިބާއެވެ. އެ ވަގުތު ދެ ގަޑިއިރަށް ހަދައިދެވިދާނެތޯއެވެ؟ ހަ ގަޑިއިރަކީ އަހަރެން ކަހަލަ އާދައިގެ މަސްވެރިއަކަށް ވަރަށް ދިގު މުހުލަތެކެވެ."
ގަވަރުނަރު ބުންޏެވެ. "ނޫނެކެވެ.! ހަ ގަޑިއިރުގެ ތެރޭގައި ބޭނުން އެއްޗެއް ގެންދާށެވެ."
ދެން އޭނާ ޚަޒާނާތަކުގެ ތެރެއަށްވަނެވެ. އޭނާއަށް ފެނުނީ މާސިންގާ ކޮޓަރިއެއްގެ ތެރެއިން ތިން ކޮޓަރިއަކަށް ވަދެވޭގޮތަށް ހެދިފައިވާތީއެވެ.
އޭގެ އެއް ކޮޓަރީގައި ވަނީ ތަފާތު ގަހަނާތަކާއި ރަނާއި ރިއްސެވެ. އަނެއް ކޮޓަރީގައި ވަނީ އަގުހުރި ރީތި، އަރާމު ތަންމަތިތަކެވެ. މީހަކަށް އެ ފެނިއްޖެނަމަ އެތާނގައި ނިދުމަށް އެދޭނެއެވެ. އަނެއް ކޮޓަރީގައި ވަނީ ތަފާތު މީރު ކާނާތަކާއި ބުއިންތަކެވެ.
މަސްވެރިޔާ ހިތަށްއެރިއެވެ. "ހަ ގަޑިއިރު… އަހަރެން ފަދަ އާދައިގެ މީހަކަށް ހަ ގަޑިއިރު އެކަށީގެން ނުވެއެވެ. މި ގަޑިއިރުތެރޭގައި އަހަރެން ކުރާނީ ކޮންކަމެއްބާއެވެ؟ އެންމެ ރަނގަޅެވެ. އަހަރެން ތިން ވަނަ ކޮޓަރިން ފަށާނީއެވެ. އެތާނގައިވާ ކާތަކެތިން އަހަރެންގެ ބަނޑުފުރެންދެން ކާނީއެވެ. އޭރުން އެންމެ ބޮޑު ރަނުގެ ޚަޒާނާ އުފުލާނެހާ ބާރު އަހަރެންގެ ގައިގައި ހުންނާނެއެވެ."
ދެން އޭނާ ތިންވަނަ ކޮޓަރިއަށް ގޮސް ކައިކައި ބަނޑުފުރިއެވެ. ދެން އޭނާ ގަހަނާތަކުން ފުރިފައިވާ ފުރަތަމަ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
ދިޔަ މަގުމަތީގައި އޭނާއަށް މަޑު އަރާމު ތަންމަތިތައްވާ ދެވަނަ ކޮޓަރި ފެނުނެވެ. އަދި ހިތަށްއެރިއެވެ. "އަހަރެން ގިނައިން ކެއުމުގެ ސަބަބުން މިވަނީ ވަރުބަލިވެފައެވެ. އަހަރެން ނިދާލައި އަރާމުކޮށް ގައިގައި ވަރުޖައްސާލުމަކުން ގޯހެއްނެތެވެ. އޭރުން އަހަރެންނަށް އެންމެބޮޑު ޚަޒާނާ ފަސޭހަކަމާއެކު އުފުލޭނެއެވެ. މިއީ އަހަރެންނަށް ދެން ލިބޭނޭ ފުރުޞަތެއް ނޫނެވެ. އަހަރެންގެ މޮޔަކަމުން ނޫނީ އަހަރެން މި ފުރުޞަތު ނަގާނުލާނެއެވެ."
ދެން އޭނާ އެނދަށްއަރާ އޮށޯވެއްޖެއެވެ. އަދި އަރާމު ނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.
އޭގެ އިރުކޮޅެއް ފަހުން މީހަކު އޭނާއަށް ގޮވާތީ އަޑުއިވިއްޖެއެވެ. "ތެދުވާށެވެ. ތެދުވާށެވެ. މިހިރަ މޮޔަ މަސްވެރިޔާއެވެ. ކަލޭގެ ވަގުތު ހަމަވެއްޖެއެވެ..!!!"
"އޭނ.. ކީކޭ؟ އެކަމަކު އަހަރެން އަދި އެއްވެސް އެއްޗެއް ނުގެންދަމެވެ."
"އާއެކެވެ! ހަމަ މިހާރު ނުކުންނާށެވެ."
"އާދޭސްކޮށްފާ ބުނަމެވެ. އަހަރެން މި ފުރުސަތުގެ ބޭނުން އަދި ނުކުރަމެވެ. އާދޭސްކުރަމެވެ."
"މިހާރު ކަލޭ މި ޚަޒާނާތަކުގެ ތެރޭގައި ހަ ގަޑިއިރު ހޭދަކޮށްފިއެވެ. އެކަމަކުވެސް އެއްވެސް އެއްޗެއް ނުގެދަންހެއްޔެވެ؟ މިހާރު ކަލޭގެ ފަރުވާކުޑަކަމުން ހޭއަރައި އަދިވެސް އިތުރަށް އެދެނީ ހެއްޔެވެ؟ ކަލެއަށް މި ހުރިހައި ގަހަނާތައް އެއްކޮށް ގެންދިޔުމުގައި ހަށިގަނޑު ވަރުބަލި ނުކުރެވުނީ ކީއްވެހެއްޔެވެ؟ ދެން އެއަށް މޮޅު ކާނާ ގަނެ، ކަލެއަށްޓަކައި އަރާމު ތަންމަތިތައް ތައްޔާރު ނުކުރެވުނީސް ހެއްޔެވެ؟ އެކަމަކު ކަލޭވީ ފަރުވާކުޑަ، މޮޔައަކަށެވެ. ހަމަ މިހާރު އޭނާ ބޭރަށްލާށެވެ."
"ނޫން!! ނޫން!! އެހެން ނުހަދާ! އެހެން ނުހަދާ!"
****
ވާޙަކަ ނިމުނީ އެވެ. އެކަމަކު މިވާހަކައިގެ ޢިބްރަތެއް އަދި ނުނިމެއެވެ.
ވާހަކައިގައި ގެނެވުނު "މުތުގެ"މަތިން ހަނދާން އެބަހުރި ހެއްޔެވެ؟
އެއީ ތިބާގެ "ފުރާނައެވެ."
އެއީ އަގެއްނުވާ ބޮޑު ޖަވާހިރެކެވެ.
އެކަމަކު ތިބާ އޭގެ އަގުވަޒަން ނުކުރެއެވެ.
އަދި "ޚަޒާނާ ކޮޓަރިތަކަކީ" މި ދުނިޔޭގެ ދިރިއުޅުމެވެ.
އޭގެ ބޮޑުކަން ނިކަން ބަލާބަލާށެވެ. އަހަރެމެންގެ ވަގުތުތައް ހޭދަކުރަނީ އޭގެ ފަހަތުން ދުވުމުގައެވެ.
"ގަހަނާ"ތަކަކީ ހެޔޮ ޢަމަލެވެ.
"އަރާމު ތަންމަތިތަކަކީ" ތަންދޮރު ނޭނގުމެވެ.
"ކާނާ އާއި ބުއިން"ތަކަކީ ދުނިޔަވީ އެދުންތަކެވެ. އޭގެ ލައްޛަތާއި އަރާމެވެ.
އަދި އެކުވެރި މަސްވެރިޔާއަކީ ތިބާއެވެ. މި ވާހަކަ ކިޔާ މީހާއެވެ. މިވާހަކަ މާނަކުރެވުނީ ތިބާއަށެވެ.
ތިބާ ނިދިން ހޭލަންވީ ވަގުތު އަދިވެސް ނާންނަނީތޯއެވެ؟
އަދި އަރާމު ތަންމަތިތައް ދޫކޮށްލާކަށް ނުވޭތޯއެވެ؟ އަދި ތިބާގެ ކުރިމަތީގައިވާ ގަހަނާތައް އެއްކުރާކަށް ނުވޭތޯއެވެ؟
ތިބާއަށް ދެވިފައިވާ ވަޤުތު ހަމަވުމުގެ ކުރިންނެވެ. އޭރުން ތިބާ އެކަމާ މެދު ހިތާމަނުކުރާހުއްޓެވެ.
ސޫރަތުލް މުއުމިނޫންގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ (99)لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُۚ كَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ(100)
"އެއުރެންގެ ގާތަށް މަރު އަތުވެއްޖެއުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޯ! ތިމަން އަޅާ (ދުނިޔޭގަ ޙަޔާތަށް) އަލުން އަނބުރާ ފޮނުއްވާނދޭވެ. (އެއީ) ތިމަން ފަހަތަށް ދޫކުޅަ ކަންތަކުގައި ޞާލިޙް ޢަމަލު ކުޅައުމުގެ އެދުމުގައެވެ. ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަ ކަށަވަރުން އެއީ އޭނާ ބުނެލާ ބަހެކެވެ. އެއުރެންގެ ފަހަތުގައި ވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުއްވާ ދުވަހަކަށްދާންދެނެވެ."
- މައުލޫމާތު ނަގައިފައި ވަނީ ޤަޞަޞުލް އިސްލާމިއްޔަތުން




advertisment