ނިމިގެންދާ 2020 ގައި ހިނގާފައިވާ މޫސުމީ އަދި ޠަބީޢީ ކާރިސާތަކުގެ ސަބަބުން ދުނިޔެއަށް 150 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި 3500 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރަށް 1.3 މިލިޔަން މީހުން ވަނީ ގެދޮރުނެތި ވިއްސިވިހާލިވެފައެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ގާޑިއަން ދުވަހު ނޫސް ބުނާގޮތުގައި މިފަދަ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ޖައްވު ހޫނުވުން އިތުރުވުމުގެ ސަބަބުންނެވެ. "ކްރިޓިއަން އެއިޑ"ް ނަމަކަށް ކިޔާ ދަރުމަ ޖަމްޢިއްޔާއެއް ބުނާގޮތުގައި މޫސުމަށާއި ޖައްވަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބޮޑަށް ލިބފައި ވަނީ ފަޤީރު ޤައުމުތަކަށެވެ. މި ގެއްލުންތައް މިހާ ބޮޑުވެފައިވަނީ އެ ޤައުމުތަކުގައި ތާމީނުގެ ޚިދްމަތް ނެތީމާ ކަމަށްވެސް މި ޖަމްޢިއްޔާއިން ބުނެފައި ވެއެވެ. ފަޤީރު ޤައުމުތަކުގައި ތާމީނުކޮށްފައިވާ ތަންތަނުގެ ނިސްބަތަކީ އެންމެ 4 އިންސައްތަ އެވެ. އެހެނަސް މުއްސަނދި ޤައުމުތަކުގައި ތާމީނުގެ ނިސްބަތް 60 އިންސައްތަ އަށް މައްޗަށް ގޮސްފައި ވެއެވެ.
ވިހިވިހީގެ ބޮޑެތި ކާރިސާތަކުގެ ތެރޭގައި އޮސްޓްރޭލިޔާގެ ޖަންގަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި އެމެރިކާގެ ކެލިފޯރނިޔާގެ ޖަންގަލީގައި ހުޅުރޯވެގެން ހިނގި އަލިފާނުގެ ޙަދިސާއާއި އެމެރިކާގެ އަޔޯވާގެ ޠޫފާނާއި މި ދިޔަ ނޮވެންބަރު މަހު އެޓްލާންޓިކަށް އައި ޠޫފާނުތައް ފާހަގަކޮށްލެވެއެވެ. މި ޖަމްޢިއްޔާގެ މޫސުމާބެހޭ ސިޔާސަތުގެ ޕްރޮގުރާމު ސުޕަރވައިޒަރު ކްރޭމަރ ވިދާޅުވާ ގޮތުގައި މޫސުމުގެ ސަބަބުން އޭޝިޔާގައި ފެންބޮޑުވުންތައް، އެފްރިކާގައި ގޮށްފުޅަނގީގެ ޙަމަލާތައް، ޔޫރަޕާއި އެމެރިކާގެ ދެ ބައްރުގައި ޠޫފާނުތައް ވަނީ 2020ގައި ވަރަށް ބޮޑަށް އިތުރުވެފައެވެ.
ގާރޑިއަން ބުނާގޮތުގައި ޖައްވުގެ ހޫނުކަން އިތުރުވާން ފެށުމުގެ މާކުރިން ވެސް އިންސާނުންނަށް ވަނީ ތިމާވެށީގެ ކާރިސާތަކާ ކުރިމަތިވެފައެވެ. އެހެނަސް މި ގުރަހައިގެ މޫސުމީ ނިޒާމާ އިންސާނުން ކުޅެން ފެށުމުގެ ސަބަބުން މިފަދަ ކާރިސާތައް ދަނީ އިތުރުވަމުންނެވެ.

އިތުރު ޠޫފާނުތަކާ ކުރިމަތިލާން ޖެހޭނެ
ރިޕޯޓުތައް ބުނާގޮތުގައި އެޓްލާންޓިކް ކަނޑުގައި އުފެދުނު ޠޫފާނުތަކާއި ކޮޅިގަނޑުތަކާއި ނަގޫރޯޅިތަކުގެ ސަބަބުން 400 މީހަކު މަރުވިއެވެ. އަދި 41 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. މިއީ ރެކޯޑު ޢަދަދެއް ކަމަށް ގާރޑިއަން ބުންޏެވެ. ކުރިއަށް އޮތްތާނގައި އިތުރު ޠޫފާނުތައް ފެންނާނެ ކަމަށް މި ނޫސް ނިމުތު ކުރެއެވެ. މޫސުމާ ބެހޭ ޢާލަމީ ޖަމްޢިއްޔާ (ޑަބްލިޔޫ.އެމް.އޯ) ބުނާގޮތުގައި މި ޠޫފާނުތައް ތަރުތީބު ކުރުމަށް ސުމާރު ނަންބަރު ދިންއިރު ލެޓިން އަކުރުގެ އަލިފުބާގެ އަކުރުތައް ހުސްވެގެން ގްރީކް އަކުރުގެ އަލިފުބާގެ އަކުރުތައް ވެސް ބޭނުންކުރަން ޖެހުނެވެ.
ހޫނު މޫސުމުގައި ޗައިނާއާއި އިންޑިޔާގައި ވަނީ މޫސުމީ ވައިގެ ސަބަބުން އާދަޔާ ޚިލާފު މިންވަރަކަށް ވާރޭވެހިފައެވެ. މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމަށް މި ޖަމްޢިއްޔާ ބުންޏެވެ. މި އަހަރު ބަންގްލަދޭޝަށް އައި ފެންބޮޑުވުމަކީ އެންމެ ގެއްލުން ބޮޑު ފެންބޮޑުވުން ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. ބަންގްލަދޭޝް ޔުނިވަރސިޓީގެ ފެނާއި ފެންބޮޑުވުމާ ބެހޭ މާހަދުގެ އިދާރާގެ ޑިރެކްޓަރު ޝާހު ޖަހާން މޮންޑާލް ވިދާޅުވާ ގޮތުގައި މި އަހަރުގެ ފެންބޮޑު ވުމުގައި އެ ޤައުމުގެ ¼ ފެނުގެތެރެއަށް އަޑިއަށް ދިޔައެވެ.
ކެލިފޯރނިޔާއާއި އޮސްޓްރޭލިޔާއާއި ރޫސީވިލާތުގެ ސައިބީރިޔާގެ ދުރު ހިސާބުތަކުގެ ޖަންގަލިތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން އެ ޖަންގަލިތަކުން ވަރަށް ބޮޑު އޭރިއާއެއް އަނދާފައިވެއެވެ. މި ކަމުގެ ސަބަބުން ވެސް ޖައްވު އިތުރަށް ހޫނުވިއެވެ. މި ގުރަހައިގެ ސަޠަޙުގެ ހޫނުކަމަށް 1.1 ދަރަޖަ އިތުރުވެގެން ދިޔައެވެ.



advertisment