Support Us

ސަޢޫދީގެ ދަރަނި އަދާކުރުން އަވަސްކުރުމަށް ޕާކިސްތާނަށް އެންގުމުން ޗައިނާއިން އެހީ ހޯދަނީ

އިނގިރޭސިވިލާތުގެ ޖާލު ނޫހެއް ކަމުގައިވާ " މިޑްލް އީސްޓް އައި" މިދިޔަ ހުކުރުދުވަހު ހާމަކުރި ގޮތުގައި ރިޔާޟު އަތުން އިސްލާމްއާބާދު ނަގާފައިވާ ތިން ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި އަދާކުރުން އަވަސްކުރަން ރިޔާޟުން އެންގުމުން މި ދަރަނި އަދާކުރުމަށް ޓަކައި އިސްލާމް އާބާދުން ޗައިނާއާ ދިމާއަށް އެނބުރިގަންފިއެވެ.

ޕާކިސްތާނުން ނަގާފައިވާ ތިން މިލިއަން ޑޮލަރުގެ ލުއި ލޯނުގެ ތެރެއިން މިހާރު ވަނީ އެއް ބިލިއަން ޑޮލަރު ދައްކައިފައެވެ. ރިޔާޟުން ޕާކިސްތާނަށް ދީފައިވާ ދަރަނީގެ މުހްލަތު ނުނިމެނިސް ރިޔާޟުން މި ލޯނުގެ ބާކީ ބައި އަދާކުރަން އެދުމުން އިސްލާމްއާބާދު އެކަމާމެދު ވަރަށް ހައިރާންވިއެވެ. އަދި ކަންބޮޑުވިއެވެ. މިހެންވެ ޕާކިސްތާނުން މި ދަރަނި އަދާކުރުމަށް ޓަކައި ޗައިނާއިން އެހީ ހޯދުމަށް ނިންމައިފިއެވެ.

ސަޢޫދީ ދަރަނި

އިނގިރޭސިވިލާތުގެ "ފައިނަންޝަލް ޓައިމްސް" ބުނާގޮތުގައި އެ ދަރަނި އަދާކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރިޔާޟުން ވަނީ ނުދައްކައި ބާކީ އޮތް ދެ ބިލިއަން ދެއްކުން އަވަސް ކުރުމަށް 2020ގެ އޮގަސްޓްގައި އިސްލާމްއާބާދަށް އަންގައިފައެވެ. މި ނޫސް ބުނާގޮތުގައި މި ކަމުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާނާ ދެމެދުގައި ސިޔާސީ ދެބަސްވުމެއް މިހާރު ވަނީ އުފެދިފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ސިޔާސަތަށް މި ފަދަ ބޮޑު ބަދަލެއް އައީ އިންޑިއާއިން ކަޝްމީރާމެދު ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ރިޔާޟުން ފާޑު ކިޔުމާ ދުރުހެލިވުމުގެ ސަބަބުން ކަމަށް މި ނޫސް ބުންޏެވެ.

މި މަސްއަލައާ ވިދިގެން އިސްލާމްއާބާދުން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ޤަމަރު ޖާވީދު ބަޖުވާ މި އަހަރުގެ އޮގަސްޓްގައި ރިޔާޟަށް ފޮނުވިއެވެ. ނަމަވެސް ރިޔާޟުން މި ދަތުރުފުޅަށް އިޖާބައެއް ނުދިނެވެ. އެހެންކަމުން ޖެނެރަލް ބަޖްވާއަށް ޤައުމަށް އެނބުރިވަޑައިގަންނަވަން ޖެހިވަޑައިގަތީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާނެ ފުރްޞަތެއް ލިބިވަޑައިނުގަންނަވައިގެން ހުސް ދެ އަތްޕުޅާއެވެ.

މީގެއިތުރަށް އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވޭތޯ ޕާކިސްތާނުން ކުރި މަސައްކަތަށް ވެސް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ހުރަސްއަޅައިފައެވެ. މި ފަދަ ބައްދަލުވުމެއް ބޭއްވުމަށް ޕާކިސްތާނުން އެދުނީ ކަޝްމީރުގެ މަސްއަލައާ ބެހޭގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތު ކުށްވެރި ކުރެވޭތޯއެވެ.

ޗައިނާއާ ދިމާއަށް ޕާކިސްތާނު އެނބުރުން

ޕާކިސްތާނުގެ ދަރަނީގެ މަސްއަލައަކީ އެ ޤައުމާ ކުރިމަތިވެފައިވާ ވަރަށް ބޮޑު މަސްއަލައެކެވެ.ޕާކިސްތާނުގެ މަޝްހޫރު ނޫހެއްކަމުގައިވާ "ޑޯން"ގެ ޖާލު ޞަފްޙާ ބުނާގޮތުގައި ޕާކިސްތާނުގެ މަރްކަޒީ ބޭންކްގައި ރިޒަރވްގޮތުގައި ހުރީ އެންމެ 13.3 ބިލިއަން ޑޮލަރެވެ. އޭގެތެރެއިން އައިއެމްއެފަށް ހަ ބިލިއަން ޑޮލަރު ވަނީ ދައްކަން ޖެހިފައެވެ. އެހެންކަމުން ސަޢޫދީ ޢަރަބިއްޔާއަށް ދައްކަން ޖެހޭ ދެވަނަ އެއްބިލިއަން ޑޮލަރަކީ ވަރަށް ބޮޑު މަސްއަލައަކެވެ. ޕާކިސްތާނުގެ މަސްއޫލުވެރިން ރޮއިޓަރޒަށް ހާމަކުރެއްވި ގޮތުގައި ޗައިނާގެ އެހީގައި ޕާކިސްތާނުން އެއް ބިލިއަން ޑޮލަރު ރިޔާޟަށް ދައްކާނެއެވެ. ((ޗައިނާ އޮތީ އަހުރެމެންނާއެކުގައި)) ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. ޕާކިސްތާނުގެ މާލީ ވުޒާރާގެ ބައެއް މަސްއޫލުވެރީން ވިދާޅުވިގޮތުގައި ޗައިނާގެ ބޭންކްތަކާއެކު މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި އެއް ބިލިއަން ޑޮލަރު މިހާރު ވާނީ ރިޔާޟަށް ދައްކައިފައެވެ. މި އަންނަމަހު އިތުރު ބިލިއަނެއް ދެއްކުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

އަނެއްކޮޅުން ބަލާއިރު ޕާކިސްތާނު ޗައިނާގެ އުނގަށް ވެއްޓިދާނެތީ ވޮޝިންގްޓަން ވަރަށް ބިރުގަނެއެވެ. ދެހާސް އަށާރަ ވަނަ އަހަރު ސްރީލަންކާއިން ވަނީ އެ ޤައުމުގެ ހަންބަންޓޯޓާ ބަނދަރު ޗައިނާއަށް ދީފައެވެ. ވޮޝިންގްޓަން ބުނާގޮތުގައި އެއީ ޗައިނާއިން ނަގާފައިވާ ދަރަނިތައް ކޮޅުބަށް އަދާ ނުކުރެވިގެން ކުރަން މަޖްބޫރުވި ކަމެކެވެ.

ޕާކިސްތާނު ސަޢޫދީ ޢަރަބިއްޔާ ދެބަސްވުންތައް

  އިސްލާމްއާބާދާއި ރިޔާޟާ ދެމެދުގައިވާ ގުޅުމަށް ބުރޫއަރަންފެށީ ކަޝްމީރުގެ މަސްއަލައިގައި އިންޑިއާއާ ޕާކިސްތާނާ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުންނެވެ. ޖައްމޫ ކަޝްމީރުގެ ދާޚީލީ މިނިވަންކަން 2019ގެ އޮގަސްޓްގައި ނައްތައިލައި އިންޑިއާގެ ޕްރޮވިންސްތަކުން ޕްރޮވިންސެއްކަމުގައި ހެދުމުން އެ މަސްއަލަ އޯއައިސީއަށް ހުށައެޅުމަށް އިސްލާމްއާބާދުން މަސައްކަތް ފެށިއެވެ. ނަމަވެސް ސަޢޫދީ ޢަރަބިއްޔާއިން މި މަސައްކަތަށް ހުރަސްއެޅުމުގެ ސަބަބުން އެފަދަ ބައްދަލުވުމެއް ވަނީ ނުބޭއްވިފައެވެ. މިކަމާ ވިދިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އިސްލާމީ އެހެން ޤައުމުތަކުގެ ތާއީދު ހޯއްދަވަން މަސައްކަތް ފެށްޓެވިއެވެ. ތުރްކީއާއި މެލޭޝިޔާއިން ވަނީ ޕާކިސްތާނަށް ތާއީދުކޮށްފައެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި ރިޔާޟުން މި ކަމަށް ހުރަސްއެޅީ އިންޑިއާ ރުޅި އަތުވެދާނެތީއެވެ. އިންޑިޔާއަކީ ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރީގައި ދެވަނައަށް އެންމެ އިސް  ބައިވެރިޔާއެވެ. ޕާކިސްތާނު ބުނާގޮތުގައި ރިޔާޟުން މި ބައްދަލުވުން ބާއްވައި ނުދީފިނަމަ އިސްލާމީ ޤައުމުތަކުގެ ޚާއްޞަ ބައްދަލުވުމަކަށް އެ ޤައުމުން ގޮވައިލާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *