އޭނަ އަށް ފެނުނޭ ކަތަކު ދަނޑިފޮށި އަޅާ ތަރުތީބުކޮށް
ބޭނުމަށް އެކި ހޫނު ކުރަމުން ރޯކުރާތީ ރީތިކޮށް
ބައްތި ދިއްލާށާ އުނދުން ރޯކޮށްހަދާށާ އަދި މިނޫން
ލައްކަ ގިނަ ބޭނުންތަކަށް ހުޅު ރޯކުރޭ މާ ރީތިކޮށް
ތުނބު ކުރީގާ ހުންނަ އިރު ސިނގިރޭޓު ގާ ޖައްސާލުމުން
ތުނބުގެ ހަމަކަށް ހޫނު ނުވެފާ ރޯވެއޭ މާ ރީތިކޮށް
ބޭނުމެއް ނެތް ކުނިބުނީގައި ރޯކުރަން ބޭނުން ވުމުން
ހޭނިފައިވާ އިނގިލިތަކަކުން ރޯކުރޭ ފަހި ރީތިކޮށް
ދޭނެ އެކުވެރި ރައްޓެހިން ތިބުމުން ހިލޭ ހަދިޔާ އަކަށް
އޭނައަށް ވެސް ދީފިއޭ ފޮށްޓެއް މިފަދަ މާ ރީތިކޮށް
ފެންނަހާ އެއްޗެއްގައާ ތަންތާ ފެށީ ދެން ރޯކުރަން
ދެންދެނޭ ބުނެފާ ވަގުތު ލިބުމުން މުޅިން ބޭކާރުކޮށް
އެއްދުވަހު އެބަ ޖެއްސިއޭ ހުޅު ގޭ ފުރާޅުގެ އަސްކަނީ
ދެން ނެތޭ އަމަށެއް އެނދީ ގޭ ފަންވަތެއް ވެސް ދޫނުކޮށް
ގޭގެ އަހުލުން ބޭރުގައި ތިބެ ހޭރެމުންނޭ ދެން ބުނީ
އޭނަ އަށް ވުރެ އޭނައަށް ދިން ބަޔަކު މޮޔަޔޭޭ ސާފުކޮށް
