ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަން ދަސްކޮށް، ތަޖުރިބާ ހޯދުމަށް ޅ. ނައިފަރުގެ އަންހެނުން މަހަށް ގޮސް ބޭނި 15 ޓަނުގެ ކަނޑު މަހުގެ ތެރެއިން، އެންމެ ބަރު މަހެއް ބޭނި ދޯންޏަކަށް "މަލާހާ-2″ ހޮވައި އިނާމު ދީފިއެވެ. އެ ދޯނިން ބޭނި ކަނޑުމަހުގެ ބަރުދަނުގައި 5.60 ކިލޯ ހުއްޓެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމްކުރި މި މަސްދަތުރުގައި ދެވަނަ އަށް އެންމެ ބޮޑު މަސް ބޭނީ، ރުއްކުރި ދޯންޏެވެ. އެ ދޯނިން ބޭނީ 5.10 ކިލޯގެ މަހެކެވެ. ތިން ވަނަ އަށް އެންމެ ބޮޑު މަސް ބޭނީ، މިސްރާބު ދޯންޏެވެ. އެ ދޯނިން ބޭނީ 4.95 ކިލޯގެ މަހެކެވެ.
ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސް ދަތުރުގައި ހަ ދޯންޏެއްގައި 80 އަންހެނުން ވަނީ މަހަށް ގޮސްފައެވެ.
އެންމެ ބޮޑު މަސް ބޭނި ތިން ދޯންޏަށް އިނާމު ދިނުމުގެ އިތުރުން، ހުރިހައި ދޯންޏެއްގެ ކެޔޮޅުންނަށާއި، ދަތުރުގެ ހުރިހައި ބައިވެރިންނަށް ހަނދާނީ ލިއުން ދިނީ އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ސްޓޭޖް ޝޯއެއްގެ ތެރެއިންނެވެ. މިއުޒިކީ ދާއިރާގެ މަޝްހޫރު ފަންނާނުންތަކެއްގެ އުފަން ރަށުގައި އޮތް މި ޝޯގައި ބޮޑުބެރާއި ދެ ޖިންސުގެ ސަގާފީ އަދި ޒަމާނީ ތަފާތު ނެށުންތައް ފެނިގެންދިޔައެވެ.
މި މަސް ދަތުރަށް މި ހަ ދޯނި މަހަށް ފުރީ އިއްޔެ ހަވީރު އެވެ. ރޭގައި އެން ހިފުމަށްފަހު، ފަތިހު ކަނޑަށް ނުކުމެ މަސް ބާނައިގެން ދޯނިފަހަރު ރަށަށް ލެފީ މިއަދު ހަވީރުއެވެ. ކަނޑުމަތީގައި 24 ގަޑިއިރު ހޭދަކުރި މި މަސް ދަތުރުގައި އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ 80 އަންހެނުން ބައިވެރިވިއެވެ.

މި މަސްދަތުރަށް ނައިފަރު ކައުންސިލާއި މިފްކޯ އާއި އެމް.އެން.ޑީ.އެފާއި ނައިފަރުގެ ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭ ކަމުގައި ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރުން ބުނެއެވެ.




advertisment