ޒަމާނެއް މާކުރީގެ އެވީ ތިބާގެ ޚިޔާލުގައި ވޭހޭ
ނަމާ ޖިންސެއް ވުޖޫދު ނުވާ ހަނދާނެއް ފަހެ ތިބާ ވެހޭ
ޙުކުމްފުޅު އައި ހިނދުން އަހަރެންގެ އަސްލުން ފެށެވިގެން މިދެކޭ
ރުކުންތައް ހަމަވެގެން ތިޔަ ނަމޫނާ ޝުކުރުވެރި ވަމުހޭ
ބަދަލުތައް ހާލަތުން އަދި ހާލަތަށް އެކި މަރުޙަލާ ތަކަކުން
ނަގުލުވީ ގޮތް އަދާ ހަމައަށް އަޖައިބެއް ފަހެ ނުވާވަރުހޭ
އަރާއަރަފޯދިގެން ފަންނާއި ޙިކުމަތް ހިބަ ކުރެއްވެވުމާ
ކަރާމާތް ޚުލްޤުގައި ލެއްވެވި ކަމުގެ ޒިންމާ އުފުއްލަމުހޭ
ބަހާލެވިފައި މިވާ ތާވަލުތެރޭ ޢަމަލަށް ލިބޭ ގަޑިތައް
ޖަހާ ޚައްނާސު ލަވަތައް އަޑުއަހަން ތިބެގެން ފުދޭނޭހޭ
ޙަޔާތުގެ ނަން ކިޔާ ޞަފުޙާ ތިބާގެ އަތުން ލިޔާއިރުގައި
ލިޔާ ލިޔުމެއް ކިޔާ ދުވަހެއް ދެކޭނޭކަން ނުދަންނަމުހޭ
އިރުން މަޝްރިޤު ގެ އުދަވީ ކޮންމެ ދުވަހަކު މަޣްރިބަށް އޮއްސޭ
ދިރުން ދުނިޔޭގެ ދިނުމަށް ފަހު ނިމުން ވާގޮތް ފެނޭ ނޫންހޭ
ތިބާ ރުހުނަސް ނުވަތަ ނުރުހުން ވެގެން ލޯ ހުއްޓަކަސް ނުމަރާން
މިބާބުގެ އޮންނަ ފަހު ފަތްފުން ކިޔާ ހިނދު ލޯ މެރޭ ނޫންހޭ
ނިދާލަން ތަންމަތީ އަހަރެންގެ މާދަން އެބަ ޖެހޭ އަންނަން
ރިދާއެއް ހުދު އޮމާން ފަތުރާލުމަށް ލިބި މިލްކުގައި ވޭހޭ
އެއަށްފަހު ތަންމަތީން ވަގުތީ ތިބާ ހޭލާ ދެވޭ އަބަދީ
ގެޔަށް ވަދެ ހުރެލުމަށް އެކަށޭ މަކާނެއް ހޯދިފައި ވޭހޭ
