އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް، އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން ކަމަށާއި އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
"ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރި. އެންމެފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ. އެ މައްސަލަވެސް ފެންމަތިވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން. ޙަޤީޤަތުގައި، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް، އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި،" މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށާއި, ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ޤާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ މި ސަރުކާރުން ޢަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ. އޭގެ އިތުރުން، ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި، ޢާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، މިޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއްކަމުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
މި މެސެޖުގައި އެމަނިކުފާނު ވަނީ މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމުގައި ވިދާޅުވަމުންގެންދަވާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެ ކަމުގައެވެ. އަދި، އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އޭގެ ތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުން. އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައި. އޭގެ ތެރެއިން 51 މައްސަލައެއް ވަނީ އޭ.ސީ.ސީއަށް ބަލައިގެންފައި. އަދި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް މިގެންދަނީ ފުލުހުންނާ ޙިއްޞާކުރަމުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ހަމައާއި އުޞޫލުން ބޭރުން ރާއްޖޭގައި ކަންތައްތައް ކުރުމުގެ ޘަގާފަތް މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ކަމުގައި ވިދާޅުވެ، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވާންޖެހޭ ކަމުގައި ވިދާޅުވެފައެވެ.
"ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ޚިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ޤަބޫލުކުރެވިފައި އޮންނަނީ، އެކަމެއް ހާސިލުކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށް. މިހެންވުމުން، އެންމެ ފުރަތަމަވެސް ބަލަނީ ތިމަންނާގެ ރައްޓެއްސެއް، ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސެއް ނަމަވެސް އެތަނެއްގައި ހުރިތޯ. މިއީ ޙަޤީޤަތުގައިވެސް ކަން ހިނގަމުން އައިގޮތް. މިހާހިސާބުން އެ ފެށެނީ، ހަމައާއި އުޞޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދަ. މިއީ، މިހާރުން މިހާރަށް ބަދަލުކުރަންޖެހިފައިވާ ޘަޤާފަތެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ، އެ ވާހަކަ ދައްކާ މީހާވެސް، ކޮރަޕްޝަނާ ދުރުވުން."
މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރަން ރާވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ހިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19އަށް ފަހު ޤައުމު ބިނާކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން އެކުލަވާލައްވާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަން ފާަގަކުރައްވާފައެވެ. އަދި، އޭގެ ތެރެއިން އެއް ކަމަކީ، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް ޢާއްމުކޮށް ފެންނާނޭހެން ހާމަކުރުންކަމަށާއި، މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ޤާނޫނުލް ޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރު ވާނީ ދެ އިޞްލާޙެއް ހުށަހަޅާފައި ކަމަށާއި، މާލިއްޔަތު ޤަވާޢިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި ޤަވާޢިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން ފަދަ ކަންކަންކުރުމަށް ރާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި، މީގެ އިތުރުންވެސް ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ނިންމަވާފައިވާ މުހިންމު ނިންމެވުންތައް މިއަދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮންފަރެންސްގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި ދައުލަތް ހިންގުމާއި ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.



advertisment