ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ އަސަރުގައި ޖެހި މިސްރާބު އޮޅިގެން ކަނޑުމަތިން ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީ، ހދ. ކުޅުދުއްފުއްޓަށް މިއަދު ވައްދައިފިއެވެ.

މި ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި ފަސް ފަޅުވެރިން އަދި "ޖެ ޕްރަސަންސަ ވެ" ބޯޓުގައި ހަ ފަޅުވެރިން ތިބި ކަމަށާއި ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ބޯޓުތަކާ ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ހާލުގައި ޖެހިފައިވާ މި ދެ ބޯޓު ހދ. ކުމުންދޫގެ ބޭރުން ފެނިފައި ވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7″ ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށާއި އެކަން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.



advertisment