ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03″ ދޯނިން ވަނީ އިއްޔެގެ މެންދުރެއްހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، މަސްބޯޓު އޮތް ސަރަޙައްދު ވައިގެ މަގުން ދެނެގަތުމަށްފަހު، އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރުކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ މަސްބޯޓު ހުރަވީގެ ބެލުމުގެ ދަށަށް ގެނައީ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި ތިބީ ކޮން ގައުމެއްގެ ފަޅުވެރިންނެއް ކަމެއް ވެސް އެމްއެންޑީއެފުން ނުބުނެއެވެ.
ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ.
މި މަސްބޯޓް ފެނިގެން ރިޕޯޓް ކުރި "އަސުރުމާ 03″ ދޯނީގެ ކެޕްޓަނަށާއި ފަޅުވެރިންނާއި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދިން އެއްބާރުލުމަށް ކޯސްޓްގާޑުން ވަނީ ޝުކުރު އަދާކޮށްފައެވެ.



advertisment