މާދަމާޔަށް ފަސްކުރާކަށް ހެޔޮކަމެއް ހެޔޮވެސް ނުވޭ
މާދަމާ ފެންނާނެކަން ވެސް ހަމަ ޔަގީން ކަށަވަރު ނުވޭ
މާދަމާއެއް ހުސްނުވާނޭ މަރުނުވާހައި ހިނދަކުގައި
މާދަމާ ހުސްވާއިރަށް "ރޫހެއް" ތިމާ ނަފުސަކު ނުވޭ
ދުނިޔެއަށް އައުމާއެކީ ދެން އެންމެ ކައިރީގައިވަނީ
ދުނިޔެ ދޫކޮށް މަރުވުމޭ އެހެނަސް ވަގުތު އެނގިގެން ނުވޭ
ޚާއްޞަކޮށް އަދި ވަގުތު ކަނޑައެޅިފައި އެވާހައި ހެޔޮކަމެއް
ޚާއްޞަކޮށް އަދި އިސްކުރާށޭ، ފަސްކުރުން ހަމަ ހެޔޮ ނުވޭ
އެންމެބިރުވެރި މަޙްޝަރަށް ގެންދަން ނެތިއްޔާ ހެޔޮކަމެއް
ދެން އުޅެންވާ ޙާލަތެއް އިންސާނަކަށް އިޙްސާސް ނުވޭ
ވަގުތުއައިސް ޖެހުމުގެކުރިން ކުޅަ ހެޔޮކަމެއް ކުރެވެންއޮތީ
"ވަގުތަކީ ސިއްރެއް" މިކަމުގައި އަޅަމެނަށް ބާރެއް ނުވޭ
މަރުވެދާނޭ އޭ! ދަރީންނޭ ދަތުރު ނުހަދައި އުޅެނިކޮށް،
ދަރުމަވާނޭ! ހެޔޮ ޢަމަލުގައި ފިނޑިވެ ފަރުވާ ކުޑަ ނުވޭ
