Support Us

ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމީޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ  -ފޮޓޯ: ރައީސް އޮފީސް

ޔާމީން ވަޑައިގެންނެވީ ނުއަގުގައި ދޫކުރި ރަށްތަކުން ލިބުނު ފައިސާކޮޅު ވެސް ހިފައިގެން: ރައީސް ސޯލިހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަޑައިގެންނެވީ އެ މަނިކުފާނުގެ ސަރުކާރުގައި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް ނުއަގުގައި ދޫކުރި ރަށްތަކުން ލިބުނު ފައިސާކޮޅު ވެސް ހިއްޕަވައިގެން ކަމަށް ވިދާޅުވެ، މާފުށީ ޖަލުގައި އޮންނެވި ރައީސް ޔަމީނަށް ބަހުގެ ހޫނު ހަމަލާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފިއެވެ.

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ފައިސާކޮޅު ބަޖެޓުގައި ހުރި ނަމަ، މިފަދަ ދަތި ހާލަތުގައި އޭގެން ބޭނުމެއް ކުރެވުނީސް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން ވިއްކާފައިވާ 85 ރަށުގައި ރިސޯޓު ނެހެދި އެބައޮތް ކަމަށާއި އެހެންވެ އެ ރަށްރަށުން ދައުލަތަށް ލިބެންވާ އާމްދަނީއެއް ނުލިބޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ދެ އަހަރުވީ ސަރުކާރުގައި އެއްވެސް ފަޅުރަށެއް ރިސޯޓު ހަދަން ދޫކޮށްފައި ނޯންނާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"…އަދި އެ ހިސާބަކުން ނިމުނީކީ ނޫން އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް، ނުއަގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދުކުރެވޭނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.


ރައީސް ސޯލިހު އަދި ވިދާޅުވީ ރައީސް ޔާމީނު 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށާއި ފަސް އަހަރުގެ ވެރިކަން 2018 ގައި ނިމުނުއިރު ދަރަނި ވަނީ 60 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ދަރަނި މި އުޅެނީ 15 ބިލިއަން ރުފިޔާގައި،" ރައީސް ސޯލިހު ވިދާޅުވިއެވެ. "މި އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައި އެއޮތް ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނި ދައްކަން ޖަހާފައި ހުރި ފައިސާ."

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ރިޒާވުގައި މިހާރުވެސް 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.


"އަޅުގަނޑުމެންނާ ހިސާބަށް ވާރުތަވިއިރުގައި ދައުލަތުގެ ރިޒާވަކު ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އިނީ. ދެން ކިހިނެއްތޯ ކަންތައް ކުރާނީ؟ މި ދަތި ހާލަތުގައި ވެސް އަޅުގަނޑުމެންގެ ރިޒާވްގައި މިހާރު ވެސް ހުންނާނެެ 250 މިލިއަން ޑޮލަރު."

ރައީސް ޔާމީން ގެންދަވަނީ އެމް.އެމް.ޕީ.އާރް.ސީގެ އެއް މިލިއަން ޑޮލަރުގެ މަނީލޯންޑަރިންގެ މައްސަލައެއްގައި މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގެ މަރުހަލާގައެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވުމުން، އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އޮކްޓޯބަރު 5 ގައި ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ސަރުކާރާއެކު ހަދައިފައިވާ ޑީލެއްގެ ދަށުން އަދީބު އަދިވެސް ހުންނެވީ ގޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *