ވިންދު ޖަހަނީ ހިތުގައި އަބަދު މިޝަކުވާގެ އަޑުން
ނިންޖަކަށް ލޯ ނުމެރޭ ނަފުސު ނުވާތީވެ މަޑުން
ހޯދުމަށް މަންޒިލް ދާ ސާފު މި ސީދާވި މަގުން
ގޯޅިއަޅުވަން ލަޢުނަތު ރީތިކުރޭ ހުތުރު ލަނޑުން
އެންމެ ފަހަރަކު ނުވެޔޭ ހަނދުމަ މި ޣާފިލް ކަމުގައި
ދެއްވަވާ ނިޢުމަތް ތައް ދީލަތި ފޯދޭ އެ ދަނޑުން
ސާފުކަން ގެއްލި ހިތުގެ ވަހުމުގެ ތެރެއަށް ގެނބެނީ
ފާފައިން އިތުރު ވުމުން އާފަތުގައި ހިތުގެ ގުޑުން
ވަނުމަކަށް ނެތް ތިޔަ ނޫން ސާއިލަކަށް ހުޅެވި ދޮރެއް
ކަނުއަނދިރި ކަމުގެ ތެރޭ ޣަރަޤު ވެދާ ފުން މި ކަނޑުން
ކުށްތަކާ މެދު ވިސްނަން ހުއްޓިލުމުން އިސްޖެހިފާ
ހުއްޓުމެއް ނެތި ވެހެނީ ލޭގެ ކަރުނަ މޭގެ އުޑުން
ހިތް ނުވޭ މާޔޫސެއް ވީއްލި ނުދާތީވެ އެ ހިތް
އޮންނަ އީމާން ކަމުގައި ހިފުނު ޔަޤީން ކަމުގެ ތަނޑުން
ފުއްސެވުން ފާފަ އަދާ ރުއްސެވުމަށް ދަންނަވަމޭ
އައްސަވާ ހިތުގެ ބަޔާން ލިޔުނު އަޅާ ގަލަމު ތުނޑުން
