ގދ. ތިނަދޫ ޔޫތު ފުޓްބޯލް ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ އަންހެނުންގެ ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ. ލީގު އުސޫލަށް ކުޅޭ "ހިޔަލަ ފުޓްސަލް" މުބާރާތުގައި ފަސް ޓީމު ވާދަކުރެއެވެ.

ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޓީ.ޑަބްލިއު.ޑީ.ސީ) އިން މެއިން ސްޕޮންސަރކޮށްގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ އައުޓްލޯޒް ކުއީންސް، އޮކްސް ވިމެންސް، އާރް.އެފް.ސީ ވިމެންސް، އޭ.އެމް.އީއ.ެސް އެފްސީ އަދި ޓީމް އޭ.ބީ.ވައި.ޓީ އެވެ.

ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި "ހިޔަލަ ފުޓްސަލް މުބާރާތު"ގެ މެޗްތައް ކުރިއަށްދާނީ ރޭގަނޑު އެވެ.
ތިނަދޫ ޔޫތު ފުޓްބޯލް ކްލަބް (ޓީވައިއެފްސީ)ގެ ރައީސް ޢަލީ އިމްރާން (އިންމަ) މިއަދު ވިދާޅުވީ ތިނަދޫގައި ކުރިޔަށް ގެންދިޔުމަށް ތައްޔާރުވާ މުބާރާތުގެ ބޭނުމަކީ ރަށުން އެކުލަވާލެވޭ ފުޓްސަލް އަންހެން ޓީމެއް ތައްޔާރުކޮށް އެ ޓީމް ގެންދެވެން އޮތް އެންމެ މައްޗަކަށް ގެންދިއުން ކަމަށެވެ. އިންމަ ވިދާޅުވީ މުޅިން އަލަށް އުފައްދާ ތިނަދޫ އަންހެން ފުޓްސަލް ޓީމް ރަމްޒު ކޮށްދޭނީ މުޅި ތިނަދޫ ކަމަށާއި އެ ޓީމް އުފެއްދުމަށް ރަށުގެ އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މި މުބާރާތަށް ޓީމުތަކުން ތައްޔާރުވާން ފަށައި ވަރަށް ވާދަވެރިކޮށް ތަމްރީނުތަކާއި އެހެނިހެން ކަންކަން ކުރިޔަށް އެބަދޭ. އަދި މުބާރާތް ބޭއްވުމަށްޓަކައި ކްލަބަށް ބޭނުންވާ ސްޕޮންސަރތައް ވެސް ހީވެސް ނުކުރާހާ ރަނގަޅަށް ދަނީ ލިބެމުން،" ކްލަބް ވެލެންސިއާ، މާޒިއާ ފަދަ އެއްވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ތިނަދޫގެ ފުޓުބޯޅަ ކުޅުންތެރިޔާ އިންމަ ވިދާޅުވިއެވެ.

މި މުބާރާތުގެ ގްރެފިކްސް ޕާޓްނަރަކީ ބްލެކް އެވެ. ޕްރިންޓިން ޕާޓްނަރަކީ ނޯވާޓެކްއެވެ. ފޮޓޯ ޕާޓްނަރަކީ ފޮޓޯ މޯލްޑިވްސްއެވެ. ބެވަރޭޖް ޕާޓްނަރަކީ ޒިމަރމަން އެވެ. ކޯ ސްޕޮންސަރުންނަކީ ޕްރިންޓެކް އާއި އެފް.އެސް.އެމް އެވެ. އެސޯޝިއޭޓް ޕާޓްނަރަކީ ތިނަދޫ ސްޓޭޑިއަމް އަދި މީޑިއާ ޕާޓްނަރަކީ ހުވަދޫ ނިއުސް އެވެ.
ކޯވިޑް19ގެ ޙާލަތާ ހުރެ ބޮޑު މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ތިނަދޫގައި ބާއްވާ މުބާރާތަކީ އަންހެނުންގެ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށް ވާތީ، މެޗުތައް ބެލުމަށް ގިނަ ބަޔަކު ހާޒިރުވާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.



advertisment