އެންމެ އެކުވެރި މިތުރުނާމެދު ވެސް ވަރަށް ވިސްނައި އުޅޭތި
އެންމެ ހާސްވާ ވަގުތު "ކެއްސެއް" ދޭނެކަމުގައި ވެސް ބަލާތި
އެންމެ ކައިރީގައި އުޅޭ ބަޔަކަށް ތިމާ "ވަނަވަރު" އެނގޭތި،
އެންމެ ފުރަތަމަވެސް "ލަނޑެއް" ދޭނީ، އެމީހުންނޭ، ބަލާތި
ދެކެފަރިތަ ދުރު މީހުނަށްވެސް ފޮރުވިފައިވާ ސިއްރުތައް،
އެކު އުޅޭ ބަޔަކަށް އެކަން ކަން ވެސް އެނގޭނެ ކަމަށް ބަލާތި
އެންމެ ކައިރީގައި މަޖާކޮށް ހީ ސަމާސާކޮށް ހަދައި
އެންމެ އަވަހަށް "އަބުރު ކަތިލާނީ" އެ މިތުރު ކަމަށް ބަލާތި
އެކުވެރީންނާއެކު ސަމާސަ މަޖާކަމެއް އަދި ކުރެވުނަސް
އެކުވެރީން އެކަމެއް ފަޟީޙަތް ކޮށްލަ ފާނެ ކަމަށް ބަލާތި
ހާދަ އޯގާތެރި ގޮތެއްގައި އައިސްއުޅޭ ރަޙްމަތް ތެރީން
ހާދަ ނުލަފާ ކެހި އެތަށް ބަޔަކަށް ދެމުންދާ އަޑު އަހާތި
އެކުވެރީންނާ އެކު މަޖާކޮށް ތަންތަނުން ކައި ބޮއެ އުޅެން
އެކި ކަހަލަ ވިހަޔާ، ޒަހަރު، ދީފާނެ ކަމުގައިވެސް ބަލާތި
އެކު އުޅޭ ބަޔަކަށް އެނގޭނެ އުޅޭ ތަނާއި ނިދާ ތަނެއް
އެކު އެކީ އުޅެފައި ޤަތުލު ވެސް ކޮށްލަފާނެ ކަމަށް ބަލާތި
ރައްޓެހީން ރަޙްމަތްތެރީންނާ، އަދުވަނީ ލިޔެ، ކިޔުމުގައި
ރައްޓެހީން ރަޙްމަތްތެރީން ވީ، މަރުވެ ގޮސްކަމުގައި ބަލާތި
ހެޔޮ އެދޭނީ ކާކުތޯ "ރަޙްމަތް ތެރީންނޭ އަދި ކިޔަސް"
ހެޔޮ އެދޭނަމަ ފަހަތުގައި ވާ ސިއްރުވެސް ހޯދައި ބަލާތި
