ހަނދާން ތަކާއޭ ތިބާ ނުދާށޭ މަށާ ދުރަށް އަލްވަދާޢު ކޮށްފާ
އަދާތަކުން އުފެދިގެން އަރާހާ އުދާސްތަކުން ހިތް ހަލާކު ކޮށްފާ
ކިހާ އެކަނިވެރި މަ ވާނެތޯއޭ އެހާރު އޮތް ގާތް ގުޅުން ކަނޑާލާ
މިޙާލުގައި ހިތް ޒަޚަމު ކުރާއިރު އެހާވަރަށް އިޙުތިރާމް ކޮށްފާ
ލިބޭނެ ދިރުމެއް،ކޮބައިހެ އުފަލެއް އެހެން ޙަޔާތެއް އަލުން ފެށީމާ
ތިބޭނެހޭ ދާއިމަށް އެކީގައި ޒަމީރު އަހަނީ ހިތާމަ ކޮށްފާ
އަރާމު ނިދިވެސްދަނީ ފިލައިގެން ލޮލުންއޮހޭ ކަރުނުތައް ހިފައިގެން
ކުރާ ފިކުރު ގިނަކަމުން ޝުޢޫރާ ދެބަސްވަމުން ގަދަ ޒުވާބު ކޮށްފާ
ޚިޔާލުތައް އުދުހެމުން ދަނީއޭ އެ ރީތި މާޒީ އަލުން ފެނޭތޯ
ކިޔައިދެމުން ދައުރުވީ މަނާޒިރު ނިޔާމަކަން އޮތް އެ ސޫރަ ކޮށްފާ
ޒަމާން ގެނައި އިންގިލާބުތަކުގާ އަމާން ހިމޭން ޖަންނަތެއް ޙަގީގީ
ނަމާ އެކީ އޮތް ބަހާރު ފޮހެލައި،ދަމާ ޚަރީފާ ޙަވާލު ކޮށްފާ
ހަވާނަފުސު އެދި ގޮވާގޮވުމުގައި ލަގަން އަތުންދޫވެ ގެއްލުނީމާ
ޖަވާބުދާރީ ވުމަށް ޖެހޭ އިރު ތިމާ ވެދާނޭ ޙިޞާރު ކޮށްފާ
