
އިލާހީ ދީން މި ގައުމަށް އައިގޮތަށް ވިސްނާލިޔަސް ޢަމުދުން
ފިލާ ދިވެހިންގެ ހިތްތަކަކުން ނުދާނޭ ދަރުމަވަންތަ ރަދުން
ކިހާ ބޮޑު ނިޢުމަތެއް ތޯއޭ، ކިހާ ބޮޑު ރަޙުމަތެއް ތޯއޭ
މިހާ މަތިވެރި ނަޞީބެއް އަޅަމެނަށް މެދުވެރި ވެގެން އައުމުން
ހިނގާ!އަލިރަސްގެފާނު ފަދައިން މިގައުމަށް ޖާނުދޭން ކެރިގެން
ހިނގާ! ދީނާއި މިނިވަންކަން ދިފާޢު ކުރަން ބަހާ ޢަމަލުން
ތޮޅެން އައި ފުށެތިކާލުންނާ ބިރެއްނެތި ދެއްވި ޙަމަލާގައި
މޮޅެއް ނުމެލިބި ޝަހީދުވިޔަސް، އެނަންފުޅު ފަނޑުނުވޭ ޢަމުދުން
އުުތީމުރަދުންގެ މަތިވެރިވީ ޖިހާދުން ދަރުސު ހޯދައިގެން
އޮތީ ޒިންމާ އަދާކުރުމޭ، ދުރަށް ވިސްނާ ފިކުރު ކުރަމުން
އަނދިރި އަނދިރީންގެ އަނިޔާގައި އަނދިރިކަން ވެރިވެފައިއޮއްވާ
ކަނދިލިތައް ދިއްލަވާ އަލިކަން މި ގައުމަށް ދެއްވިއޭ"ތަކުރުން"
މުލީގޭ ދޮންޙަސަން މަނިކުގެ އެ ގުރުބާނީ ދިރާސާކޮށް
ނުލީގޮތް ދޫ ހިލޭ ބަޔަކަށް،ބަލާށޭ އަގު ވަޒަން ކުރަމުން
ހޮޅީންގެ ނުބައި އެ ޢުދުވާނުން ސަލާމަތް ގައުމު ކޮށްދެއްވާ
މޮޅީން މޮޅިސާލު ލައްވާފައި،ފަހާވެސް ލެއްވިއޭ ގައުމުން
ޝަހީދުވެ ދިޔަ ޙުސައިން އާދަމް ނަމޫނާއެއް ކަމަށް ދެކިގެން
ބަހީ،ކެރިގެން އަފުރެމެންވެސް އެހިތްވަރު ކޮށްލަމާ އުފަލުން
ތަމަޅަ ބާޣީންގެ އަނިޔާވެރި ކަމާ ކުރިމަތިވެގެން އައި ރޭ
ކަމަރު ބަނދެ ޙަމަލަދޭން ފެއްޓީ ފަހަށް ނުޖެހޭނަމޭ ބުނަމުން
އެކަނި މާއެކަނިވެސް ނުލަފާ ޢަދުއްވުންނާއި ކުރިމަތިލާ
ދެކަނި ވާނޭ ކަމަށް ނުބަލާ ފިދާވީ ގައުމު އިސްކުރަމުން
މިއީ ގައުމީ ދުވަސް އައިމާ ހިތަށްވެރިވާ ޝުޢޫރުތަކޭ
މިއީ ނުފިލާނެ ޒިކުރާއޭ "ދިވެހިލޭ" ދައުރުވާ ހިތަކުން
