Support Us

އަދިވެސް ހޭއަރާކަށްނުވޭތޯ؟

މި ނަލަނަލަ މުތީއެއް ފަދަ ދިވެހިރާއްޖޭގައެވެ.

ސާފު ހުދު ދޮންވެލީގެ މި ރަށްތަކުގައެެވެ.

ސާފު ނޫ ވިލުތަކާއި މުރަކައިގެ މި ރާއްޖޭގައެވެ.

ހިންދު ކަނޑުގެ މި ޖަޒީރާ ރާއްޖޭގައެވެ.

އަހުރެމެން މިވަނީ ބައިބައި ކުރެވިފައެވެ.

އަހުރެމެން މިވަނީ އެކަހެރި ކުރެވިފައެވެ.

އަތްތިލައިގެ އިނގިލިތައް ފަދައިންނެވެ.

އަދި އިރުގެ ދޯދިތައް ފަދައިންނެވެ.

އަހުރެމެން މިއީ ބުދުތަކެއް ހެއްޔެވެ؟

 

އަހުރެމެންގެ ފައިތިލަތަކުގެ ދަށުގައިވާ ވެއްޔެވެ.

އެއީ ދެ ފަސްގަނޑެއް ކަމަކު ހަމަ އެއް ވެއްޔެކެވެ.

އަހުރެމެން މިވަނީ ބައިބައި ކުރެވިފައެވެ.

ހުދު ވެއްޔާއި ކަޅުވެލި ވަކިކުރާ ހެންނެވެ.

ދޮން ފަތާއި ހިކިފަތް ވަކިކުރާ ހެންނެވެ.

އަހުރެމެން ޙިއްޞާކުރަނީ އެއް ސަޤާފަތެކެވެ.

އަހުރެމެން އީމާންވަނީ އެއް ދީނަކަށެވެ.

ނުވިތާކަށް ވާހަކަ ދައްކަނީ އެއް ބަހުންނެވެ.

އެ ބަސް ނިސްބަތްވަނީ ދިވެހި އަދަބިއްޔާތަށެވެ.

 

މީގެ ކުރިން މިއީ ބައިބައިވެފައިވާ ތަނެއް ނޫނެވެ.

އެކަމަކު އެކި ކުލަކުލައިން ކުލަޖެއްސީ އަހުރެމެންނެވެ.

ރިވެތި ގޮތާއި ފޮތާ ކުރިން އޮތީ އަހުރެމެން ވަށާލާފައެވެ.

އެކަމަކު އެ ގޮތާއި ފޮތާ ދޫކޮށްލީ އަހުރެމެން އަމިއްލައަށެވެ.

އެކި މީހުން އެކި މިންގަނޑުން ކިރަން ފެށީ އަހުރެމެންނެވެ.

ދޮޅުފޫޓާއި ދެފޫޓުން މިން އަޅަންފެށީވެސް އަހުރެމެންނެވެ.

މި ރާއްޖެ ބައިބައިކޮށްލީ އަހުރެމެން އަމިއްލައަށެވެ.

މި ރަށްތައް ފޮތިފޮތިކޮށްލީ އަހުރެމެން އަމިއްލައަށެވެ.

ގާތްމީހުންނާއި އަވަށްޓެރިން ދޫކޮށްލީ އަހުރެމެން އަމިއްލައަށެވެ.

 

ޕާޓީތަކުން މިވަނީ ސިކުނޑިތައް އަޅުވެތިކޮށްފައެވެ.

މިކަމުގައި އުތުރާއި ދެކުނުގެ ތަފާތެއް ނެތެވެ.

އެއްބަޔަކު ނިސްބަތްވަނީ ރީނދޫ ކުލައަށެވެ.

އެއްބަޔަކު ނިސްބަތްވަނީ ރަތް ކުލައަށެވެ.

އެއްބަޔަކު ނިސްބަތްވަނީ ފިޔާތޮށި ކުލައަށެވެ.

އެއްބަޔަކު ނިސްބަތްވަނީ ފެހި ކުލައަށެވެ.

އެއްބަޔަކު ނިވިދިއްލޭ ބޮކިތަކެއްހެން އެކިކުލައިން ދިއްލެއެވެ.

ކުލަތައް ގިނަކަމުން ޚިޔާރުކުރަންވީ ކުލައެއް ނޭނގެއެވެ.

މި ކުލަތަކުން ޖަރީވުމުން ސުވަރުގެ ވަދެވޭނެ ނަމައެވެ.

 

ވަގުތާއި ޙާލަތު މިވަނީ ބަދަލުވެފައެވެ.

އަހުރެމެން މިވަނީ އެތައް ބަޔަކަށް ބަހާލެވިފައެވެ.

އެއްބަޔަކު ސިޔާސީ ހުވަފެން ދައްކައިގެން ބައި ބަހާލީއެވެ.

އެއްބަޔަކު ދީން ހަތިޔާރަކަށް ހަދައިގެން ބައި ބަހާލީއެވެ.

އެއްބަޔަކު ފައިސާގެ ބާރު ދައްކައިގެން ބައި ބަހާލީއެވެ.

ﷲ ގަންދީ ބުނަމެވެ. އަހުރެންނަކަށް ނޭނގެއެވެ.

ބައިބައި ކޮށްލީ ކާކު ކޮންއިރަކު ކަމެއް ނޭނގެއެވެ.

އެކަމަކު ބައިބައިކޮށްލީ ތިބާއާއި އަހުރެން ފަދަ މީހުންނެވެ.

އެކި ކުލައިން ކުލަޖައްސަދިނީ އަހުރެމެންނެވެ.

އެންމެ ފުރަތަމަ މީހުންގެ ހިތްތައް ވަކިކޮށްލީއެވެ.

ދެވަނައަށް މީހުންގެ ދޫތައް ވަކިކޮށްލީއެވެ.

އެއަށްފަހު މަޑުމަޑުން ޤައުމު ބައިބައިކޮށްލީއެވެ.

 

އަހުރެމެން މިއީ އެކުއެކީގައި އުޅުނު ދިވެހިންނެވެ.

ޢާއިލާއާ އެކުގައި ހަމަޖެހިގެން އުޅުނު ދިވެހިންނެވެ.

މިއަދު އަހުރެމެންގެ ގެތަކުގައި ހުރަސްތައް ލެވިއްޖެއެވެ.

ޢާއިލީ ގުޅުންތައް ކެނޑި ލޭގެ ޙުރުމަތްވެސް ކެނޑިއްޖެއެވެ.

މިތުރުން ހަތުރުންނަށްވެ، ހަތުރުން މިތުރުންނަށް ވެއްޖެއެވެ.

މިއަދު ރަށްޓެހިން ބީރަށްޓެހިންނަށް ވެއްޖެއެވެ.

އަދި ބީރަށްޓެހިން ރަށްޓެހިންނަށް ވެއްޖެއެވެ.

އަވަށްޓެރިންގެ އަވަށްޓެރިކަން ކެނޑިއްޖެއެވެ.

ﷲ އަޅަމެންނަށް ރަޙުމަތް ލައްވާށިއެވެ.

ދެން ކުރިމަތިވާނީ ކޮންފަދަ ހުރަހެއް ކަމެއް ނޭނގެއެވެ.

އަހުރެމެންގެ ދީނާއި ސިޔާސަތު ވަކިކޮށްލާނީ ހެއްޔެވެ؟

އަހުރެމެންގެ ފުރާނައާ ހަށިގަނޑު ވަކިކޮށްލާނީ ހެއްޔެވެ؟

އަހުރެމެންގެ އަތާއި ފައި ހަށިގަނޑާ ވަކިކޮށްލާނީ ހެއްޔެވެ؟

އަހުރެމެންގެ ޙިއްސުތަކާއި އިޙްސާސްތައް ވަކިކޮށްލާނީ ހެއްޔެވެ؟

 

ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށްލުމުގެ ކުރިންނެވެ.

އަދި ހިތާއި މެއާއި ލަނގޮޑި ވަކިކޮށްލުމުގެ ކުރިންނެވެ.

މި ޖަޒީރާ ރަށްތައް ބައިބައިކޮށްލި ފަދައިންނެވެ.

އެކަނިވެރިވެފައިވާ އަހުރެންގެ ރަޙުމަތްތެރީންނޭވެ.

ބައިބައިވެފައިވާ އަހުރެންގެ ރަޙުމަތްތެރީންނޭވެ.

އެކަކު އަނެކަކަށް އެއްބަސްވަމާ ހިނގާށެވެ.

އެންމެން އެކަތިގަނޑަކަށްވަމާ ހިނގާށެވެ.

މާމުޔާއި މާމުއި ކުޅަނދުރުތަކެއް ހެންނެވެ.

މި ފަސްގަނޑު ސަލާމަތްކުރަމާ ހިނގާށެވެ.

އެއް ބައެއްކަން ޤަބޫލުކުރަމާ ހިނގާށެވެ.

އެއް ސަޤާފަތެއްކަން ޤަބޫލުކުރަމާ ހިނގާށެވެ.

އެއް ދީނެއްކަން ޤަބޫލުކުރަމާ ހިނގާށެވެ.

އެއް ބަހެއްކަން ޤަބޫލުކުރަމާ ހިނގާށެވެ.

އެއް އަދަބިއްޔާތެއްކަން ޤަބޫލުކުރަމާ ހިނގާށެވެ.

 

މި ޤައުމު އެދި އާދޭސް އެބަ ކުރެއެވެ.

އެއީ އަތަމަނަހުރާގެ ފަހުގެ ޝަކުވާއެވެ.

ހިންދުކަރައިގެ ވަކިތަކުން ސަލާމަތްކުރާށެވެ.

އެންމެން ގުޅިގެން ސަލާމަތްކުރާށެވެ.

ހުރަސްތައް ނައްތާލާ އެކުވެރިވާށެވެ.

ތިޔައީ ޗައިނާގެ ބޮޑުފާރެއް ނޫނެވެ.

ބާލިން ފާރުވެސް ވައްޓައިލިއެވެ.

ދެ ޖަރުމަނުވެސް އެއްބައިވިއެވެ.

އަހުރެމެން ނުވާންވީ ކީއްވެ ހެއްޔެވެ؟

މިނވަންކަން ގެއްލި އަޅުވެތި ވަނީއެވެ.

އަދިވެސް ހޭއަރާކަށް ނުވޭހެއްޔެވެ؟

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
114
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *