ގިސްލަ ގިސްލާފައި މަގޭ ނިކަމެތި މި ހިތް ރޯ އަޑު އަހަން
އިސްޖަހާ ލެވުނީ ލޮލުން ކަރުނައިގެ ލޭ ތިކިތައް ޖަހަން
ފަސް ނުޖެހި އަހުރެންގެ މޭ ކޮނެގެން ނަގައި ކުދިކޮށް ކޮށާ
ގަސްދުގައި ތަބަކަށް އަޅައިގެން އެ ތިބަގެން ދުވަނީ ބަހަން
އަތް ފަޔާ ހަށިގަނޑުގެ ގުނަވަންތައް ކަނޑާ ވިއްކައިފިޔޭ
ގަތް ބަޔަކު އެ ގަތީ އުފަލުގައި ލޮނުމިރުހު ލައިގެން ފިހަން
ހީލަތުގެ ބާޒާރުގައި ވިއްކާލުމަށް ރާވާ މޮޅަށް
ނީލަމަށް ލާން ފޫ ގަޅައި، އެ ދިމާކުރީ ކަރު ވާ ޖަހަން
ހަކަތަ ހުރި އަތަކުން ދުރަށް ވިސްނާ ފިކުރުކޮށްގެން ޖަހާ
މަކަރުވެރި ދަންތުރަޔަކަށް މަޖުބޫރު ހެއްޔޭ ބޯ މަހަން
މިހިރަ ކަންކަން ލޯމަތީ ތަކުރާރު ވާ އިރު ކުޅިބަލަން
ކިހިނަކުންބާ؟ތިބެވެނީ ޖެހިލުންވުމެއް ނެތި އަތް ޖަހަން
ކާކުހޭ މަދަދުގެ އަތެއް ދިއްކޮށްލުމަށް ފެންނަން ހުރީ
ތާކު މިއަދަކު އެފަދަ މީހަކު ނެތް އިނގޭ! މި އުދާސް އަހަން
ސިފަކުރާނީ ކިހިނަކުން ދޭ ގެއްލުމާ މި ފަނާކުރުން
މިފަދަ ރަޙުމެއްނެތް ދަރީން ހެޔޮ ވާނެތޯ ބަނޑަކުން ވިހަން
