ކޮވިޑް-19 އަށް ފަރުވާ ކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރަށް ބަދަލުކޮށްފިއެވެ.
ޓްރަމްޕުގެ ހާލުކޮޅު ކުރިއަށް އޮތް ދުވަސްތަކުގައި މޮނީޓަރ ކުރަމުން ދާނީ ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރުންނެވެ. މިއީ 1981 ގައި ރައީސް ރޯނާލްޑް ރޭގަންގެ ހަށިކޮޅަށް ބަޑި ޖެހުމުގެ ފަހުން، އެމެރިކާގެ ރައީސެއްގެ ސިއްހަތު އެންމެ ގޯސްވި ފަހަރެވެ.
ވައިޓް ހައުސް އިން މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހުގެ ރޭ، ޓްރަމްޕް ވަނީ ރެމްޑެސިވިރް ނަންގަވަން ފައްޓަވާފައެވެ. އަދި އެގޮތުން އޭގެ އެއް ޑޯޒް ރޭގައި ނަންގަވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރަމްޕުގެ ހާލުކޮޅު މިހާރު ރަނގަޅެވެ. އަދި އޮކްސިޖަން ބޭނުންކުރައްވަން ޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ވައިޓް ހައުސްގެ ސިއްހީ މާހިރުން ބުނެއެވެ.
"ފެންނަނީ ކުދިކުދި އަލާމާތްތަކެއް. ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރަށް ޓްރަމްޕް ގެންދެވުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން. އަދި ޓްރަމްޕްގެ ޑޮކްޓަރާއި ވައިޓް ހައުސްގެ ސިއްހީ މާހިރުންގެ ލަފާގެ މަތިން،" ވައިޓް ހައުސްގެ ސްޕޯކްސްޕާސަން ކޭލެއި ވިދާޅުވިއެވެ.
މައުލޫމާތު ލިބޭގޮތުގައި ހުކުރު ދުވަހު ޓްރަމްޕް ވަނީ ހުންފުޅު އައިސްފައެވެ. އަދި ޓްރަމްޕުގެ ޑޮކްޓަރު ބުނީ އިއްޔެ ޓްރަމްޕް ވަރުބަލިފުޅުވެވަޑައިގަތުމުގެ ސަބަބުން އެންޓިބޮޑީ އެކުލެވޭ ސިރަޕެއް އަރުވާފައިވާ ކަމަށެވެ.
ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާގެ އިތުރުން ޓްރަމްޕުގެ އެންމެ އިސް އެއް އެޑްވައިޒަރު ކަމަށްވާ ކެލީއޭން ކޮނީވޭ ވެސް ރޭގައި ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ކެއްސުން ފަދަ ކުދިކުދި އަލާމާތްތައް ފެންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޓްރަމްޕް ޕޮޒިޓިވް ވުމާ ގުޅިގެން ނައިބު ރައީސް މައިކް ޕެންސާއި، އިދިކޮޅު ޕާޓީގެ ލީޑަރު ޖޯ ބައިޑެން ވަނީ ކޮވިޑް-19އަށް ޓެސްޓްކޮށްފައެވެ. ނަމަވެސް އެ ދެބޭފުޅުންގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.



advertisment