Support Us

ކޮލަމް: ތަޖޫގެ ދުލުން

"ޕޮކެޓް ކޮވިޑް" އެބައުޅެއެވެ.

މަށަށް ވަޒީފާގަނޑެއް ދީބަލާށޭ ބުނީމާ ކަލެއަށް ތިއޮއްވީ ގޮތެއްދޯއެވެ. މޫނަށް ތިގެނައި މާޔޫސްކަމެއް ދޯއެވެ. ދެރަވާ މަންޒަރެއްގައި މަރްޔަމް ނިޝާއަކަށްވެސް ތިވައްތަރެއް ނުޖެއްސޭނެއެވެ. މުޅިމީހާ ކަރުއެލި ގައިންވަރުދޫވެ ދެލޯ ފެންކަޅިވި ގޮތުން މަހަމަ އަޖައިބު ވެއްޖެއެވެ. ވަޒީފާއެއް ދެވެންނެތިއްޔާ އެވާހަކަ ބުނީމާ ނިމުނީނޫންހެއްޔެވެ. ކޮންމެހެން ކޮވިޑޭ ނުކިއަކަސް ފުދިދާނެއެވެ.

އެކުވެރިޔާއެވެ. ތިއުޒުރުދެއްކުމުގައި އުޅެނީ ވިޔަފާރިވެރިންގެ ތެރެއިން ކަލޭއެކަންޏެއްނޫނެވެ. ވަޒީފާއިން މީހަކު ކަނޑައިލަންވީމާ ކޮވިޑެވެ. މުސާރަކުޑަކުރަން ވީމާވެސް ކޮވިޑެވެ. މުދާއަގުބޮޑު ކުރަންވީމާވެސް ކޮވިޑެވެ. މުސާރަނުދީ ގެއަށް ފޮނުވައިލަންވީމާވެސް ކޮވިޑެވެ. ރައްޔިތަކަށް އެއްޗެއް ދިއްކޮށްލަން ވެއްޖެއްޔާވެސް ކޮވިޑެވެ. ކަލެއަށް އެނގޭ ހެއްޔެވެ؟ އެވެރިން އެކިޔަނީ ހަމަ ރަނގަޅުއެއްޗެކެވެ. އެއީ ޗައިނާގެ ވުހާންސިޓީން ނުކުމެގެންއައި ކޮވިޑެއް ނޫނެވެ. އެކޮވިޑަށްވުރެ މި ކޮވިޑު މާނުރައްކާ ބޮޑެވެ. ވިޔަފާރިވެރިޔާއާއި ޢިއްޒަތްތެރިކަން ރައްޔިތުންދީފައި ގޮނޑިގޮނޑީގައި ތިބޭ ވެރީންނަށް މިޖެހޭ ކޮވިޑަށް ކިޔަނީ "ޕޮކެޓް ކޮވިޑް" އެވެ.ޕޮކެޓް ކޮވިޑް ޖެހެނީ އެވެރީންގެ ޖީބަށެވެ.

ޕޮކެޓް ކޮވިޑަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ މީހާގެ ވާހަކަ ކަލޭ އެހިންހެއްޔެވެ؟ ނޭނގެންޏާ ދެކަންފަތް ހުޅުވައިގެން ރަނގަޅަށް އަޑުއަހާށެވެ. އެއީ ރައްޔިތުން އިއްޒަތް ކަށަވަރުކޮށްދީފައި ބައިންދާފައި އިންބޭފުޅެކެވެ. އެބޭފުޅާގެ ސިންޓޮމްސްތައް ނިކުމެ ބ. އަތޮޅު ބޮޑުފިނޮޅުގައި މުސާރަނުދޭކަމަށް ބުނެ ހަޅުތާލުތައް ހަދައި ދިވެހީންގެ ބަޔަކު ރަހީނުކޮށް އެތައްލައްކަ ރުފިޔާގެ ގެއްލުން ތަކެއްޗަށާއި އިމާރާތައް ދިނެވެ. އެންމެފަހުން ރަހީނުން ސަލާމަތްކުރަން އެރަށަށް އެރި ފުލުހުންގެ ލޮލަށްބޮލަށްވެސް ސިމްޓޮމްސް އަރައިގަތީއެވެ. ހުޅުމާލެގަޔާއި ތިލަފުށީގައިވެސް ބިދޭސީ ލޭބަރުން ނުކުމެ ހަޅުތާލު ހަދާ މުޅި ޤައުމީ ސަލާމަތް ގުޑުވައިލީއެވެ. އެއީވެސް ހަމަ ވިޔަފާރިވެރި ބޭފުޅުންކޮޅެއްގެ ޖީބަށް ކޮވިޑުޖެހި މުޅި ޖީބު އިންފެކްޓުވުމުގެ ނަތީޖާއެވެ. ޖީބުން އިންފެކްޓުވީމާ ޖީބުގައި ހުންނަ ފައިސާއެއް ނުނެގޭނެދޯއެވެ. އެންމެފަހުން ގިނަ ލޭބަރުންތަކެއް ކުށްވެރިވެ މަގުމަތިވީއެވެ. ސަރުކާރަށް ބަލަދުއެރީއެވެ. "ޕޮކެޓް ކޮވިޑް" އަޅެ ނުރައްކަލެއް ނޫންހެއްޔެވެ؟

ރިޒޯޓު ވަޒީފާ އަދާކުރި އެތައް ބަޔަކު ދެއަތް ފޮޅާލާފައި ރަށަށް ދާންޖެހުނު ވާހަކަ ކަލޭ އެހިންހެއްޔެވެ؟ "ހޭ" ވެސް އަހައިނުލާ ވަޒީފާއިން ކަނޑައިލި މުވައްޒަފުންގެ ވާހަކަ ކަލޭ އެހިންހެއްޔެވެ؟ ކޮވިޑް ކަންތައް ނިމުނީމާ ވަޒީފާއަށް ނެރޭ ގޮތަށް ގެއަށް ފޮނުވާލި ކުދިންގެ ވާހަކަ ކަލޭ އެހިންހެއްޔެވެ؟ ދިހަހާސް ރުފިޔާ ލިބޭ ކުއްޖާއަށް ހަމައެކަނި ދެހާސް ރުފިޔާގަނޑު ދޭން ބޮޑުވި މުއްސަނދިންނާއި މުސާރަ ކަނޑައެޅިގެން ނުދީ ހިފަހައްޓައިފައި ތިބި މުއްސަނދިން މި ޤައުމުގައި ތިބިކަން ކަލެއަށް އެނގޭހެއްޔެވެ؟ މަމިހެން ބުނީމާ ކަލޭ ބުނާނެއެވެ، ފަތުރުވެރިކަން ހުއްޓުނީމާ މުއްސަނދިންނެއް ކަމަކު ތިބޭނީ ހާލުގައެވެ. ބޭރު ފައިސާ ނުލިބެންޏާވެސް އެހެންވާނެއެވެ. ރަނގަޅެވެ. ދަތިވާނެއެވެ. ދަތިނުވާނެއެކޭ މަށެއް ނުބުނަމެވެ. އެކަމަކު ވިހިތިރީސް އަހަރުވަންދެން ރިސޯޓު ހިންގި މީހާއާއި ދުނިޔެއަށް ލޯހުޅުވައިލީއްސުރެ ވިޔަފާރީގައި އުޅޭ މީހާ އެންމެ ތިރީސް ދުވަހުން ބަނޑަށް ޖެހިގެން އިއުލާނުކުރީމަކާ އަދި ރަނގަޅެއް ނޫންދޯއެވެ؟ މަސްފަލަ އެކައުންޓުތައް ހުންނަ ވިޔަފާރިވެރިޔާ މަގުމެދަށް ނުކުމެ ބަނޑުގައި އަތްއަޅައިގެން ރޯންފެށީމަކާ ކަމަކު ނުދާނެއެވެ. އެގޮތަށް އެހާފަސޭހައިން އެ ރޮވެނީ "ކޮވިޑް ޕޮކެޓް" ޖެހުނީމައެވެ. މިބަލި ޖެހުމުން އެންމެ އަވަހަށް ފެންނާނެ އަލާމާތަކީ މުވައްޒަފުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. ވިއްކާ މުދަލުގެ އަގު ބޮޑުކުރުމާއި ޚިދުމަތަށް ހިތުހުރިހާ އަގެއް ނެގުމަކީ ވެސް މި ބަލީގެ އަލާމާތްތަކެވެ. ފިހާރައިގައި ދެރުފިޔާބަޔަށް ވިއްކަން ބާއްވައިފައި އޮތް ލުނބޯ އަށްރުފިޔާއަށް ވިއްކައިލެވެނީ އެހެންވެގެންނެވެ. ކަނޑޫދޫ މިރުސް ކިލޯ ދެހާސް ރުފިޔާއަށް ވިއްކައިލެވެނީ އެހެންވެގެންނެވެ. މުދާކޮޅު އަގުބޮޑުކޮށްފައި ލޮކްޑައުންގައި ގޭގައި ހުންނަ މީހާއަށް ޑެލިވަރީކޮށްދީފައި ޑެލިވަރީ ފީވެސް އެނަގައިލަނީ ހަމަ މިބަލީގެ ގޮތުންނެވެ.

ކޮވިޑް 19ގައި ވެސް އެންމެބޮޑު ބިރަކީ އަނގައިގައި އަތްލެވިދާނެތީ ދޯއެވެ؟ އެކުވެރިޔާއެވެ. މިބަލީގައި ވެސް އަނގައިގައި އަތްލީމާ އަދި މާނުބައި ގޮތެއްވެއެވެ. ފައިސާގައި އަތްލާފައި އަނގައިގައި އަތްޖެހޭއިރަށް އެފައިސާބޮނޑި ވަގުތުން ގޮހޮރަށް ދާނެއެވެ. މިބައި މިފަހަރު ބޮޑަށް ހިނގީ ސަރުކާރުގެ އިދާރާތަކުގައެވެ. ކޮވިޑާއި ގުޅުންހުރި ފައިސާއާއި މުދަލާއި ޚިދުމަތްވެސް ގޮހޮރަށް ގޮސްގެން އެއްބަޔަކު ވަޒީފާއިން ދުރުކޮށް ކަރަންޓީނުކޮށްފައި ގޭގައި ބައިތިއްބާފައިވެސް އެބަތިއްބެވެ. "ޕޮކެޓް ކޮވިޑް" ރާއްޖޭގައި އޮތްކަން ނޭނގޭ ދިވެއްސަކު މިހާރު ހުންނާނެއެކޭ މަގޭ ހިތެއް ނުބުނެއެވެ. ފަހަރުގައި ޑަބްލިޔު.އެޗް.އޯ.އަށް މިކަން އަދި ނޭނގި އޮވެދާނެ ތޯއްޗެކެވެ.

އެކުވެރިޔާއެވެ. ވަޒީފާއެއް ދީބަލާށޭ ހަމަ މީހަކު ބުނާއިރަށް މިދުވަސްކޮޅު ވިޔަފާރިއެއްނެތޭ އެ ކިޔަނީ އުޒުރެއް ދައްކައި އެކަމުން ސަލާމަތްވާށެވެ. ހަމަ ހަގީގަތުގައި ވެސް "ޕޮކެޓް ކޮވިޑް" އަށް ޕޮޒިޓިވްވީމާ މުއްސަނދި މީހާއަށް ވާނެ ވަރަށްގިނަ ގޮތްގޮތް ހުންނާނެދޯއެވެ.