Support Us

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 25 ބުރީގެ ޓަވަރުތައް ބަލައިލަން މީހުން ޒިޔާރަތްކުރަނީ -އަދިވެސް ފޮޓޯ

25 ބުރީގެ ޓަވަރުތައް ބަލައިލަން ގިނަ ބަޔަކު ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބުރިޖެއް އާންމުކޮށް ހުޅުވާލުމުން، 25 ބުރީގެ ޓަވަރުތައް ހަމަ ލޮލުން ދެކެލާށާއި ސެލްފީ ނެގުމުގެ އިތުރުން ހަވީރުފިންޏަށް ދުއްވާލަން ގިނަ ބަޔަކު މިއަދު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޒިޔާރަތް ކުރަމުން އެބަދެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހި 2015 ގައި ހިއްކަން ފަށައި، ފްލެޓްތައް އެޅުމާއި، ދެ ރަށް ގުޅުވައިދޭ ބްރިޖުތަކުގެ މަސައްކަތް ކުރާތީ މިހާތަނަށް އޮތީ އާންމުނަށް އެ ސަރަހައްދަށް ނުދެވޭ ގޮތަށް ބަންދުކޮށްފައެވެ.

ނަމަވެސް، ހަ އަހަރަށްފަހު، ދެވަނަ ފިޔަވަހީގެ އެންމެ އިރުމަތީ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ ބައެއް ގެތަކުގައި މީހުން ދިރިއުޅެއް ފެށުމާ އެކު އެ ސަރަހައްދަށް ވަދެވޭ ގޮތަށް އިއްޔެއިން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުންނަށް ދޫކޮށްފައިވާ ބައެއް ގޯތިތަކުގައި އާންމުން ދިރިއުޅެން ފަށައިފައި ވަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން އަޅައިފައިވާ 25 ބުރީގެ ޓަވަރުތަކުގައި އަދި މީހުން ދިރިއުޅޭކަށް ނުފަށައެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާން އޮންނަ ބްރިޖެއް -އަދިވެސް ފޮޓޯ

ހުޅުމާލެ ދެވަނަ ފިޔަވައްސަށް އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވައިލައިފައި ވަނީ ހުޅުމާލޭ ބޮޑު މަގު ނުވަތަ ނިރޮޅުމަގު ނިމޭ ދިމާލުގައި ހަދައިފައިވާ ބްރިޖުންނެވެ. ދެ ރަށް ގުޅޭ ދިމާލުން އޮއި ދެމޭގޮތަށް، ތަފާތު ގޮތަކަށް ހަދައިފައިވާ އެ ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން ކާރާއި ސައިކަލްތަކުގައި ދެވެނީ 25 ބުރީގެ ޓަވަރުތަކުގެ އިރުމަތީ ފަރާތު މަގުން ވަކި ހިސާބަކަށެވެ. މިއަދު ހެނދުނުން ފެށިގެން ގޮސް، އިރުއޮއްސުނު އިރުވެސް، ކާރާއި ސައިކަލުގައި ގިނަ ބަޔަކު ވަނީ ދެވަނަ ފިޔަވަހި ބަލައިލަން ގޮސް ފޮޓޯ އާއި ސެލްފީ ނަގައިފައެވެ. މިއަދު ހަވީރުފިންޏަށް ދިޔަ މީހުންގެ އަދަދު އަދި މާގިނައެވެ. ބައެއް ޒުވާނުން ޑްރޯން ބޭނުންކޮށްގެން ވީޑިއޯ އާއި ފޮޓޯ ނަގަމުންދިޔަތަން ވެސް ފެނުނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 25 ބުރީގެ ޓަވަރުތައް ބަލައިލަން މީހުން ޒިޔާރަތްކުރަނީ -އަދިވެސް ފޮޓޯ

ރައީސް ޔާމީންގެ "ހިޔާ" މަޝްރޫއު" ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކިގެ ސައިޒު ކުޑަކަމުން، މި ސަރުކާރުން އެ ތަން ސިފަކޮށްފައި ވަނީ "ކޮތަރުކޮއްޓެއް"ގެ ގޮތުގައެވެ.

"އަހަރުމެންގެ ފްލެޓް މި ކޮތަރުކޮށީގައި ހުންނާނެ. އެހެންވެ މިތަން ބަލައިލަން މި ޖައްސާލީ،" ކުޑަ ދަރިފުޅާއެކު ސައިކަލްގައި ގޮސް ފްލެޓްތަކުގެ ފޮޓޯ ނަގަމުންދިޔަ މީހަކު ބުންޏެވެ.

"ހިޔާ" މަޝްރޫއު" ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. އަދި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އިއުލާންކޮށް، 2018 ނޮވެމްބަރުގައި ރައީސް ޔާމީނުގެ ދައުރު ނިމުމުގެ ކުރިން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދީފައެވެ. ނަމަވެސް، ފްލެޓަށް "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" ހެދުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބަލައި، އެ ލިސްޓު އަލުންބަލުން ބަލައި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އަނެއްކާ ވެސް އާންމުކޮށްފައެވެ. މި ސަރުކާރުން އާންމުކުރި ލިސްޓުގައި، ބައެއް މީހުންނަށް ވަނީ ކުރިއަށްވުރެ ޕޮއިންޓް އިތުރުވެ، އަނެއް ބަޔަކަށް ދަށްވެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 25 ބުރީގެ ޓަވަރުތައް ބަލައިލަން މީހުން ޒިޔާރަތްކުރަނީ -އަދިވެސް ފޮޓޯ

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އާންމުކުރަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި އާންމުނަށް ދޭން ހުރި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ.

މި ފްލެޓްތައް ނިމޭނީ އަންނަ އަހަރު އެޕްރީލަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭ ފްލެޓްތަކަށް ޝަރުތު ހަމަވިޔަސް، ފްލެޓް ނުލިބޭނެ 4،025 މީހުންގެ ނަން މި ސަރުކާރުން އާންމުކުރި ލިސްޓުގައި އެބައޮތް ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ 25 ބުރީގެ ޓަވަރުތައް ބަލައިލަން މީހުން ޒިޔާރަތްކުރަނީ -އަދިވެސް ފޮޓޯ

"ހިޔާ" ފްލެޓް މަޝްރޫއު ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ޑރ. މުއިއްޒު ވިދާޅުވީ ދޭނީ ކިތައް ފްލެޓްކަން ބަޔާންކޮށް މި ސަރުކާރުން އިއުލާންކޮށްފައިވާ ކަމަށާއި ނަމަވެސް ދާދި ފަހުން އާންމުކުރި ލިސްޓުތަކުގެ ސަބަބުން "ރައްޔިތުންނަށް ވަރަށް ބޮޑަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ" ކަމަށެވެ.

ޑރ. މުއިއްޒު ރޭ ކުރެއްވި ޓްވީޓުތަކެއްގައި ވާގޮތުން މި ސަރުކާރުން އިއުލާންކޮށްފައިވާ "ޝަރުތު ހަމަވާ މީހުންގެ ލިސްޓު"ގެ ތަފާތު ހަތް ކެޓަގަރީއަށް ދޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 5،000 ފްލެޓެވެ. އެ ފްލެޓްތައް ލިބޭނީ ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ ކުރީގައި ނަން އޮތް މީހުންގެ ތަރުތީބުން، ކަނޑައެޅިފައިވާ އަދަދާ ހަމައަށް ކަމަށް ވިދާޅުވެ، ތަރުތީބު ނަންބަރުތަކެއް ވެސް ޑރ. މުއިއްޒު ވަނީ އާންމުކުރައްވައިފައެވެ.

"މިސަލާކަށް H8 ކެޓަގަރީގެ ލިސްޓުގައި 1773 ވަނަ އިން ފެށިގެން ދަށުގައި ލިސްޓުގައިވާ ހުރިހާ ބޭފުޅުންނަކީ ފްލެޓް ނުލިބޭ ބޭފުޅުން، ޑރ. މުއިއްޒު ވިދާޅުވިއެވެ. "މި ސަރުކާރުން ލިސްޓުތައް އާންމުކުރަމުން ދާގޮތުން ("ޝަރުތު ހަމަވާ" މީހުންގެ ލިސްޓުގެ ނަމުގައި) ރައްޔިތުންނަށް ވަރަށް ބޮޑަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ."

އިތުރު ފޮޓޯތައް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ރައްތައް ފަޅުކުރުމަށް 2 ވަނަ އަދި 3 ވަނަ އޭ ކިޔާގެން ހިންގޭ ޕުރެޖެކްޓް …

  2. ނައިބު ތުއްތޫ 100 މީހުން ހަމަ ނުވާ ރަށްތަކުގައި އުޅޭނެ ގޮތެއް ބުނެދީބަލަ… ދުނިޔެ ތަރައްގީ ވީ މީހުން ގިނަ ސިޓީތައް އުފައްދައިގެން ލަންޑަން ކަމުގައި ވިއަސް ޓޯކިޔޯ ކަމުގައި ވިއަސް ބޮންބޭ ދިއްލީ ކަމުގައި ވިއަސް ކޮލަމްބޯ ކަމުގައި ވިއަސް އަގުވެސް ބޮޑުވާނެ ދިރި އުޅުމުގެ ފެންވަރުވެސް މަތިވާނެ ރަށެއްގައި ހުންނާނެ ރަނގަޅު ޑޮކްޓަރަކު ނުލިބެނީ މަހަކު އޮޕަރޭޝަނެއް ކޮށްލަން ނުލިބޭތީ މިވަރު ދަސްކޮށްބަލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *