Support Us

ގެއްލިފައިވާ އަންހެނެއް ދެ އަހަރު ފަހުން، ކަނޑުގައި އޮއްވާ ފެނިއްޖެ

އާއިލާއާއި ގުޅުން ކެނޑި، އުޅޭ ނޫޅޭ ތަނެއް ނޭނގި ގެއްލިފައިވާ އަންހެނެއް ދެ އަހަރު ފަހުން، ކޮލޮމްބިއާގެ ކަނޑުގައި ދިރިއޮއްވާ ފެނިއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު މި އަންހެން މީހާ ފެނިފައިވަނީ އެޓްލާންޓިކޯގެ ޕުއަރޓޯ ކޮލޮމްބިއާގެ ބީޗެއްގެ އައްސޭރިފަށާ މޭލެއް ދުރުންނެވެ.

އުމުރުން 46 އަހަރުގެ އެންޖެލިކާ ގައިޓަން ކަނޑުމަތިން ފެނުނީ އެ ހިސާބަށް ނުކުމެ އުޅުނު މަސްވެރިއެއް ކަމަށްވާ ރޮލާންޑޯ ވިސްބާލްއަސެވެ. ރޮލާންޑޯއަށް އެންޖެލިކާ ފެނުނުއިރު އޭނާ ކަނޑުމަތީގައި އަށް ގަޑިއިރު ހޭދަކުރުމުގެ ސަބަބުން ގައިގެ ހޫނުމިން ވަނީ ވަރަށް ބޮޑަށް ދަށްވެ، ހާލުދެރަވެފައެވެ.

އެންޖެލިކާ ސަލާމަތްކުރުމުން، މީޑިއާ އަށް އޭނާ މައުލޫމާތު ދިން ގޮތުގައި އޭނާ ކަނޑަށް ފުންމާލީ އަމިއްލައަށް މަރުވުމަށެވެ. އަދި މިއީ އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން 20 އަހަރު ވަންދެން ކުރިމަތިލާންޖެހުނު އަނިޔާއިން ސަލާމަތްވުމަށްޓަކައި އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ. އޭނާގެ ކުރީގެ ފިރިމީހާ ވަނީ މީގެ ދެއަހަރު ކުރިން އެންޖެލިކާއާއި އޭނާގެ އާއިލާއާ ދުރުކުރުވާފައެވެ.

ކޮލޮމްބިއާ ނޫހެއްގައި ވާގޮތުން މަސްވެރިންނަށް ފުރަތަމަ އޭނާ ފެނުމުން އެއީ ލަކުޑިގަނޑެއް ކަމަށް ހީވިއެވެ. ނަމަވެސް ކައިރިވުމުން އެއީ ވަރަށް ހާލު ދެރަވެފައިވާ އަންހެނެއްކަމާއި ސަލާމަތަށް އެދި އަތުން މަޑުމަޑުން އިޝާރާތްކުރާކަން މަސްވެރިންނަށް އެނގުނެވެ.

މި ވީޑިއޯ އިން އެންޖެލިކާ ގެނެސް ދޯންޏަށް އެރުވުމަށްފަހު ފެންފޮދެއް ދީ ވާހަކަ ދައްކަން އުޅުމުން، އެންޖެލިކާ އަށް ރޮވޭ ތަން ވީޑިއޯ އިން ފެނެއެވެ. ވީޑިއޯ ނިމޭ އިރުވެސް އޭނާގެ ހާލަތު ހުރީ މިހެންނެވެ.

އެންޖެލިކާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާ ހުރީ ޝޮކުގެ ހާލަތުގައެވެ. ވާހަކަ ދެއްކޭ ފަދަ ހާލަތަކަށް ދިޔުމުން އޭނާ ބުނެފައިވާ ގޮތުގައި ކަނޑަށް ފުންމާލެވުނީތީ އޭނާ މިހާރު ދެރަވެއެވެ. އަދި އޭނާއަށް ކަލާނގެ އިތުރު ފުރުސަތެއް ދިނީ ކަމަށްވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"ފިރިމީހާ އަނިޔާ ކުރަން ފެށީ އަލަތު ދަރިފުޅަށް ބަލިވެ އިން ހިސާބުން ފެށިގެން. އޭރު އޭނަ އަހަރެން ގައިގަ ތެޅި. ވަރަށް އަނިޔާވެރިކޮށް ތެޅި. ދެވަނަ ފަހަރަށް ބަލިވެއިން އިރުވެސް އަނިޔާ އަކަށް ބަދަލެއް ނާދޭ. އެކަމު އޭރު ދަރިންކޮޅު ކުދިވީމާ، ފިރިމީހާ ކައިރިން ސަލާމަތްވެވޭނެ ގޮތެއް ނެތް،" އާރް.ސީ.އެން ރޭޑިއޯ އަށް މައުލޫމާތު ދެމުން އެންޖެލިކާ ބުންޏެވެ.

"އޭނާ އަނިޔާކުރާ ވާހަކަ ފުލުހަށް އެތައް ފަހަރަކު އަހަރެން ރިޕޯޓް ކުރިން. އެކަމަކު ކޮންމެ ފަހަރަކު ފުލުހުން އޭނާ 24 ގަޑިއިރު ވަންދެން ހައްޔަރުކޮށްފަ ދޫކޮށްލީމާ، ގެއަށް އައިސް އަނެއްކާވެސް އަނިޔާ ކުރަން ފަށާ،" އެންޖެލިކާ އިތުރަށް ބުންޏެވެ.

އެހެން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި އެއްފަހަރު އޭނާގެ ގޭގައި ފިރިމީހާ ތަޅުލުމުން އޭނާ އަށް ފާހަނާކުރަން ޖެހުނީ ބަގީޗާތެރެއަށެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓްމްބަރު މަހު އޭނާގެ ފިރިމީހާ އޭނާ މަރާލުމަށްވެސް މަސައްކަތް ކުރި ކަމަށްވެއެވެ.

މީގެ ދެއަހަރު ކުރިން އޭނާ ފިރިމީހާގެ ގެއިން ނިކުމެ، ހަ މަސް ވަންދެން މަގުމަތީގައި އުޅުމަށްފަހު، އަންހެނުންގެ ހިޔާ އަކަށް އޭނާ ދިޔައެވެ. ނަމަވެސް އެތަނުން ވެސް އެތައް އަނިޔާއަކާ ކުރިމަތިލާންޖެހުނެވެ. އެންމެ ފަހުން އެތަނުން އޭނާ ނެރެ އެއްލާލުމުން ދިރިއުޅުމައިގެން ކުރިއަށް ދިޔުމުގެ މާނައެއް ނެތް ކަމަށް ވިސްނާ އަމިއްލައަށް މަރުވުމަށް ކަނޑަށް ފުންމާލީއެވެ.

މި ހާދިސާގައި އޭނާގެ އަންހެން ދަރިފުޅު ވަނީ އޭނާގެ މަންމަގެ މި ވާހަކަތައް ދޮގުކޮށްފައެވެ. ނަމަވެސް އޭނާއާއި އޭނާގެ ދައްތައާއި ވެގެން އެކުދިންގެ މަންމަ އަނބުރާ ވެރިރަށަށް ގެންދިޔުމަށް މިހާރު ވަނީ ފައިސާ ހޯދަން ފަށައިފައެވެ. އެކުދިންގެ އުންމީދަކީ މަންމަގެ އާއިލާއިން މަންމަ ބެލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *