ކުވައިތުގެ އަމީރު ޝެއިޚް ޖާބިރު އަލް އަހްމަދް އަލް ޖާބިރް އަލް ސަބާހު، އުމުރުފުޅުން 91 އަހަރުގައި ޔޫ.އެސްގެ ހޮސްޕިޓަލެއްގައި މިއަދު އަވަހާރަވެއްޖެއެވެ.
"ކުވައިތުގެ އަމީރު ޝެއިޚް ޖާބިރު އަލް އަހްމަދް އަލް ޖާބިރް އަލް ސަބާހު އަވަހަރާވެއްޖެކަން ވަރަށް ފުން ހިތާމަޔާއެކު އިއުލާންކުރަން،" ޓީވީއިން ލައިވްކުރި ޕްރޮގްރާމެއްގައި ރޯޔަލް އެފެއަރޒް މިނިސްޓަރު ޝެއިޚް އަލީ ޖައްރާހު އަލް ސަބާހު މިއަދު ވިދާޅުވިއެވެ.
ކުވެއިތުގެ އަމީރުކަމަށް 2006 ގައި އައްޔަނުކުރެވުނު ޝެއިޚް ސަބާހް އުފަންވެވަޑައިގަތީ 1929ގައެވެ. ޝެއިޚް ސަބާހަކީ ކުވެއިތުގެ އާ ފޮރިން ޕޮލިސީ ފަރުމާކުރެއްވި އަމީރުގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. ޕްރައިމް މިނިސްޓަރުގެ ގޮތުގައި 2003 ވަނަ އަހަރު އައްޔަންވުމުގެ ކުރިން 1963 އިން ފެށިގެން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ ވެސް ޝެއިޚް ސަބާހެވެ.
އަނބިކަނބަލުން އަވަހާރަވުމުން އިތުރު ކައިވެންޏެއް ނުކުރައްވާ ޝެއިޚް އުޅުއްވީ 2002 ވަނަ އަހަރު އަވަހާރަވި ދަރިކަނބަލުންގެ ނަމުން ނަން ދީފައިވާ ގަނޑުވަރެއް ކަމުގައިވާ ދާރުލް ސަލްވާގައެވެ. އަމީރު އަވަހާރަވިއިރު ދުނިޔޭގައި ތިއްބެވީ ދެ ފިރިހެން ބޭފުޅުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމީރު އުޅުއްވަނީ އާލާސްކަންފުޅާއެވެ. އަދި މި އާލާސްކަންފުޅަށް މިއަހަރުގެ ޖުލައި މަހު ވެސް ވަނީ ޔޫ.އެސް އިން ފަރުވާ ހޯއްދަވައިފައެވެ. މިނެސޯޓާގައި ހުންނަ މާޔޯ ކްލިނިކަށް އަމީރު ވަޑައިގަތީ ޔޫ.އެސް އެއާ ފޯސް ސީ-17ގައެވެ.
އަމީރުގެ އެޕެންޑިކްސް ވަނީ 2002 ގައި ނަގާފައެވެ. އަދި އޭގެ ދެ އަހަރު ކުރިން ޕޭސްމޭކަރެއް އަމީރުގެ ހިތްޕުޅަށް ލައްވާފައިވެއެވެ. އަދި 2007 ގައި ކުޑަކަމުދާ ނިޒާމުގެ ސާޖަރީއެއް ހައްދަވައިފައިވެއެވެ.
ޝެއިޚް ސަބާހަކީ ކަންކަމުގައި މެދުމިން ގެންގުޅުއްވި އަމީރެކެވެ. މިގޮތުން 1990ގެ ގަލްފު ހަނގުރާމައިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިރާގާ ގުޅުން ބަދަހިކުރުމަށް ލަފާ ދެއްވާފައިވެއެވެ. އަދި އަރަބި ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައިވެސް ހިކްމަތު އަމަލީ އިސްކުރުމަށް އަމީރު ގޮވާލައްވާފައިވެއެވެ.
ޝެއިޚް ސަބާހު ވަނީ 2018 ވަނަ އަހަރު އައިސިސް އާއި އިރާގާ ދެމެދު ކުރި ހަނގުރާމައިގެ ފަހުން، އިރާގު އަލުން ބިނާކުރުމަށް 30 ބިލިއަން ޑޮލަރު ހަދިޔާކުރައްވަން ނިންމަވާފައެވެ. އަދި ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2013 އަދި 2014 ވަނަ އަހަރު ބައިނަލްއަގުވާމީ ގޮތުން އެހީތެރިކަން ހޯއްދަވައި، ސަތޭކަ މިލިއަން ޑޮލަރު ސީރިޔާއަށް ދިނުމަށް ހަމަޖައްސަވާފައެވެ.
"އަޅުގަނޑުމެން ގަބޫލްކުރަނީ ހިކްމަތާއި ވިސްނުންތެރިކަން ފާޅުވެގެންދާނެ ކަމަށް،" ޝެއިޚް ސަބާހް ވިދާޅުވެފައިވެއެވެ.
ކުވައިތުގެ އަމީރަކީ ނުހަނު ގިނަ ގޮތްގޮތުން ކުވައިތަށާއި ކައިރި އެހެން ގައުމުތަކަށް ތަރައްގީއާއި މުއްސަނދިކަން ގެނެސްދެއްވާފައިވާ އަމީރެކެވެ. އަދި ހަމަ އެހެންމެ އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ އަމީރެއްވެސް މެއެވެ. މިކަން އެނގި ހާމަވެގެން ދަނީ ޝެއިޚް ސަބާހް އާލާސްކަންފުޅާ އުޅުއްވަން ފެށުމުން މުޅި މެދުއިރުމަތިން ލިބެމުންދިޔަ ހިތްވަރާއި ލޯބީގެ ސަބަބުންނެވެ.



advertisment
One Response
މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢޫމަތް މިންވަރުކުރައްވާށީ!