Support Us

ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލް ތަސްދީގުކުރައްވައިފި

ކައުންސިލްތަކުގެ ބިން، މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ނެގޭ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

އޮގަސްޓު 26 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިޞްލާޙުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި އިޞްލާޙާއެކު، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާތު ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާތުތައް ވަނީ މި ބިލުގައި ބަޔާންކޮށްފެއެވެ.

މީގެ އިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ޤާއިމުކޮށް އެ ސެންޓަރުތަކުން ޚިދުމަތް ދެވޭނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އަދި މި ޤާނޫނަށް ގެނެސްފައިވާ 17 ވަނަ އިޞްލާޙާއެކު ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، 19 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވީއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *